ބޮލީވުޑް

ސިދާރްތު އާއި ކިއާރާގެ ޗުއްޓީ ރާއްޖެއަށް؟

ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ހަގީގަތުގައި ވެސް ރައްޓެހި ވެގެން އުޅޭ ކަމަކަށް މި ދެ އެކްޓަރުން އެއްބަހެއް ނުވެ އެވެ. ނަމަވެސް އެމީހުންގެ އަމަލުތަކުން މިއީ އަސްލު ދެ ލޯބިވެރިންކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. އިންޑިޔާގެ ބައެއް ނޫސްތަކުން މިއަދު ބުނެފައިވާ ގޮތުގައި ސިދާރްތު އާއި ކިއާރާ ވަނީ އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެއަށް އައިސްފަ އެވެ.

މުމްބައި އެއާޕޯޓަށް މި ދެ އެކްޓަރުން އެކުގައި ފުރަން ގޮސް ތިއްބާ ވަނީ ފޮޓޯ ނަގާފަ އެވެ. އަދި އިންޑިޔާ ނޫސްތަކުން ބުނެފައި ވަނީ އެމީހުން ދަނީ ރާއްޖެއަށް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.

މި ދެ ތަރިންގެ ފޮޓޯތައް ނެގި ފޮޓޯގްރާފަރު ސޯޝަލް މީޑިއާގައި މި ފޮޓޯތައް ޝެއާ ކުރަމުން ބުނެފައިވަނީ ސިދާރްތު އާއި ކިއާރާގެ ދަތުރުގެ މިސްރާބު ހުރީ ރާއްޖެއަށް ކަމަށެވެ.

މި ފަހަކަށް އައިސް ރާއްޖެއަށް ޒިޔާރަތްކުރާ ފިލްމީ ތަރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓްނީ ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައި ވެއެވެ. އަދި ތާޕްސީ ޕަންނޫ އާއި ސޮނާކްޝީ ސިންހާ އަދި ތާރާ ސުތާރިއާ ފަދަ ގިނަ އެކްޓަރުންތަކެއް ފާއިތުވީ ދުވަސްތަކުގައި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްފައި ވެއެވެ.

ކިއާރާ އާއި ސިދާރްތު އެކުގައި ކުޅުނު "ޝޭރްޝާހް"ގެ ޝޫޓިންގް ދާދިފަހުން މި ދެ އެކްޓަރުން ވަނީ ނިންމާފަ އެވެ. މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ މި ފިލްމުގެ ޝޫޓިންގްގެ ދުވަސްވަރު ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ކިއާރާ އާއި އަކްޝޭ ކުމާރުގެ "ލަކްޝްމީ" ދާދިފަހުން ވަނީ ރިލީޒް ކޮށްފަ އެވެ. މި ފިލްމުގެ ޕްރޮމޯޝަންގައި ކިއާރާ އުޅުނުއިރު ނޫސްވެރިން އޭނާ އާ ވަރަށް ގިނައިން ސިދާރްތު އާ ބެހޭ ގޮތުން ސުވާލުކޮށްފައި ވެއެވެ. އަދި އަކްޝޭ އާއި ކިއާރާ ބައިވެރިވި ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ވެސް ވަރަށް ގިނައިން ސިދާރްތު އާ ގުޅުވައިގެން ކިއާރާ އާ ތަފާތު ސުވާލުތައް ކުރި އެވެ. ނަމަވެސް އެއްވެސް ފަހަރަކު މާ އެދެވޭ ޖަވާބެއް ކިއާރާއެއް ނުދެ އެވެ. އަދި ސިދާރްތު އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމެއް އަދި އެފަދަ ގުޅުމެއް ނެތް ކަމަކަށް ވެސް ކިއާރާ އެއްބަހެއް ނުވެ އެވެ.

ނަމަވެސް ދެ މީހުން އެކުގައި ޗުއްޓީ ހޭދަކުރަން ފުރާ މަންޒަރުތަކުގެ ފޮޓޯތައް ލީކުވުމުން ހަގީގަތުގައި ވެސް މި ދެ ތަރިންގެ ލޯބީގެ ގުޅުން އޮތްކަން ވަނީ ފަޅާއަރާފަ އެވެ.