ދޮވެލި ދެއަތް ފުހެލާފައި ލައިރާއާ ކެންޒާ ކުރިމަތިލީ ހިނިތުންވުމަކާއެކުއެވެ. އޭނާގެ ހިތުގައި ހިނގާ ޝުޢޫރުތައް ފާޅުކުރަން ބޭނުންނުވާއިރު، އެ އަސަރުތައް ހިނިތުންވުމަކުން ފަރުދާކުރީއެވެ. ލައިރާގެ އަތުގައި ހިފާލަމުން އެ މޫނަށް ކެންޒާ ބަލާލިއެވެ.
"އަހަރެން އޯކޭ، އެކަމަކު ލައި އޯކޭއެއްނޫން... ތިހެން ކިހާ ދުވަހަކު ހުންނާނީ؟" ކެންޒާ ބުންޏެވެ.
"ޒުބިން... އޭނާ ވަރަށް އެކަނިވެރިކަން އެނގޭ، އެކަމަކު އޭނާ އެއްފަހަރުވެސް ނުބުނޭ އަހަރެމެން އަލުން ގުޅޭކަށް، އެ ޚިޔާލު އޭނާ ކުރާހެން ހީނުވަނީ... އިލީއާ ވަރަށް ވާހަކަދައްކާ، އަހަރެން ފެނުނީމަ ސްމައިލްކޮށްލާ... ކެން!، އަހަރެންނަކަށް މިހާރު ނޭނގޭ އޭނާގެ ހިތުގައިވަނީ ކީކޭކަމެއް، އޭނާ ގަސްދުކުރަނީ ކިހިނެއްކަމެއް ވެސް، އަހަރެންނަކަށް ނުކެރުނު ބުނާކަށް ޒުބިން މިހާދުވަހު ބޭނުންވެގެން އުޅުނު ކުއްޖަކީ ކެންޒާކަން އަހަރެންނަށް އެނގިއްޖޭ... ހިޔެއްނުކުރަން މިހެން ވެދާނޭ، ބައެއް ފަހަރު ހިތަށް އަރާ އިލީ ގޮވައިގެން ދާންވީއޭ... މިހުރިހާ ކަމަކާ ދުރަށް."
"ބައެއް ބުނަން ބޭނުންވާ ކިތަންމެ ވާހަކައެއް ނުބުނެވި ހުރޭ... ބުނުމުން ދެން ވާނޭ ގޮތެއް ނޭނގޭތީ." ކެންޒާ މަޑުމަޑުން ބުނެލީ ޚުދު އޭނާގެ ހާލެވެ.
"ޓްރޫ... އަހަރެންނަށް ވެސް ވަނީ ތިހެން، ކުރެވުނު ކަންތަކުގެ ބޮޑުކަން އިޙްސާސްވާތީ ބިރުގަންނަނީ، ހަމަހީވަނީ މަޢާފެއްނުކުރާނޭ." ލައިރާއަށް ދެއަތްތިލަ ގެނެސް ދެފަރާތު ކޯތާފަތުގައި ޖައްސާލިއެވެ.
