ދެ ރަށެއްގެ ބަނދަރު މަސައްކަތުގެ އަޕްޑޭޓް ސަރުކާރާއި ރައްޔިތުންގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީން ދީފި އެވެ. އެ ކުންފުނީން އަޕްޑޭޓް ދީފައި ވަނީ ރ. އަނގޮޅިތީމު ބަނދަރާއި ނ. ހެނބަދޫ ބަނދަރުގެ މަސައްކަތެވެ.
މީގެ ތެރެއިން އަނގޮޅިތީމު ބަނދަރުގެ މަސައްކަތް އަންނަ މަހު ފަށާނެ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 44.8 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހު ތެރޭ މަސައްކަތް ނިންމާށެވެ.
މި މަހު އެމްޓީސީސީއާއި ހަވާލު ކުރި މި މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ އަނގޮޅިތީމަށް ގެންގޮސްފަ އެވެ. އަދި ސައިޓް ވެސް ވަނީ މޮބިލައިޒް ކޮށްފަ އެވެ.
މި މަޝްރޫއުގެ މަސައްކަތްތައް
- 221 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖެހުން
- 166 މީޓަރު ރިވެޓްމަންޓު ޖެހުން
- 91.44 މީޓަރުގެ އެއްގަމު ތޮށި ޖެހުން
- ދެ ނެރުނު ބައްތި އާއި 12 ބަނދަރު ބައްތި ޖެހުން
- 1110 ސްކޮޔާ މީޓަރު ޕޭމަންޓު
- ބަނދަރު ފުން ކުރުން 42،000 ކިއުބިކް މީޓަރަށް
- 5 މޫރިން ބްލޮކްސް
- ނެރު ފުންކުރުން 615 ކިއުބިކް މީޓަރަށް
ހެނބަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 93 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި އެ ބަނދަރުގެ ޕޭވްމަންޓް ސަރަހައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ 60 ޕަސެންޓާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 12 ޕަސެންޓް ވެސް ވަނީ ނިންމާފަ އެވެ.
މި މަޝްރޫއުގައި 44,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 173 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި 1,015 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.
އެމްޓީސީސީ އާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ 26.6 މިލިއަން ރުފިޔާ އަށެވެ.