އަބްދުއްރަހީމް އަބްދުﷲ

އަދުރޭ ރިޔާސީ ކޮމިޝަނަށް ހާޒިރެއް ނުކުރޭ: ޕީޕީއެެމް

އެމްއެމްޕީއާރުސީގެ މައްސަލާގައި ސުވާލުކުރުމަށް، އިދިކޮޅު ލީޑްކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިދިކޮޅުން ދޮގުކޮށްފި އެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ސުވާލުކުރުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއްވެސް ކޮމިޝަަނަކަށް ހާޒިރުކޮށްފައިނުވާ ކަމަށެވެ. އަދި އަދުރޭއާ ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތާއި ގުޅިގެން ކުރީ ސަރުކާރުގެ ބައެއް އިސް ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެކަން އެ ކޮމިޝަނުންވެސް ޔަގީންކޮށްދެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ބޮޑު ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. ބޮޑު ހިޔާނާތުގެ ކަޅު ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ލިބިފައިވާ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެ މައްސަލަތައް އިންސާފުވެރިކޮށް ބަލަން މި ސަރުކާރުން ފުރުސަތު ދޭނެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.