ވާހަކަ

ލޯބިން ބުނެލަން

(20 އޮކްޓޯބަރ 2020 އާ ގުޅޭ)

"ވަޅުލާފައި މިއައީ..." ކެންޒާ މިހެން ބުނުމުން ލައިތުގެ ހައިރާންކަން އިތުރުވިއެވެ.

"ބީ ސިރިއަސް ކެން." ލައިތުއަށް ބުނެވުނެވެ.

"އަހަރެން ވެސް ހިތަށް އެރި މަންމަ ކޮށްލި ސަމާސާއަކަށްވީނަމައޭ..." ކެންޒާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"މަރުވީތަ؟ އެކަމަކު... ކޮންއިރަކު؟... ކީއްވެ އަހަރެން ކައިރީ ނުބުނީ."ލައިތަށް ވެސް ޤަބޫލުކުރަން ދަތިވީއެވެ.

ކެންޒާ ވާހަކަދެއްކުމުގެ ބަދަލުގައި ލައިތުއަށް ބަލަހައްޓައިގެން ހުރީއެވެ. ދެން ލައިތުގެ ދެއަތްތިލަ މޫނާ ދުރަށް ޖައްސާލުމާއެކު އޭނާ ނިދާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކެންޒާއަށް ގޮވަމުން ލައިތު ފަހަތުން އައިސް އޭނާ ހުއްޓުވިއެވެ. ކެންޒާ ޖަވާބެއް ދޭން ބޭނުންނުވުމުން ލައިތު އަޖައިބުވިއެވެ. ކެންޒާ ފެންނަލެއް ތަފާތުހެން ހީވީ ކީއްވެކަން ލައިތަށް ވިސްނެންފެށީ ދެނެވެ.

"ޓޯކް ޓު މީ..." ކަންބޮޑުވެފައި ލައިތަށް ބުނެވުނެވެ.

"ޕްލީޒް... އަހަރެން ވަރަށް ވަރުބަލިވެފަ މިހުރީ..." ލައިތު އަތުން، އަމިއްލަ އަތް މިނިވަންކޮށްލައި ކޮޓަރިއަށް ވަންނަން ކެންޒާ އުޅުނެވެ.

ކެންޒާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އޭނާ ކޮޓަރިއަށް ވަނުމުން ފަހަތުން ލައިތު ވަނެވެ. އަނގައިން ބުނުމެއްނެތި ކެންޒާ އައިސް އެނދުގައި އޮށޯތެވެ. ކައިފްގެ މަރަށްފަހު ކެންޒާގެ ދެ ލޮލުން ކަރުނައިގެ އަސަރާއި ރަތްކަން ކެނޑިފައި ހުރި ވަގުތެއް ލައިތު ނުދެކެއެވެ. ކެންޒާ އެހާ ދެރަވެގެން އުޅެނިކޮށް ވެސް މީގެ ކުރީން ނުފެނެއެވެ. އެ ހިތާމަތަކުގައި އޭނާގެ އެންމެ ގާތުގައި ބައިވެރިވާން ލައިތު ހުރިކަން ކެންޒާއަށް އަންގަން ލައިތު މަސައްކަތްކުރި ނަމަވެސް، އެކަން ކެންޒާއަށް އިޙްސާސްވާހެން ލައިތަށް ހިޔެއްނުވެއެވެ. ފިނިނޭވާއެއް ދޫކޮށްލަމުން ދަތްދޮޅީގައި އަތްލައި ތުނިކޮށްހުރި ތުނބުޅި ރީތިކޮށްލާ ފަދައިން ލައިތު ކަނާއަތްތިލަ ހިންގާލިއެވެ. އެނދުގައި ފައިކުރުކޮށްލައިގެން އަރިއަކަށް ކެންޒާ އޮތީއެވެ. ލޮލެއް ނުމަރައެވެ. އެ ދެ ލޮލުގައިވަނީ ކޮންކަހަލަ ބޭގަރާރުކަމެއް ނޭނގެއެވެ. ކަރުނަ ހިލިފައި ހުއްޓަސް ރޯކަށް ކެންޒާ ނޫޅެއެވެ. ނުފެންނަ ތަކުލީފެއް ކެންޒާއަށް ލިބެމުންދާ ކަހަލައެވެ. ހިތަށް ކެތްނުވެ، ލައިތަށް ދުރަކު ނުހުރެވުނެވެ. ކެންޒާގެ ބިއްދޮށުން އެނދަށް އަރައި ކެންޒާއާ ލައިތު ގާތްވެލިއެވެ.

"އައި އޭމް ހިއާ... އައި ވިލް އޯލްވޭޒް ބީ ހިއާ..." ކެންޒާގެ އުނަގަނޑުމަތިން އަތް އަޅުވާލައި ގާތްކޮށްލަމުން ލައިތު ބުނެލިއެވެ. ކެންޒާގެ ސިކުނޑީގައި ހިނގަނީ ކޮންކޮން ޚިޔާލުތަކެއްކަމެއް ލަފާކޮށްލަން ލައިތަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނާ ހާސްވަނީ އެހެންވެއެވެ. ކެންޒާ ނުރޯތީ އޭނާ ހުރިހާ ހިތާމަތަކެއް ހިތުގައި ފޮރުވައިގެން ހުރީއޭ ލައިތަށް ހީވެއެވެ. ކެންޒާއަށް ކަމެއްނުވާނަމަ އޭނާ އެހާ އަސަރެއްނެތް ފަދަ ގޮތަކަށް މަންމަ މަރުވެއްޖެއޭ ނުބުނީސްކަން ލައިތަށް ޔަގީންވަނީއެވެ.