ސެހްރާނު ގޮވާލީ އޭނާ އެކަނި ސޯފާގައި އިންނަން ޖެހުމުންނެވެ. ދެ އަންހެންކުދީން ދައްކާ ވާހަކައިގަ އޭނާ ވެސް ބައިވެރިވާން ބޭނުންވީއެވެ. ކެންޒާއާއެކު ލައިރާ ހިނގައިގަންނަމުން ބުނީ އަދިވެސް މަންމަ ގާތު ވެސް ހަޤީޤަތް ކިޔާދޭނޭ ހިތްވަރެއް ނުލިބޭކަމުގައެވެ. ހިތުގައި ހުރިހާކަމެއް ފޮރުވައިގެން ހުންނަންވުމުން ލައިރާގެ ހާސްކަން އިތުރުވާކަން ވެސް ބުންޏެވެ. އޭގެ އިތުރުން ލައިރާ އެދުނީ އެއިން ވާހަކައެއް އެކަކަށް ވެސް ކިޔާ ނުދިނުމަށެވެ. މީހެއްގެ ފަރާތުން އިވުމަށްވުރެ ވަގުތު ޖެހުމުން އޭނާ ކިޔާދޭނެކަން ބުނެލިއެވެ. ލައިރާގެ އެދުން ޤަބޫލުކުރާ ފަދައިން ކެންޒާ ބޯޖަހާލިއެވެ. އޭނާ އެ ހުރީ މީހެއްގެ ވާހަކަ ކިޔާދެވޭ ފަދަ ހާލަތައެއްގެ ނުނޭ ކެންޒާ ހިތް ބުންޏެވެ. ލައިތުއާ އޮތް ގުޅުން ހީނަރުވެދާނޭކަމުގެ ބިރާއެކު ޚުދު އޭނާ ވެސް ކަންކަން ސިއްރުކޮށްފިއެވެ. އެހެންވިޔަސް ދެމެދުގައި އޮތް ގުޅުމަށް ބަދަލު އަތުވެއްޖެއެވެ. އޭނާއަށް ބަދަލުތަކެއް އަތުވެއްޖެއެވެ.
* * * * *
ބިންޏާމީން ހެމުންހެމުން ދެފަރާތަށް ބޯހޫރާލިއެވެ. ލައިތުގެ ވާހަކަތައް އަހާފައި އެކުވެރިޔާގެ ހާލު ބިންޏާމީނަށް ޔަގީންވެއްޖެއެވެ. ބިންޏާމީނު ހުންނަ ސުވީޓުގެ މަޑުކޮށްލުމަށް ހުރި ބައިގެ ސޯފާތަކުގައި ދެ އެކުވެރީން ތިއްބެވެ. މެދުގައި ހުރި ކޮފީ މޭޒުމަތީ މަހުމާ ދެ ފޮށި ހުޅުވާފައި ހުއްޓެވެ. އެ ފޮށިތަކުން ކޮންމެ ފޮށްޓެއްގައި ބާރަ ރަން އަނގޮއްޓި ފެންނަން ހުއްޓެވެ. ލައިތު ޚިޔާރުކުރި އަނގޮއްޓި އޭގެ ތެރޭގައި ވިއެވެ.
"ދެވަނަ ފަހަރަށް ވެސް އޭނާ ބޭނުންވީ އެއީ އޭނާކަން އެނގުނީމަ، އަވަހަށް އިންނަން ބޭނުމީ އެހެންވެ... ކައިވެންޏަށްފަހު ދިރިއުޅުން ކުރިއަށްދާނޭ ގޮތް އަވަހަށް ތަޖުރިބާ ކުރަން ބޭނުންވަނީ، ފަޚުރުވެރިކަމާއެކު އަނބިމީހާއޭ ކިޔާ ގޮވާލެވޭނެ އިރަކަށް ކެތްމަދުވެފަ މިހުންނަނީ... ބެނީ!، މިހާ ލޯބި ދެން ނުވެވޭނެ އެހެން މީހެއްދެކެ." އިނގިރޭސި ބަހުން ވާހަކަދައްކަމުން ލައިތުގެ ހިތުގައިވި ޝުޢޫރުތައް ފޮރުވުމެއްނެތި ހާމަކުރިއެވެ.
"ތިކަން އަހަރެންނަށް ވެސް އެބަފެނޭ... ދެން ކޮންއިރަކުން ރާނީއާ ބައްދަލުކޮށްދޭނީ." ހެވިފައި އިނދެ ބިންޏާމީން ބުންޏެވެ.
"ބެނީ އައިކަމެއް ނޭނގޭނެ، ބެނީއަކީ އަހަރެންގެ ކިހާ ގާތް އެކުވެރިއެއް ކަމެއް ވެސް އަދި ނުބުނަން... ތެދަށް ބުނަންޏާ، އޭނާ ގާތު ނުބުނެވޭ އެތައް ވާހަކައެއް އެބަހުރި."
