ހަބަރު

ސީރިޔާ އިން އައި މީހާ އާ މަރުކަޒުގައި ބަންދުކޮށްފި

Oct 24, 2020

ސީރިޔާގެ ހަނގުރާމަ އަަށްގޮސް އައި މީހާ، ރިސްކްް އެސެސްމަންޓު ހަދަން މި ފަހުން ގާއިމުކުރި ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދު ކޮށްފި އެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެ އައި ދިވެއްސަކު ހައްޔަރުކުރީ މި މަހު 15ގަ އެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ މީހެއް ކަމަށެވެ. އެއީ ފިރިހެނެކެވެ.

ހޯމް މިނިސްޓްރީން މިއަދު ބަޔާނެއް ނެރެ ބުނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި މީހާ ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ރިސްކް އެސެސްމަންޓު ހެދުމަށް އެ މިނިސްޓްރީން ކަނޑައަޅާ މަރުކަޒުގައި ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގައި އަމުރުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާއިމް ކުރަންޖެހޭ މަރުކަޒުތައް ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައި ގާއިމްކޮށް، އެންޓި ޓޯޗާ ގާނޫނުގެ ދަށުން ދަައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އިއުލާންކޮށްފައިވަނީ މި މަހު 22 ގަ އެވެ.

ހޯމް މިނިސްޓްރީން ބުނީ މިއީ ރާއްޖޭން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓު ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ރައްޔިތުން ރައްކާތެރިކުރުމަށާި އެ މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށާއި ހަރުކަށި ފިިކުރު ފެތުރުން ހުއްޓުވުމަށް ލިބުނު ކުރި އެރުމެއް ކަމަށެވެ.

ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ރައީސް ވިދާޅުވި މުއްދަތުގައި ސީރިއާއިން އެއްވެސް ދިވެއްސަކު ގެނުވުނުކަންވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.