"ވަގުތު ނުހިނގާނެނަމަ... ދުނިޔޭގެ ދައުރުވުން ހުއްޓި، ހުރިހާކަމެއް މަޑުޖެހޭނަމަ..." ކެންޒާ ބުންޏެވެ.

"ބައެއް ކަންކަމަކީ އިންސާނުންނަށް އެކަންކަމަށް ބާރުނުފޯރުވޭނެކަންކަން." ކެންޒާގެ ބޮލުގެ އިސްތަށިގަނޑުގައި ލައިތު ތުންފަތް ޖައްސާލިއެވެ. ކެންޒާ ބުނަން ބޭނުންވާ އެއްޗެއް ދޭހަނުވިޔަސް، ހިމޭންކަމަށްވުރެ އެގޮތް ވެސް ލައިތަށް މާރަނގަޅެވެ.

"ލައިތު!... އަހަރެން ވަރަށް ވަރުބަލިވެއްޖެ." ކެންޒާއަށް ވަރުބަލިކަން ގެނުވީ އޭނާގެ ފިކުރުތަކެވެ.

"ނިދާލަންވީނު، އަހަރެން ނުދާނަން ދުރަކަށް، އެހެންވީމަ ނިދާލެވޭތޯ ބަލާ." ލައިތު ޚިޔާލު ދިނެވެ.

އިރުކޮޅަކު ހިމޭނުން އޮވެފައި ކެންޒާ އެނބުރިލަން ހަރަކާތްކޮށްލުމުން ލައިތު ޖާގަ ހަދައިދިނެވެ. ހަތަރުކަޅި މަދު ވަގުތުކޮޅަކަށް ވިޔަސް ބައްދަލުވިއެވެ. ކެންޒާ ހީވަނީ ރޯންނުރޯން އުޅޭ ހެންނެވެ. ލައިތުގެ މޭގައި ކެންޒާގެ މޫނު ފޮރުވާލިއެވެ.

"މަންމަ އެއްވެސް ކަމެއް އަހަރެން ކައިރީ ނުބުނޭ." ކެންޒާގެ އަޑު އައީ ކުރެހިގެންނެވެ. ހަމައެވަގުތު ކެންޒާގެ ފޯނު ރިންގުވާންފެށިއެވެ. ފޯނުކޯލަށް ޖަވާބުދޭން ބޭނުންނުވެފައި ކެންޒާ އޮތްހެން ހީވެ ފޯނު ކޮބާތޯ ލައިތު އަހާލިއެވެ. ބާލީސް ކައިރީ އޮތް ފޯނު ނަގަން ލައިތު އުޅުމުން ކެންޒާ ފުންމައިގެން ތެދުވީ ކަމެއް ހަނދާންވި މީހަކު ފަދައިންނެވެ. ދެ ލޯ ބޮޑުކޮށްލެވިފައި ހުރި ގޮތުން ހީވަނީ އޭނާގެ ފޯނުގައި ލައިތު އަތްލަން ބޭނުންނުވަނީ ހެންނެވެ. ޖެހިލުންވެ ބިރުގަނެފައި ހުރި ކަހަލައެވެ. ކެންޒާއަށް ވީގޮތުން ލައިތު ހައިރާންވިއެވެ. ކުރުއަތްމައްޗަށް އޭނާ ތެދުވެލީ ކެންޒާ އެނދުން ފައިބާ ފޯނު އަވަސްއަވަހަށް ނެގިގޮތުންނެވެ.

"ކާކު؟" ކެންޒާ ފޯނަށް ބަލަން ހުރި ގޮތް ފެނި ލައިތު އެއްސެވެ.

"ލައި... ލައިރާ..." ފޯނުގެ ރިންގު ކަނޑާލަމުން ކެންޒާ ބުނެލިއެވެ. މަޑުމަޑުން އޭނާ އެނދުގައި އިށީނެވެ. ހިތުގެ ތެޅުން އަވަސްވީ މިފްރާހު ކަމަށް ހީވެ ލިބުނު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. ލައިރާގެ ކޯލު ކެނޑުމުން ކެންޒާ ފޯނު ނިވާލީއެވެ. އެނދުއަރިމަތީ ހުރި ކުޑަމޭޒުގައި ފޯނު ބާއްވާފައި ލައިތަށް ކެންޒާ ބަލާލިއެވެ. އޭނާ އަރިއަށް އޮށޯވެލައި ދެއަތް ހުޅުވާލި ގޮތުން ކެންޒާ ގާތުން އެ އެދެނީ ގާތަށް އަންނަންކަން އެނގުނެވެ.

"އައި އޭމް ސްކެއާޑް..." ލައިތުގެ މޭގައި މޫނު ޖައްސާލައިގެން އޮވެ ކެންޒާ ބުންޏެވެ.