"ތީ ހާދަ ނާއިންސާފު ގޮތެކޭ... މިހާރު ތި ދެމެދުގައި އެއްވެސް ކަމެއް ފޮރުވިފައި އޮވެގެން ނުވާނެ." ބިންޏާމީންއަށް ފެންނަ ގޮތް ބުންޏެވެ.
"އެނގޭ، ޤަބޫލު ވެސް ކުރަން... އިންނަން ރަންކިއުމަށްފަހު އަހަރެން ހުރިހާ ވާހަކައެއް ކެންޒާއަށް ކިޔައިދޭނަން، އެއްވެސް ކަމެއް ސިއްރެއްނުކުރާނަން، އޭނާގެ ދިރިއުޅުމަށް އަލުން އަހަރެން އަތުވެދާނޭ ހިޔެއްނުކުރާނެ، އެކަމަކު އެނގުނީމަ އުފާވާނޭކަން ޔަގީން... ހުރިހާ އުފަލެއް އޭނާއަށް ހޯދައިދޭނަން، އޭނާގެ ހުރިހާ އުންމީދުތަކެއް އަހަރެން ފުރިހަމަކޮށްދޭނަން."
"އަހަރެން ފުރައިގެން ނުދާނަން ލައިތުގެ ރާނީގެ އަތުން ކައިގެން ނޫނީ، މޮޅު ކައްކާއަކަށްވާއިރު އަހަރެންނަށް ކެއުމެއް ދޭން ޖެހޭނެ." ބިންޏާމީން ބުނެލި އަމުރުވެރި ގޮތް ފެނި ލައިތު ހޭންފެށިއެވެ.
"ތިކަން ހަމަޖެހޭނެ." ހިނިއައިސްފައި އިނދެ ލައިތު ނިކަން އަވަހަށް ބުންޏެވެ.
ރޭގަނޑުގެ ކެއުމުގައި އެކުވެރިޔާއާއެކު ބައިވެރިވުމަށް ލައިތު މަޑުކުރިއެވެ. އަހަރުތަކަކަށްފަހު ބައްދަލުވުމުން ދެ އެކުވެރިންގެ މެދުގައި ދައްކާނޭ އެތައް ވާހަކައެއް ހުއްޓެވެ. ބިންޏާމީން ރާއްޖޭގައި ވިޔަފާރި ހުޅުވުމަށް ކުރިން ވެސް ލައިތުއާ މަޝްވަރާ ކުރިއެވެ. ދެ މީހުން ބައްދަލުވުމުން އަލުން އޭނާ އެ ވާހަކަ ދެއްކިއެވެ. ޢާއިލާގެ ވިޔަފާރިން ވަކިވެ އަމިއްލަ މަސައްކަތެއް ފަށަން ލައިތު އަބަދުވެސް ޚިޔާލުކުރެއެވެ. ޔާދިންގެ ސަބަބުންނެވެ. އޭނާއަށް އޮތް ފުރުޞަތު ލައިތުގެ ސަބަބުން ގެއްލިއްޖެއޭ ޚުދު ލައިތަށް ވެސް ހީވާތީއެވެ. އުމުރުދުވަހަށް ދެކޮޅުވެރިންނަށް ވުމުގެ ގަސްދެއް އޭނާގެ ނެތެވެ. އޭނާ ބޭނުންވަނީ އެހެންމީހުންގެ ނުފޫޒެއްނެތި ހަމަޖެހޭ ދިރިއުޅުމެއް އުޅޭށެވެ. ބިންޏާމީންގެ ހުށަހެޅުމާމެދު ވިސްނާނޭކަން ލައިތު ބުންޏެވެ.
