ބޮލީވުޑް

ކިއާރާ ރާއްޖޭގައި ނަގައި ޝެއާކުރި ފޮޓޯއަށް ފޭނުންގެ ސުވާލެއް!

ކިއާރާ އަދުވާނީ އާ އަހަރު ފާހަގަކުރަން ރާއްޖެ އައިސް ނަގާފައިވާ ވަރަށް ރީތި ފޮޓޯއެއް ބުދަ ދުވަހު އޭނާ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ފޮޓޯގައި އޭނާ ހުރީ ފުރަގަސް ކަނޑާފައި ހުރި ހެދުމެއް ލައިގެން މޫދާ ދިމާލަށް ބަލަހައްޓައި ގެނެވެ. ފޮޓޯ ނަގާފައި ހުރީ އޭނާ ފަހަތުން ފެންނަ ގޮތަށެވެ.

"2021 އާ ދިމާލަށް ބަލަހައްޓައިގެން" ކިއާރާގެ ފޮޓޯ ކެޕެޝަންގައި އޭނާ ލިޔެފައި ވެއެވެ.

ނަމަވެސް ކިއާރާގެ މި ފޮޓޯއަށް ވުރެ ފޮޓޯ ބެލި މީހުންގެ ޝައުގުވެރިކަން ހުރީ އެހެން ދިމާލަކަށެވެ. ގިނަ ބަޔަކު މި ފޮޓޯއަށް ކުރި ކޮމެންޓުގައި ކިއާރާ ކޮށްފައި ވަނީ ހަމަ އެއް ސުވާލެކެވެ. "ސިދާރްތު ކޮބާ؟" އެވެ.

ހަމަގައިމުވެސް ކިއާރާއާއެކު ފިލްމު އެކްޓަރު އަދި ކިއާރާގެ މިހާރުގެ ލޯބިވެރިޔާ ކަމަށް ވާހަކަ ދެކެވޭ ސިދާރްތު މަލްހޯތުރާ ވެސް ރާއްޖެ އައެވެ. އެހެންވެ ކިއާރާގެ ފޮޓޯގައި ސިދާރްތު ނެތީމަ ފޭނުން އޭނާ ކޮބައިތޯ ބަލަން ބޭނުންވީ އެވެ. އެހެން މީހެއްގެ ކޮމެންޓުގައި ބުނީ ފޮޓޯ ނެގީ ސިދާރްތު ކަމަށް ވެދާނެ ކަމަށާއި އެހެންވީމާ ފޮޓޯގެ ކްރެޑިޓް އޭނާއަށް ދޭން ޖެހޭނެ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ކާކުކަން ފޮޓޯ ނެގީ އެހެންނު،" ޕްރީތަމް ކިޔާ މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ކިއާރާ އާއި ސިދާރްތު ރާއްޖެ އަންނަން އެއާޕޯޓަށް ގޮސް ތިއްބާ ޕަޕަރާޒީން ނެގި ފޮޓޯތަކެއް ބުދަ ދުވަހު ސޯޝަލް މީޑިއާގައި ވަރަށް ހިނގާފައި ވެއެވެ.

ސިދާރްތު އާއި ކިއާރާ ރައްޓެހިވެގެން އުޅޭ ވާހަކަ ދައްކާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މިކަން އަކްޝޭ ކުމާރު ވަނީ އޭނާ އާއި ކިއާރާ ބައިވެރިވި "ދަ ކަޕިލް ޝަރުމާ ޝޯ'ގެ އެޕިސޯޑެއްގައި ގާތްގަނޑަކަށް ޔަގީން ކޮށްދީފަ އެވެ. އެ ޝޯގައި ވާހަކަ ދައްކަމުން ކިއާރާއާ ދިމާ ކުރުމުގެ ގޮތުން އަކްޝޭ ބުނީ ކިއާރާއަކީ "ބަޅޭ ސިދާންތޯ ވާލީ ލަޅްކީ ހީ" އެވެ. -- ކިއާރާއަކީ ވަރަށް ރަނގަޅު އަޚްލާގެއްގެ ކުއްޖެކެވެ. --

ކިއާރާ އާއެކު ނަގާފައިވާ ފޮޓޯ ޝެއާ ނުކުރިޔަސް ސިދާރްތުގެ އިންސްޓަގްރާމް ސްޓޯރީގައި ރާއްޖޭގެ ބައެއް މަންޒަރުތައް ޝެއާ ކޮށްފަ އެވެ.