ބިރުގަންނަނީ ކޮންކަމަކާތޯ ލައިތު އެއްސެވެ. އޭނާ އޮތީ ކެންޒާގެ ނުހަނު ގާތުގައިކަން ބުނެދިނެވެ. ހިތްހަމަޖައްސާލުމަށް އެދުނެވެ. ކެންޒާ ދޫކޮށްލާފައި އެއްވެސް ތާކަށް ލައިތު ދާން ގަސްދުނުކުރާކަން ބުންޏެވެ. އެއާއެކު ލައިތުގެ ޓީޝާޓަށް ކެންޒާ ދަމާލައި އިހުނަށްވުރެ ގާތްވެލައިފިއެވެ.

"ވަރަށް ލޯބިވޭ... އެހެންވެ ބިރުގަންނަނީ... ލައިތަށް ކަމެއްވެއްޖެއްޔާ އަހަރެން މުޅިން އެކަނިވާނެ." ކެންޒާ ބުންޏެވެ.

"މަރުވެދާނެތީތަ؟... މަރެއް ނުހިފެހެއްޓޭނެއެއްނު، އަހަރެންނަށްވުރެ ކުރިން ކެން މަރުވެދާނެ." ލައިތު ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.

"އެހެންވިއްޔާ ރަނގަޅު... ލައިތުއާ ވަކިން އުޅޭކަށް ބޭނުމެއްނޫން." ކެންޒާ ބުނެލިއެވެ.

"އޭރުން އަހަރެންނަށްވާނީ ކިހިނެއް؟ އަހަރެން ހާދަ އެކަނިވާނޭ، އަހަރެން ބޭނުން ކެންއާ މެރީކުރަން، ވެޑިން ޑްރެސްގަ ކެން ވަރަށް ރީތިވާނޭކަން އެނގޭ، މެރީ ކުރުމަށްފަހު ތީ ހަމައެކަނި އަހަރެންގެ ހައްޤަކަށްވާނެ، އެކުގައި ލޯބިވެތި އެތައް ވަގުތެއް ހޭދަކުރަން ބޭނުން، އަހަރެމެންގެ އަމިއްލަ ޢާއިލާއެއް ބިނާކުރުން ވެސް އަދި އޮތީ... ޕްރެގްނެންޓްވެފައި ހުންނައިރު ކެން ހުންނާނޭ ގޮތް ދުށުމަށް ވަރަށް ހިތް އެދޭ." ލައިތުގެ ވާހަކަތައް މެދު ކަނޑާލީ ކެންޒާ ރޯކަން އިޙްސާސްވެގެންނެވެ.

"ކެން..." ދެތިން ފަހަރަށް ލައިތު ގޮވާލިއެވެ.

"އަހަރެންގެ ކައިވެނި ލައިތުއާ ކުރެވޭނޭ މަންމަ ބުނި... އެކަމަކު މަންމަ އެ ދުވަސް ދުށުމަށް މަޑެއްނުކުރި، ކައިފްއާއެކު އެ ދިޔައީ... އަހަރެން މަންމައަށް ބޭނުންވެގެން ބުނީމަ ވެސް އެ ދިޔައީ..." ކެންޒާ ރޮމުން ވާހަކަދެއްކިއެވެ.

* * * * *

ރޭގަނޑު ދިހައެއް ޖަހަނީއެވެ. އެނދުގައި އިށީނދެލައިގެން މިފްރާހު އިނެވެ. ކޮޓަރީގައި ޓަކި ދީފައި ދޮރު ހުޅުވާލީ މުބީނެވެ. އޭނާއަށް އެނދުގެ އަރިމަތީ އިށީނދެ އިން މިފްރާހު ފެނުނެވެ. ކޮޓަރިއަށް ވަދެގެން އައިސް އަތުގައި އޮތް ޕީޒާ ފޮށިގަނޑު މުބީން ބެހެއްޓީ ސައިޑްޓޭބަލް މަތީއެވެ. ދެން މިފްރާހުގެ ގާތުގައި އޭނާ އިށީނެވެ.

"ޝީ ލެފްޓް ވިތް ހިމް..." މިފްރާހު މަޑުމަޑުން ބުނެލިއެވެ.

"ދެން ކިހިނެއް ހަދަނީ؟ ދޫކޮށްލަނީތަ؟ ފޯނު ކޮބާ؟ މަންމަ އަހަންނަށް ގުޅި... މިފޫ ފޯނަށް ނުގުޅިގެން، މަންމަ ބުނީ މިފޫ މިކޮޅުގައި އެހާ ގިނަދުވަސްވަނީ ކީއްވެހޯ؟ މިކޮޅުގައި ހުންނަން އެކަކުވެސް ޤަބޫލެއްނޫން، އިންނަން އުޅޭ ކުއްޖާގެ ސަބަބުންތޯ ވެސް އެހި... މިފޫ ކީކޭ ކިޔާފަ ތިއުޅެނީ."