ޕެންޓްހައުސްއަށް ލައިތު އައިއިރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ. އޭރު ލައިރާއާއި ސެހްރާނު އެނބުރި ގެއަށް ހިނގައްޖެއްކަން އެނގުނީ ތަނަށްވެރިވެފައި އޮތް ހިމޭންކަމާއި ބޮކިތަކުގެ އަލި ފަނޑުވެފައިވުމުންނެވެ. ކެންޒާ ފެންނަން ނެތުމުން އޭނާ ނިދާ ކޮޓަރިއަށް ލައިތުއައެވެ. އެނދުގައި އޮތް ކެންޒާ ފެނުމުން ގާތަށް އައީ ގޮވާލަން ހިތަށް އަރައިގެންނެވެ. ނަމަވެސް ލޯ މަރާލައިގެން އޮތްތަން ފެނުމުން، ކެންޒާއަށް ނިދިފައި އޮތީކަން ލައިތު ނިންމިއެވެ. ނިދި ހަލާކުކޮށްލަން ބޭނުންނުވެ އެ ކޮޓަރިން ލައިތު ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ޚިޔާލު ބަދަލުވީ ފަދައިން އޭނާ ހުއްޓި އެނބުރިލިއެވެ. ކެންޒާގެ ގާތަށް އައިސް ގުދުވެލަމުން އޭނާގެ ނިތްކުރީގައި ލައިތު ބޮސްދިނެވެ.
* * * * *
ދެ ދުވަސް ފަހެވެ. ކެންޒާގެ ގާތުގައި ބިންޏާމީންގެ ވާހަކަ ލައިތު ދައްކާފައި އޮތުމުން، އޭނާ ބަދިގޭގައި ހަރަކާތްތެރިވަމުން އައީ މެންދުރު ކެއުން ތައްޔާރުކުރުމުގައެވެ. ހެނދުނު ކަސްތޫރީ ވެސް އޭނާއަށް ގުޅިއެވެ. މަސައްކަތަށް ނުނިކުތަސް ކެންޒާއަކީ އެ ގޭ ކުއްޖެއްކަން ކަސްތޫރީ ހަނދާންކޮށްދިނެވެ. ލައިތުއާއެކު އެގެއަށް ކޮންމެވެސް އިރަކުން އައިސްދިނުމަށް ކެންޒާ ގާތު ކަސްތޫރީ އެދުނެވެ. މަންމަ ނިޔާވި ޚަބަރު ނުބުނީތީ އެކަމާ ކަސްތޫރީ ހުރީ ހިތްހަމަނުޖެހިފައެވެ. ވަރަށް ޝަކުވާކުރިއެވެ. އެމީހުންނަކީ ވެސް ކެންޒާއަށް ހެޔޮއެދޭ ބައެއްކަން ކަސްތުރީ ބުނެދިނެވެ. ހުރިހާ ޝަކުވާއެއް އޭނާ އެއްފަރާތްކުރީ ލައިތު ޚިއްޞާކޮށްފައި އޮތް ޚަބަރުގެ ސަބަބުންނެވެ. ކެންޒާއާ ކައިވެނިކުރުން ބޭނުންވާކަމާއި، ކައިވެނީގެ ކަންތައްތައް ލަސްކުރާކަށް ލައިތު ނޭދެއެވެ. އެހެންވެ ހުކުރު ވިލޭރޭ ރަންކިޔުމުގެ ޙަފުލާއެއް ބާއްވަން ލައިތު ގަސްދުކޮށްފައިވާތީ އެކަން މާމަ ގާތު ބުނީއެވެ. ކައިވެނީގެ އެއްވެސް ކަމެއް ސިއްރުން ކުރުމުގެ ގަސްދެއް ލައިތުގެ ނެތެވެ. ރަންކިޔުމުގެ ޙަފުލާގައި ގާތް މީހުން ބައިވެރިވީ ނަމަވެސް ކައިވެނީގެ ޙަފުލާ ކުލަގަދަކޮށް ބާއްވަން ލައިތު ބޭނުންވާކަން ވެސް ކަސްތޫރީ ބުންޏެވެ. ކެންޒާއާ ބައްދަލުކުރަން އެހާވަރުން ބޭނުންވަނީ ވެސް އެހެންވެކަން ކަސްތުރީ ހާމަކުރިއެވެ. އެ ވާހަކަތަކުން ކެންޒާ ހުރީ އުފާވެފައެވެ. އެހެންވިޔަސް އެ އުފާވެރިކަން ފާޅުކުރަން އޭނާ ޖެހިލުންވީއެވެ. ހިމަ ވާފަށެއްގެ މަތީ ހިނގަމުން އަންނަ މީހެކޭ އޭނާއެކޭ ތަފާތެއްނެތޭ ކެންޒާއަށް ހީކުރެވޭތީއެވެ. މިފްރާހުގެ އުނދަގޫކުރުމެއް ކުރިމަތިނުވިޔަސް އޭނާ ދެން ކުރާނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީ ކެންޒާ ބިރުގަނެއެވެ. ހަމައެއާއެކު މިފްރާހު ހިންގި މުޑުދާރު ޢަމަލުތައް ވީޑިއޯގެ ޒަރިއްޔާއިން ރައްކާކުރެވިފައި ހުރިއިރު ކެންޒާއާ ދެކޮޅަށް އެ ވީޑިއޯތައް މިފްރާހު ބޭނުންކުރާނީ ކޮންވަގުތަކު ކިހިނެއްކަމެއް އެނގެނީއެއްނޫނެވެ.
