ފިނިޕޭޖް

ސިދާތުގެ މަންމަ ޝައުގުވެރިކުރި ގޮތް ކިއާރާ ބުނެދީފި

ސިދާތު މަލްހޯތުރާގެ މަންމަ ޝައުގުވެރިކުރުވުމަށް ކުރި އިޝާރާތް ކިއާރާ އަދުވާނީ ބުނެދީފި އެވެ.

ބޮލީވުޑްގައި މިހާރު އެންމެ މަގުބޫލު ދެމަފިރިންގެ ގޮތުގައި ތިބި ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ކައިވެނި ކުރީ މިއަހަރު އެވެ.

ކިއާރާ އަދުވާނީ ދިން އިންޓަވިއުއެއްގައި ވަނީ އިންޑިއާގައި އެންމެ މަގުބޫލު ލުއި ކާނާ -- ޕަނީ ޕޫރީ ތައާރަފްކޮށްދީގެން ސިދާތު މަލްހޯތުރާގެ މަންމަ ރިމީ މަލްހޯތުރާއަށް އަސަރުކޮށްލެވުނު ގޮތުގެ އުފާވެރި ވާހަކަތައް ހިއްސާކޮށްފަ އެވެ.

“ހަމަ ޔަގީނުންވެސް. އަހަރެންގެ މައިދާތައަށް ޕާނީ ޕޫރީ ވަރަށް މީރުވާނެ. އަދިވެސް މައިދާތަ ހުންނަނީ އަހަރުމެންނާ އެކުގައި މުމްބާއީގައި ދިއްލީ އިން އައިސް. އެހެންކަމުން އޭނާގެ ފުރަތަމަ ދުވަހު އަހަރެންނަށް މައިދާތައަށް ޕާނީ ޕޫރީ މީރުކަން އެނގޭތީ ގޭގައި ޕާނީ ޕުރީ ހެދީ. އެއީ އަހަރެން އޭނާ އިމްޕްރެސް ކުރި ގޮތަކީ. އަހަންނަށް އެނގުން އޭރުން އޭނާ އަހަރެން ދެކެ އެހެން ލެވެލްއަކަށް ލޯބިވާނެކަން. އޭނާ ހާދަ އުފާވިއޭ،” މިރްޗީ ޕްލަސް އަށް ދިން އިންޓަވިއުގައި ކިއާރާ ބުނެފައިވެ އެވެ.

ކިއާރާ އިތުރަށް ބުނީ ދިރިއުޅުން ބިނާވަނީ ދެމީހުންގެ ގުޅުމުހގެ މައްޗަށް ކަމަށެވެ. އެގޮތުން ސިދާތު އޭނާގެ ފިރިމީހާއަށް ވުމަކީ ލިބުނު ނަސީބެއް ކަމުގައި ބުންޏެވެ.

"އަހަރެންގެ ފިރިމީހާ އަކީ އަހަރެންގެ ބެސްޓް ފްރެންޑް. އަހަންނަށް އޭނާއަކީ ހުރިހާ އެއްޗެއް. އެއީ އަހަރެން ކޮންމެ ތަނެއްގައި ހުއްޓަސް އަހަރެންގެ ގެ،" ފިރިމީހާއަށް ތައުރީފް ކުރަމުން ކިއާރާ ބުންޏެވެ.

ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ކައިވެނި ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.