"އަހަރެން ވެސް ބޭނުނީ އެގޮތޭ... ކެންޒާ ގޮވައިގެން މަންމަމެން ގާތަށް ދާށޭ، އެކަމަކު އޭނާ އަހަރެންނާ ގުޅެން ބޭނުންނުވާތީއެއްނު މިއުޅެނީ، އަހަރެން ކައިރިއަށް އަންނާނޭ ގޮތެއްވާނަމައެއްނު... އަހަރެން ހީކުރީ އޭނާއަށް އެހެން ހެދީމަ ގޮތްދޫކުރާނެކަމަށް، ގޭގަ މަޑުނުކޮށް އެ ފިރިހެން ގޮލައާއެކު އޭނާ އަވަހަށް ނައްޓާލީ، އެގެއަށް ކަންނޭނގެ އެ ދިޔައީ... އެމީހުން އިނދެފިއްޔާ ދެން ނޯންނާނެ އަހަރެންނަށް ކުރެވޭނެކަމެއް." މިފްރާހު ގުދުވެލައި ފައިގަ އުޅަންބޮށިކޮޅު ވިއްދާލުމާއެކު ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލިއެވެ.

"މަންމަމެން ރުހޭ ކަމަކަށް މިކަން ނުވެއްޖެއްޔާ." މުބީން ބުންޏެވެ.

"ހުރިހާކަމެއް މަންމަމެންނަށް އެނގުން މުހިންމުތަ؟ އަހަރެންނަށް އަނބިމީހާ ގެންގުޅޭންވީ ގޮތް އެނގޭ، ކައިވެނިކުރެވުން މުހިންމީ." މިފްރާހު ބުންޏެވެ.

"މިފޫ... އަހަރެން ސަނާއާ ދުރުގަ މިހުންނަނީ ލޯބިނުވާތީއެއްނޫން، އޭނާއާއި އަހަރެމެންގެ ކުދީންނަށް ރަނގަޅަކަށް، އަހަރެމެން ދެމީހުން ވެސް ގުޅުނީ ލޯބިން... ލޯބިނެތް ގުޅުމެއްގައި ދެމި ހުރުން ފަސޭހަކަމަކަށްނުވާނެ، ކައިވެނި ކުރީމަ ދެމެދުގައި އޮންނަ ގުޅުން ކޮންމެ ގޮތަކަށް އޮތަސް ދަރިއަކު ލިބިދާނެ... ފޫހިކަމުގައި ހުރެ ލިބޭ ދަރިއަށް އަޅާލުމާއި ލޯބިދެވޭނެހެން ހީވޭތަ؟" މިފްރާހުއަށް އެއްބާރުލުން ދިނުމުގެ ކުރީން މުބީން ބޭނުންވީ އަދި އެއްފަހަރު އެ ކޮއްކޮއަށް ވިސްނައިދެވޭތޯއެވެ.

"އަހަރެން އެވަރަށް ލޯބިދޭނަމޭ... ކެންގެ ހިތް ރުއްސާނަން." މިފްރާހު ބުންޏެވެ.

"ތީ މިފޫގެ ނިންމުން ދޯ." މުބީން ޔަގީންކުރިއެވެ. މިފްރާހު ވެސް ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. ކޮންމެ ގޮތަކުން ވިޔަސް އޭނާ އެނބުރި ޢާއިލާގެ ގާތަށް ދާން ބޭނުންވަނީ ކެންޒާ ހާސިލުކުރުމަށްފަހުއެވެ.

* * * * *

ހަފްތާއެއް ފަހެވެ. އޮފީސް ނިންމާފައި ޔާދިން ނުކުމެގެން ކާރަށް އަރަން އައި ވަގުތު މިއަދު ވެސް އޭނާގެ ލޮލުގައި އެތަނުގައި އޮތް އެސްޔޫވީ ކާރު އަޅައިގަތެވެ. ހައިރާންވީ ކާރުގެ ކުރީގައި ދެ ޒުވާނަކު ޖެހިލައިގެން ތިބިއިރު އެތަނުން އެކަކު ޔާދިންއަށް ދެނެގަންނަން އެނގުނީމައެވެ. ޔާދިންގެ ކާރު އޮތީ އެމީހުން ތިބި ދިމާ ކުރިމަތިން ވައަތް ފަރާތުގައެވެ. ފެންނާނޭކަން އެނގިހުރެ ވެސް ނުފެންނަކަމަށް ޔާދިން ހެދުނީ ގަސްދުގައެވެ. އޭނާއަށް މިފްރާހުއާ ބައްދަލުވީ އެންމެ ރެއަކުއެވެ. އެހެންނަމަވެސް އޭނާ އުޅުނު ގޮތުން ޔާދިން ޖެހިލުންކުރުވިއެވެ.

"ޔާދިން..." މިފްރާހު ގޮވާލިއެވެ.

ޔާދިން ހުއްޓި އެނބުރިލީ އޭނާގެ ކާރު ކައިރިއަށް އައިސްފައެވެ. އޭރު މިފްރާހުގެ ގާތުގައި ދެން ހުރި މީހާ ފެންނާކަށް ނެތެވެ. ވަގުތުން ޔާދިންއަށް އަވަސްއަވަހަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ނުރައްކަލެއް ކުރިމަތިވެދާނޭ ޔާދިންއަށް ހީވަނީއެވެ.