މެންދުރުވާންވީއިރު ކެންޒާއަށް ލައިތު ގުޅައިފިއެވެ. ބިންޏާމީން ގޮވައިގެން އެކެއް ޖަހާއިރު އަންނާނޭކަމުގައި ބުންޏެވެ. ތައްޔާރުކުރި ވައްތަރުތައް އޭނާ އޮޅުންފިލުވިއެވެ. ބަނޑުހައިވެއްޖެކަމުގައި ބުނެލުމުން ކެންޒާއަށް ހީނލެވުނެވެ. މިންނާގެ ކުއްލި މަރަށްފަހު ކެންޒާގެ ހީނލުން ލައިތަށް އިވުނު މީ ފުރަތަމަ ފަހަރެވެ. މިވީ ދުވަސްތަކުގައި އަބަދުމެ ކެންޒާ ފެންނަނީ ކޮންމެވެސް ކަމަކާ ހާސްވެ، މާޔޫސްވެފައި ހުއްޓައެވެ. އަވަހަށް ގެއަށް އަންނަން ލައިތު ބޭނުންވިއެވެ. ކެންޒާ ދުށުމަށް އޭނާގެ ހިތް ތެޅިފޮޅިގަތީއެވެ. ކެންޒާ ހީނލާއިރު އޭނާގެ ކުރިމަތީ ހުންނަން ލައިތު ކެތްމަދުވީއެވެ.
ކެންޒާ ހުރީ ބިންޏާމީނާ ބައްދަލުކުރަން ޖެހިލުންވެފައެވެ. ލައިތުއާއެކު އޭނާ ފެނުމުން ބިންޏާމީން ހީކުރާނޭ އެއްޗަކާމެދު ކެންޒާއަށް ވިސްނެނީއެވެ. ލައިތުގެ ގާތް އެކުވެރިއަކާ އޭނާ ވެސް ގާތްކަން ބާއްވަން ބޭނުމެވެ. އެހެންނަމަވެސް ލައިތުގެ އެޕާޓްމެންޓުގައި، ކައިވެނި ވެސް ނުކުރެވެނީސް ދެމީހުން އެކުގައި އުޅޭކަން ބިންޏާމީނަށް އެނގުމުން ކެންޒާއާ މެދު އޭނާ ގޯސް ހީކުރުންތަކެއް ހީކޮށްފާނޭ ކެންޒާއަށް ހީވަނީއެވެ.
