ސީރިއާއަށް ހަނގުރާމައަށް ގޮސް އުޅުމުގެ ތެރޭގައި ހާލުގައި ޖެހިފައިވަނިކޮށް ރާއްޖެ ގެނައި އާއިލާ އިތުރު އަށް މަސް ދުވަހަށް ބަންދުގައި ބޭއްތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނައި މި އާއިލާ އިދާރީ ބަންދެއްގައި ބޭތިއްބުމަށް މީގެ ކުރިން ކޯޓުން އަމުރުކޮށްފައި ވަނީ މަސް ދުވަހަށެވެ. ކޯޓުން އަނެއްކާވެސް ވަނީ މުއްދަތު އިތުރުކޮށްފަ އެވެ. އެ މީހުން އިދާރީ ބަންދެއްގައި ތިބުމަށް އަމުރުކޮށްފައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގެ ދަށުންނެވެ.
އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ނެވެ. އެ އަންހެން މީހާ ހަނގުރާމައަށް މީގެ ނުވަ އަހަރު ކުރިން ފިލައިގެން ދިޔައީ ދެ ދަރިން ގޮވައިގެންނެވެ. އެކަމަކު އިތުރު ދެ ކުދިން އެ ގައުމުގައި ހުއްޓައި ލިބިފައިވެ އެވެ. ކުރިން ކޯޓުގައި އޭނާ ބުނެފައި ވަނީ އެއީ ހަލާލު ގޮތުގައި ހޯދާފައިވާ ކުދިން ކަމަށެވެ.
އޭނާ ބުނެފައި ވަނީ ކުދިން ގޮވައިގެން އޭނާ އުޅެމުން ދިޔައީ ހަނގުރާމަވެރި ހިސާބެއްގައި ކަމަށެވެ.
އެ އާއިލާ ރާއްޖެ ގެނައުމަށްފަހު ހޯމް މިނިސްޓްރީ އިން ބުނެފައި ވަނީ މިއީ ހަނގުރާމަތަކަށް ދިޔަ ދިވެހި އާއިލާތައް ފުރާނައަށް ނުރައްކާވާ ވަރަށް ގޮސްފައިވާތީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ޒިންމާދާރު ދިވެހީންގެ ގޮތުގައި އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައި ފުރަތަމަ އާއިލާ ކަަމަށެވެ.
މީގެ ކުރިން ހަނގުރާމައަށް ދިޔަ މީހުން ރާއްޖެ އައިސް ޖިނާއި އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި އަދި އެއްވެސް ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިނުވެ މުޖުތަމައުއަށް ދޫވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް މި މައްސަލަތައް ނިމުމަކަށް ގެނައުމަށްޓައި އެފަދަ ހާލަތުގައި ރާއްޖެ ގެންނަ އަންހެނުންނާއި ކުޑަކުދިންނަށް ދީނީ އިޖުތިމާއި އަދި ނަފްސާނީ ފަރުވާ ދެވޭނެ ގޮތަށް ގާނޫނާއި ގަވައިދުތަކާއ އިސްލާހުކޮށް އެފަދަ ފަރާތްތައް ރިހިބިލިޓޭޓް ކުރުމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.