"ލައިތު އަދިވެސް އޮފީހުގަތަ؟" މިފްރާހު އަހާލިއެވެ.

ޔާދިންއަށް ލިބުނީ ހައިރާންކަމެވެ. މިފްރާހުގެ ގަސްދަކީ ކޮބައިކަން އެއްގޮތަކަށް ވެސް ޔާދިންއަށް ވިސްނައިގަންނަން ނޭނގުނެވެ. އޭނާގެ ގާތުން ލައިތުގެ ޚަބަރު އޮޅުންފިލުވުމުގެ މަޤްޞަދަކީ ކޮބާ ހެއްޔެވެ. ޔާދިން އަނގައިންނެއް ނުބުންޏެވެ. މިފްރާހު ބަލަން ހުރެފައި ކުޑަކޮށް ހީނލީއެވެ. ޔާދިންގެ ނަޒަރު ދަތުރުކޮށްލީ ލައިތުގެ ކާރާ ދިމާއަށެވެ. އޮފީހުން ޢާއްމުކޮށް އެންމެ ލަހުން އޮފީހުން ނުކުންނާނީ ޔާދިންއާއި ލައިތުއެވެ. ގިނަ ދުވަސްދުވަހު ޔާދިން ދާއިރު ވެސް ލައިތު އިނދެދާނެއެވެ.

"ލައިތުގެ ނަންބަރު ލިބިދާނެތަ؟" މިފްރާހު އަހާލިއެވެ.

"އޭނާ ކައިރީ އަހަންވީނު، އަހަރެންނަށް ލަސްވޭ... ތަނަކަށް ދާން މިދަނީ." އަތުކުރީ އޮތް ގަޑިއަށް ބަލާލައި ޔާދިން ވާހަކަދެއްކިއެވެ. އަދި މަޑުނުކޮށް އަތުގައި އޮތް ތަޅުދަނޑީގެ ރިމޯޓުން ކާރު ހުޅުވާލި ގޮތަށް އަރައިފިއެވެ. އަވަސްއަވަހަށް ދޮރުފަތް ލައްޕާލައި ކާރު އިސްޓާޓުކުރީ އެތަނުން ދާށެވެ.

ޔާދިންގެ ކާރަށް ފަރުވާތެރިކަމާއެކު ބަލަން މިފްރާހު ހުއްޓެވެ. ނަންބަރުބޯޑު ތަފާތުވިޔަސް ޔާދިންގެ ކާރާ އެއްގޮތް ކާރެއްކަން ލައިތު ދުއްވަނީ މިފްރާހަށް މިހާރު އެނގެއެވެ. އޭނާ މަޑުކޮށްގެން އެ ހުރީ ލައިތު އޮފީހުން ނުކުމެގެން އަންނާނޭ އިރަކަށެވެ. ލައިތުއާއި ޔާދިންގެ ޑްރައިވަރުން ނުތިބޭކަމާއި ޚުދު އެމީހުންކަން ކާރު ދުއްވަނީ މިފްރާހު އޮތީ ބަލާފައެވެ. ފުރަތަމަ އޭނާ ގަސްދުކުރީ އެ ގޭ ދޮށުން ލައިތުއާ ދިމާކުރާށެވެ. ނަމަވެސް ކެމެރާތަކަށް ސަމާލުވާން އޭނާގެ ގާތުގައި މުބީން އޮތީ ބުނެފައެވެ. އާޤިބު އައިސް ހުރީ މިފްރާހު ރައްކާތެރިކުރަން މުބީން ފޮނުވައިގެންނެވެ. މާލޭގެ މަގުތަކާއި ކަންކަން އޮންނަ ގޮތް މިފްރާހަށް ރަނގަޅަށް ނޭނގޭނެކަން މުބީނަށް އެނގޭތީއެވެ.

"އެއީ ކާކު؟" ދޮރުފަތުގެ ކައިރީ ހުއްޓިލަމުން މިފްރާހު އެހީ އާޤިބުގެ ގާތުގައެވެ.

"ނޭނގެ؟... އެ ޢާއިލާއާ ގުޅުމެއް އޮންނަ މީހެއްހެން ހިޔެއްނުވޭ." އާޤިބު ވެސް ކާރުގައި އިނީ އެބުނާ މީހަކަށް ބަލާށެވެ.

ލައިތުގެ ކާރު ކަމުގައި ހީކުރި ކާރަށް އެރީ ލައިތެއްނޫނެވެ. މިވީގޮތެއް މިފްރާހަށް ނޭނގުނެވެ. އޭނާ އާޤިބުއާ ސުވާލުކުރިއެވެ. ލައިތުގެ ކާރު އޮޅުނީ ހެއްޔެވެ. އެކަމަކު ކެންޒާ ގެއިން ނުކުމެގެން ދިޔަ ދުވަހު، އޭނާ އެރީ ހަމަ އެ ކާރަށެވެ. ނަންބަރު ބޯޑު މިފްރާހަށް ރަނގަޅަށް ފެނުނެވެ. އޭނާ އެ ކާރު ފާހަގަކުރީ ވެސް ނަންބަރު ބޯޑުންނެވެ. އޭނާގެ ލޮލަށް ފެނުމުގައި މިހާތަނަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނެތެވެ. ފެނުނީ ހަމަ އެ ކާރުކަން ޔަގީންވެއެވެ. އެކަމަކު އެއީ ލައިތު ދުއްވާ، އޭނާގެ އަމިއްލަ ކާރެއްކަމެއް މިފްރާހަށް ޔަގީނެއްނުވިއެވެ. ލައިތުގެ އަމިއްލަ ކާރުނަމަ އެހެން މީހަކު އެ ކާރަށް އަރަންޖެހޭ ސަބަބެއް ނޯންނާނޭ މިފްރާހަށް ވިސްނުނެވެ.