ލައިތުއާއެކު އެޕާޓްމެންޓަށް ބިންޏާމިން ވަންއިރު ކެންޒާ ހުރީ ކާމޭޒު ތައްޔާރުކޮށްފައެވެ. މޭޒު ދޮށުގައި އޭނާ އިނދެފައި ތެދުވިތަން އެމީހުން ދުށްޓެވެ. ލައިތުއަށްވުރެ ވެސް އިސްކޮޅުން ބިންޏާމިން ދިގެވެ. ތުނބުޅިމަތިހާއި ބޮލުގެ އިސްތަށިގަނޑު އޭނާގެ ދޮންކަމުގެ ސަބަބުން ފެންނަނީ ވަކިން ކަޅުކަން ގަދަކޮށެވެ. ރާއްޖޭ މީހެއްނޫންކަން އޭނާގެ ވަށްޓަފާޅި ހުރި ގޮތުން ބުނަން އެނގޭނެއެވެ. ކެންޒާއަށް ސަލާމް ގޮވާލުމާއެކު ބިންޏާމީން އަމިއްލައަށް ތަޢާރަފުވިއެވެ. ސުފުރާ ދޮށުގައި ދެ ޒުވާނުން އައިސް އިށީނެވެ. ކެއުމުގައި ޝާމިލުވެފައި ތިބިއިރު ކެންޒާއާއި ލައިތުއާ މެދު ބިންޏާ ފާޅުކުރީ ހެޔޮއެދޭ މީހެއްގެ ފުށުން އިވޭނޭ ފަދަ ވާހަކަތަކެވެ. ކިޔަވަން އުޅުނު ދުވަސްތަކުގެ ބައެއް ހަނދާންތައް ބިންޏާމީން އާކުރިއެވެ. ކެންޒާއަށް ނޭނގޭ އެފަދަ އެތައް ވާހަކައެއް ބިންޏާމިން ކިޔާދިނެވެ. ހުނުމާއި ސަމާސާ އެކުލެވިގެންވީ އުފާވެރި މާޙައުލެކެވެ. ކެންޒާގެ ކެއްކުމަށް ތާރިފު ކުރަމުން ލައިތުގެ ހަށިގަނޑު ދުވަސްކޮޅަކުން ބަދަލުވެދާނޭކަމަށް ބިންޏާމީން ޖޯކުޖެހިއެވެ. އެ އުފާވެރި ވަގުތުކޮޅު ނިމުމަކަށް އައީ ހަފްތާއަކަށް ރާއްޖެ އައި ބިންޏާމީންގެ ދުވަސްތަކުން ބައެއް ދެ ރިސޯޓެއްގައި ހޭދަކުރަން ރާވާފައި އޮތީމައެވެ. ހަވީރު ހަތަރެއް ޖަހާއިރު އޭނާ ފުރަންޖެހޭތީއެވެ. ފުރުމުގެ ކުރީން ބައްދަލުނުވެދާނޭތީ ބިންޏާމީން ވަދާޢުގެ ސަލާމްކުރީ ފުރިހަމައަށެވެ. އަނބިމީހާ ގޮވައިގެން ލައިތުއާއި ކެންޒާގެ ކައިވެނީގައި ބައިވެރިވާން ކޮންމެހެން ވެސް އަންނާނޭކަން ބުންޏެވެ.
ބިންޏާމީން ހޮޓެލަށް ލައިފައި ލައިތު އެނބުރި އައިއިރު ކެންޒާ މަސައްކަތްތައް ނިންމާލައި މޫދު ފެންނާނޭހެން ހުރި ބޮޑު ބެލްކަންޏަށް ނުކުމެ ހުއްޓެވެ. ލައިތު ގެއަށް ވަންކަމެއް ވެސް އޭނާ ނުދެނަހުއްޓެވެ. ކެންޒާ ސިހުނީ ގާތުން ހިލަމެއްވީމައެވެ. މޫނަށް ހުރަސްވެލީ ރަތްފިނިފެންމަލުގެ ގުލްދަސްތާއެކެވެ. ހިނިތުންވުމަކާއެކު އޭގައި ކެންޒާ ހިފިއެވެ.
"އަހަރެން މޮޔަވާން ކައިރިވެއްޖެ... ދެން މަޑެއްނުކުރެވޭނެ، މިކަން ނިންމަމާ." ލައިތު މިހެންބުނެ ދިއްކޮށްލީ ސިޓީއުރައެކެވެ.
"މީ ކޯއްޗެއް؟" ސިޓީއުރައިގަ ހިފަމުން އޭގައި އޮތް އެއްޗެއް ބަލަން ކެންޒާ އަވަސްވިއެވެ. އޭނާ އުޅުނު ގޮތް ފެނި މާބޮޑި ލައިތު އަތުލިއެވެ. އަދި ދެން ސިޓީއުރަ ބަލާށޭ ބުނެލިއެވެ.
