ކްރިމިނަލް ކޯޓް

ހަނގުރާމައަށް ދިޔަ އާއިލާ އިދާރީ ބަންދަކަށް

ސީރިއާއަށް ހަނގުރާމައަށް ގޮސް އުޅުމުގެ ތެރޭގައި ހާލުގައި ޖެހިފައިވަނިކޮށް ރާއްޖެ ގެނައި އާއިލާއަށް ކްރިމިނަލް ކޯޓުން އިދާރީ ބަންދެއްގައި ތިބުމަށް އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެ މީހުން އިދާރީ ބަންދެއްގައި ތިބުމަށް އަމުރުކޮށްފައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ނެވެ. އެ އަންހެން މީހާ ހަނގުރާމައަށް މީގެ ނުވަ އަހަރު ކުރިން ފިލައިގެން ދިޔައީ ދެ ދަރިން ގޮވައިގެންނެވެ. އެކަމަކު އިތުރު ދެ ކުދިން އެ ގައުމުގައި ހުއްޓައި ލިބިފައިވެ އެވެ. ކޯޓުގައި އޭނާ ބުނެފައި ވަނީ އެއީ ހަލާލު ގޮތުގައި ހޯދާފައިވާ ކުދިން ކަމަށެވެ.

އޭނާ ބުނެފައި ވަނީ ކުދިން ގޮވައިގެން އޭނާ އުޅެމުން ދިޔައީ ހަނގުރާމަވެރި ހިސާބެއްގައި ކަމަށެވެ.

އެ އާއިލާ ހުކުރު ދުވަހު ރާއްޖެ ގެނައުމަށްފަހު ހޯމް މިނިސްޓްރީ އިން ބުނެފައި ވަނީ މިއީ ހަނގުރާމަތަކަށް ދިޔަ ދިވެހި އާއިލާތައް ފުރާނައަށް ނުރައްކާވާ ވަރަށް ގޮސްފައިވާތީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ޒިންމާދާރު ދިވެހީންގެ ގޮތުގައި އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައި ފުރަތަމަ އާއިލާ ކަަމަށެވެ.

މީގެ ކުރިން ހަނގުރާމައަށް ދިޔަ މީހުން ރާއްޖެ އައިސް ޖިނާއި އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި އަދި އެއްވެސް ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިނުވެ މުޖުތަމައުއަށް ދޫވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް މި މައްސަލަތައް ނިމުމަކަށް ގެނައުމަށްޓައި އެފަދަ ހާލަތުގައި ރާއްޖެ ގެންނަ އަންހެނުންނާއި ކުޑަކުދިންނަށް ދީނީ އިޖުތިމާއި އަދި ނަފްސާނީ ފަރުވާ ދެވޭނެ ގޮތަށް ގާނޫނާއި ގަވައިދުތަކާއ އިސްލާހުކޮށް އެފަދަ ފަރާތްތައް ރިހިބިލިޓޭޓް ކުރުމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.