"ހިނގާބަލަ އެ ކާރު ދާތަނެއް ބަލަން..." މިފްރާހު ބުންޏެވެ. ނަމަވެސް އޭރު ލައިތުގެ ކާރުކަމުގައި ހީކުރި ކާރު ޕާކިން ސަރަޙައްދުން ނުކުމެއްޖެއެވެ.

އޮފީސް އިމާރާތުގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އާރިކު ބަލާލިއެވެ. މައިދޮރު ހުޅުވި ލައިތު ނުކުތީ އެވަގުތެވެ. އޭނާ ފޯނުން ވާހަކަދައްކަމުން އައިސް ކާރަށް އަރައިފިއެވެ. އާރިކު އައީ އޭނާގެ ގެއަށެވެ. އެ ގޭ ދޮށުން ފެށިގެން ގެއާ ހަމައަށް ކާރު ދުއްވަން އިނީ ލައިތެވެ.

"އަދިކިރިޔާ ތި އައީ؟ ކޮބާ ކެން؟ މިގެއަށް ގެނެސްބަލަ، ނޫނީ އަހަރެމެން ގެންދެބަލަ... ފޯނެއް ވެސް ނުނަގާ." ލައިތު އުޅޭ ބަޔަށް އާދެވުނު އިރު ލައިރާ ހީވަނީ އޭނާގެ އިންތިޒާރުގައި އިންހެނެވެ. އޭނާއާއެކު ސެހްރާނު ވެސް ސޯފާގައި އިނެވެ.

ކެންޒާގެ ހާލު ހަމައަކަށް އެޅިއްޖޭ ޤަބޫލުކުރަން ލައިތު ބޭނުންވިޔަސް އޭނާއަށް ޔަގީނެއްނުވެއެވެ. ކޮންމެވެސް ކަމަކާ ކެންޒާ ކަންބޮޑުވެ ހާސްވާހެން ލައިތަށް ހީވަނީއެވެ. ކެންޒާއަށް މަޖުބޫރުކޮށްގެން އޭނާ ނުބުނާނޭކަން ލައިތު ދެނަހުއްޓެވެ. އޭނާ ކެންޒާއަށް ވަގުތު ދީގެން އެހުރީ އެހެންވެއެވެ. ކެންޒާ އަމިއްލައަށް އޭނާ ކަންބޮޑުވާ ކަމެއް އޮތްނަމަ ލައިތުއާ ޚިއްޞާކުރާނޭ ވަގުތަކަށެވެ. އެއިން އެއްވެސް ވާހަކައެއް ލައިތު މީހަކާ މަޝްވަރާއެއް ނުކުރެއެވެ. މިންނާ ވަކިވެގެން ދިޔައީ ކިހިނެއްކަން ކެންޒާ ކިޔާދިނީ ނުހަނު އަސަރާއެކުއެވެ. އޭނާ ކުރިން ނުދައްކާ އެތައް ވާހަކައެއް ލައިތުއާ ޚީއްޞާކުރިއެވެ. އެހެންނަމަވެސް ކެންޒާ ފަހަކަށް އައިސް އަބަދު ލައިތު ގެއްލިދާނެތީ ބިރުން އުޅޭކަން އެނގެއެވެ. އެހެންނުވާނޭކަން ލައިތު ތަކުރާރުކޮށް ބުނެއެވެ. ލައިތަށް ހަޤީޤަތް ފޮރުވިފައި އޮތީތީވެ، އޭނާ ހީކޮށްގެން ހުރީ ކެންޒާގެ ބަދަލީ، ކައިފްއާއި މިންނާ އެހާ ކައިރިކައިރީގައި އޭނާއާ ވަކިވެގެން ދިއުމުން އައިސްގެން އުޅޭ ބަދަލެއްކަމެވެ. ހިތާއި ސިކުނޑިއަށް ލައިތު ވިސްނައިދިނީ އެފަދައިންނެވެ.

"މިއަދަކުނޫން... އެއާޕޯޓަށް ދާން މިދަނީ." ލައިތު ބުންޏެވެ.

ލައިތުގެ ރަޙުމަތްތެރިޔާ ބިންޏާމީން މާލެ އައީއެވެ. އެ ރަޙުމަތްތެރިޔާ ބެހެއްޓުމަށް އޭނާ ކުރިން ގަސްދުކުރީ އޭނާގެ ޕެންޓްހައުސްއެވެ. ނަމަވެސް އެ ޚިޔާލު ބަދަލުވީ ކެންޒާ ދިރިއުޅެންފެށުމުންނެވެ. އަސަދުގެ ގާތުގައި އެއްވެސް ކަހަލަ އެހީއަކަށް އެދެން ލައިތު ބޭނުމެއްނޫނެވެ. ލައިތުގެ ޚަރަދުގައި ބިންޏާމީންގެ ހުރިހާކަމެއް އޭނާ ހަމަޖެއްސާފައި ވަނީ އެންމެ ފުރިހަމައަށެވެ.