"ލައިތު..." ރަކިވެފައި ހުރި ކެންޒާއަށް ބުނެލެވުނެވެ. އަތުގައި އޮތް ކައިވެނި ކުރާ ފޯމަށް ބަލާލައި ކުރިމަތީ ހުރި ލައިތަށް ކެންޒާ ބަލާލިއެވެ.
"އަހަރެންގެ ޕެންޑާއަށް ބޭނުންވާވަރު އެނގޭތަ؟ ބުނެބަލަ... އަވަސްކުރާކަށް ހިތެއް ނޭދޭތަ؟" ކެންޒާގެ އަތުގައި ހިފައި ލައިތާ ގާތަށް ދަމާލިއެވެ.
"ބޭނުން..." ލައިތުގެ ދެ ލޮލަށް ގެއްލިހުރެ ކެންޒާ ބުނެލިއެވެ.
"މާމަ ގުޅި... ލައިތާއެކު ގެއަށް އައިސްދޭން ބުނީ، މެރީ ކުރަން ލައިތު ނިންމީމަ... އެކަމާ ވާހަކަދައްކަންހެން ހީވަނީ." ލައިތުގެ މޭގައި ލައްވެލަމުން ކެންޒާ ވާހަކަދެއްކިއެވެ.
ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ގެއަށް ދާނީ ކަމުގައި ލައިތު ނިންމިއެވެ. އަދި ވަގުތުޖެހެންދެން އޭނާގެ ހުރިހާ ވަގުތެއް ކެންޒާއާއެކު ހޭދަކުރަން އޭނާ ނިންމީއެވެ. ކައިވެނީގެ ކަންކަން ލައިތު ރާވާފައި އޮތް ގޮތް ކެންޒާއަށް ކިޔާދިނީ ސޯފާގައި ދެމީހުން ހަމަޖެހިލުމާއެކުއެވެ. ވަލީދޭން ހަމީމު އެއްބަސްވާނޭހެން ހީނުވާކަން ކެންޒާ ބުންޏެވެ. އެއާއެކު ލައިތު ހާމަކުރީ ކައިވެނީގެ އެއްވެސް ކަމެއްގައި ހަމީމު ބައިވެރި ނުވާގޮތަށް ހުރިހާކަމެއް އޭނާ ހަމަޖައްސާނޭ ކަމެވެ. ކެންޒާ އެއްވެސް ކަމެއްގައި ފިކުރުބޮޑުނުވުމަށް އޭނާ އެދުނެވެ. ކައިވެނީގެ ވަލީމާ ބާއްވާނީ ވަކި ޙަފުލާއެއްގެ ގޮތުގައިކަން ލައިތު ޚިޔާލުފާޅުކުރިއެވެ.
"ޕްރިންސެސްއެއްހެން އެ ޙަފުލާއިން އަހަރެންގެ ޕެންޑާ ފެންނާނީ... ހުތުރުކަމުގެ ތެރެއިން ފާޅުވި ސްވޯންއެއް، ސްވޯން ޕްރިންސެސްއެއް." ލައިތު ހީނލިއެވެ. އޭނާގެ އަތުގެތެރޭ ސޯފާގައި އިން ކެންޒާގެ ދަތްދޮޅީގައި ހިފައި އުފުލާލުމާއެކު ކޯތާފަތުގައި ބޮސްދީފިއެވެ.
"އަހަރެން... ކިހިނެއް ލައިތުއަށް ތިކަންކަން އެނގެނީ؟ މާކުރީގެ ހަނދާންތަކެއް އިޔާދަވަނީ، އަހަރެންގެ ފޮތް، ކޮބާ އެ ޖާނަލް، ލައިތު ދޯ ނެގީ، އެހެންވެ ދޯ ތިވާހަކަތައް ތިހެން ދައްކަން އެނގުނީ." ކެންޒާ ބުންޏެވެ. ލައިތު ހީނލީއެވެ.