"އަހަރެމެން ދަންތަ؟" ލައިރާ އެހެން ބުނިއިރު އޭނާ އިޝާރާތް އެކުރަނީ ސެހްރާނަށްކަން ލައިތު ދެނެގަތެވެ.

"އޯކޭ... އަހަރެންނަށް ގެއަށް ދެވޭނީ ތަންކޮޅެއް ލަހުން، ކެން އެކަނި އުޅޭނީ." ލައިތު މިހެން ބުނިއިރު އޭނާއަށް ކެންޒާއާ މެދު ޚިޔާލުކުރެވުނެވެ. ފޯނުން ކިތަންމެ ގިނައިން ގުޅާ ވާހަކަދެއްކިޔަސް ގާތުގައި ފެންނަ ހިސާބުގައި ހުރުމާ ތަފާތުވާނޭކަން ލައިތަށް ވެސް އެނގެއެވެ. އޭނާގެ ކެންޒާގެ މައްޗަށް އަނިޔާވެރިވާނޭ މީހަކު ކަމުގައި ލައިރާ ނުވާކަން ލައިތަށް ޔަގީންވެއެވެ. ދެން ހުރީ ސެހްރާނެވެ. ލައިތުގެ ހައްޤަކަށް އޭނާ އަތެއްނުލާނޭކަން ދުވާލުފަދައިން ލައިތަށް އެނގެއެވެ. އެ ދެ މީހުންނަކީ ވެސް ލައިތު އިތުބާރުކުރާ ދެމީހުންނެވެ.

ޔާދިން ކޮޓަރި ނުކުތީ ލައިރާއާއި ލައިތު ވާހަކަދައްކަން ތިއްބައެވެ. ލައިތު ފެނުމާއެކު ޔާދިންއަށް މިފްރާހުގެ މަތިން ހަނދާންވިއެވެ. ލައިތު އެ އައީ މިފްރާހު އާ ބައްދަލުކޮށްފަ ހެއްޔެވެ. މިފްރާހަކީ ކާކުބާއޭ އޭނާ ހިތަށް އެރިއެވެ. ލައިތުއާއި މިފްރާހުއަކީ ރައްޓެހިންނަށް ވެދާނޭބާއޭ ޔާދިންގެ ހިތުގައި ސުވާލު އުފެދުނެވެ. މިފްރާހު މެދުވެރިކޮށް ލައިތު ކަމެއް ރާވަނީބާއޭ ވެސް ޔާދިން ސުވާލު އުފެދުނެވެ. އެއާއެކު މުޅި ނަފްސަށް ބަޔާންކުރަން ނޭނގޭ ފަދަ ހާސްކަމެއް ވެރިވިއެވެ. ޔާދިންއަށް ބޮނޑިއެއް ލިބެން އުޅެނީބާއޭ ހިތަށް އެރީއެވެ. ލައިތު އޭނާއާ ދެކޮޅަށް ރާވަނީ ހެއްޔެވެ. މިފްރާހު ފެނުމުން އިންތިހާއަށް ޖެހިލުންވާކަން އޭނާއަށް ވެސް އެނގެއެވެ. ނުރައްކާތެރިކަމުގެ ހަނާ އަޅާކަހަލައެވެ.

ކޮޓަރިއަށް ވަންނަން އައި ލައިތުއާ ނަޒަރު ސީދާވުމާއެކު ޔާދިން ވަގުތުން ނަޒަރު ވަކިކޮށްލިއެވެ. ނަމަވެސް އެއަށްވުރެ މާކުރިން ޔާދިން ބަލަން ހުރިކަން ލައިތަށް ފާހަގަވެއްޖެއެވެ. ޔާދިންގެ މޫނުގައިވި އަސަރުން ލައިތު ވެސް ހުރީ ސުވާލު އުފެދިފައެވެ. ޔާދިން ކަމަކާ ހިތަހަމަނުޖެހުނީއޭ ލައިތަށް ހީވިއެވެ. އިސްވެ އަނގައިން ބުނުމުގެ ގަސްދެއް އެއްވެސް އިރަކު ލައިތުގެ ނެތެވެ. ހަމައެފަދައިން ޔާދިން ވެސް އޭނާއާ ވާހަކަދައްކާކަށް ބޭނުމެއްނުވާނޭކަން ލައިތަށް އެނގެއެވެ. އުފެދުނު ސުވާލެއްވިއްޔާ ދެ ޒުވާނުންގެ ހިތުގައި އޮއްބާލައިގެން ތިބީއެވެ. ގޮތްދޫކުރަން އެކަކު ވެސް ބޭނުންނުވާތީއެވެ.

* * * * *

ސޯފާގައި އޮށޯވެލައިގެން އޮތް ކެންޒާ ތެދުވީ ޕެންޓްހައުސްގެ ދޮރު ހުޅުވުމުންނެވެ. ލައިތު އައީކަމުގައި އޭނާއަށް ހީކުރެވުނެވެ. އަވަހަށް މޫނުގައިވި ނުތަނަވަސްކަން ފިލުވާލައި ބޮލުގައި އަތްހާކާލައި އިސްތަށިތައް ރީތިކޮށްލިއެވެ.

"ކެން..." ދޮރުން ވަދެގެން އައި ލައިރާ ގޮވާލިއެވެ. އޭނާގެ ފަހަތުން ދޮރު ލައްޕާލައި ހިނގައިގަތީ ސެހްރާނެވެ. ކެންޒާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ނަމަވެސް އޭނާގެ ލައިތު ހޯދިއެވެ.

"ޔޫ އާ ލިވިންގް ވިތް ހިމް..." ލައިރާ ލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. އޭނާ އައިސް ކެންޒާގެ އަތުގައި ހިފާލައި ސޯފާގައި ދެމީހުން އެކީ އިށީނެވެ.

"އެހެނެއްނޫން." ކެންޒާ ބުނެލިއެވެ.

"ކިހިނެއްތަ؟ ކީއްވެތަ ފޯނަށް އާންސާ ނުކުރަނީ..." ލައިރާ ބުންޏެވެ. އެއާއެކު ކެންޒާ މަޢާފަށް އެދުނެވެ.

"ކައިފިންތަ؟ ކޯއްޗެއް ކާން ހުރީ... މިސްވޭ ކެންގެ އަތުން ކާއެތިކޮޅެއް ނުލިބޭތީ." ސެހްރާނު އަހާލިއެވެ.

"ކާން ލިބިދާނެ، ކޮބާ އިލީ؟" ކެންޒާ އަހާލިއެވެ. އަދި ސޯފާއިން ތެދުވެ އޭނާއާއެކު އައުމަށް އިޝާރާތްކޮށްލިއެވެ.

ސޯފާ މައްޗަށް އަތްދަބަސް ދޫކޮށްލާފައި ލައިރާ ހިނގައިގަތެވެ. އެމީހުންނާއެކު ސެހްރާނު ހުއްޓެވެ. އެމީހުން އައުމުން ކެންޒާގެ ޠަބީޢަތް ރަނގަޅުވެލައިފިހެން ހީވެއެވެ. ލައިތު ގުޅީ ސެހްރާނާއި ލައިރާއަށް ކާން ހަދަން އުޅެނިކޮށެވެ. ލަސްވާނޭ ކަމާއި ބިންޏާމީން މާލެއައި ޚަބަރު ލައިތު ދިނެވެ. އޭނާއަށް އާދެވޭނީ ރޭގަނޑުކަން ވެސް ލައިތު ބުންޏެވެ. ލައިރާއާއި ސެހްރާނު އަންނަން އެދުމުން ލައިތު އެއްބަސްވީކަން ބުންޏެވެ. ލައިތަށް އާދެވެންދެން އެ މީހުން މަޑުކުރާނޭކަމާއި، ކެންޒާ އެއްވެސް ކަމަކާ ފިކުރުނުކުރުމަށް ލައިތު ބުންޏެވެ.

"ލައިތުތަ؟" ފޯނުކޯލު ނިންމާލާފައި ކެންޒާ ކާމޭޒު ކައިރިއަށް އައުމުން ލައިރާ އަހާލިއެވެ.

ކައިނިންމާފައި ސެހްރާނު ސޯފާއަށް ދިއުމުން ތަށިތައް ނެގުމުގައި ކެންޒާއަށް އެހީވާން ލައިރާ އުޅުނެވެ. އޭނާ އެވަގުތުކޮޅު ބެލީ ކެންޒާއާ ވާހަކަދައްކާލެވޭތޯއެވެ. ސެހްރާނު އަޑުއަހަން ހުރިއްޔާ ކެންޒާއާ ވާހަކަދައްކަން ޚުދު އޭނާއަށް އުނދަގޫވާނޭތީއެވެ.

"ދެމީހުން އެކުގައި ނިދަން ފެށީތަ؟ ބައްޕައާއި މާމަމެންނަކަށް ނޭނގޭ ލައިތު އުޅެނީ ކެން ގެނެސްގެންކަމެއް، އަހަރެންނަށް ވެސް އެނގުނީ ސެހެރް ބުނީމަ." ލައިރާ އޮޅުންފިލުވަން ބޭނުންވިއެވެ.

"އެކަހަލަ ގޮތަކަށްނޫން... އިހަށް މެރީކުރަން ލައިތު ވެސް ބޭނުމީ." ކެންޒާ ބުންޏެވެ.

"ވަޓް ހެޕެން؟ ކެން ފެންނަނީ ތަފާތުކޮށް... ހެޕީ ނޫނީތަ؟ ލައިތު މާއަވަސްއަރުވާލާފައި އުޅެނީތަ؟" ސިންކުގެ ކައިރީ ހުއްޓިލައިގެން ހުރި ކެންޒާގެ ކޮނޑުގައި ލައިރާ ފިރުމާލިއެވެ.

(ނުނިމޭ)