"އަހަރެން ހިތުގަ އޮތް އެއްޗެއް ބުނަން ފޮތެއް ބޭނުމެއްނުވޭ" ހިނިއައިސްފައި ލައިތު ބުންޏެވެ. ކެންޒާއަށް ހީވީ ލައިތުގެ އަތުގައި ފޮތް އޮވެ ނުދޭން ބަހަނާ ދައްކަނީ ކަމުގައެވެ. ކެންޒާ ސުވާލު އުފެދިގެން އުޅޭގޮތް ފެނުމުން ލައިތުއަށް މަޖާވިއެވެ. ހަޤީޤަތް ކެންޒާގެ ކުރިމައްޗަށް އައުމުން އޭނާއަށް ވާނޭ ގޮތް ލައިތުގެ ތަސައްވުރުގައި ވެއެވެ. އެ ޚިޔާލުތައް އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވުމަށް ފުރުޞަތެއް ނުދެއެވެ.
* * * * *
ޔާދިންއަށް ގޭގެ ބޮޑުކޮޓަރީގައި ހަރަކާތްތެރިވާ ޚާދިމުން ފެނެއެވެ. އޭނާއަށް ވެސް އޮތީ އެ ޚަބަރު ލިބިފައެވެ. ލައިތުއާއި ކެންޒާ ކައިވެނި ކުރަން ނިންމިކަމެވެ. ރަންކިއުމުގެ ޙަފުލާ ރޭގަނޑު އަށެއް ޖަހާއިރު ހަމަޖެހިފައި އޮތްކަމެވެ. ލައިތާއި ކެންޒާ ކައިވެނި މާ އަވަސްއަރުވާލާފައި ކުރަން އުޅޭހެން ޔާދިންއަށް ހީވަނީއެވެ. އެކަމާމެދު ވެސް އޭނާ ހުރީ ސުވާލު އުފެދިފައެވެ. އެމީހުންގެ ސިއްރު އެޖެންޑާއެއް އޮތީއެވެ. ކޮންމެ ކަމަކާމެދު ޔާދިންއަށް ބަލާލެވެނީ ޝައްކުގެ ނަޒަރުންނެވެ. ހުރިހާ ގޮތަކުން ލައިތު ކުރި ހޯދައިފިއޭ ސިކުނޑިއާއި ހިތް އެއްބަސްވުމުން ޔާދިންއަށް އެކަމުން ތަކުލީފު ލިބުނެވެ. ހަޔާތުގެ ބައިވެރިއެއްލިބި ދިރިއުޅުމެއް ފެށުމާއި، ކުންފުނީގެ އެންމެ މަތީ މަޤާމުގައި ހުރި މީހަކީ ވެސް ލައިތެވެ. އޮފީހުގެ ޕާކިން ސަރަޙައްދާއި، އެ ހިސާބުގެ އެކިދިމާއިން ފެންނަ ކަޅުކުލައިގެ އެސްޔޫވީ ކާރާއި، އޭގެތެރެއިން ނުކުތް މިފްރާހުގެ ޚިޔާލު ވެސް ޔާދިންގެ ސިކުނޑީގައި ބިންވަޅުނެގިފައި ވެއެވެ. އެއްގޮތަކަށް ވެސް އެމީހުން އެ ރާވާ ރޭވުން ޔާދިންއަށް އޮޅުމެއްނުފިލިއެވެ. އޭނާގެ ދުވަސްދުއްވާލަން ރާވަނީއޭ ވަރަށް ބޮޑަށް ޔާދިންއަށް ޔަގީންކުރެވެނީއެވެ. އޭރުން ލައިތާ ވާދަކުރާނޭ އިތުރު މީހަކު އެ ޢާއިލާގައި ނުހުންނާނެއެވެ. ޔާދިންއަށް ވިސްނުނީ އެފަދައިންނެވެ.
"ޔާދު... ތައްޔާރުނުވަންތަ؟ ދެން ތިހެންނޫޅެބަލަ، އެއީ ވެސް އަހަރެމެންގެ ބްރަދާއެކޭ، މިރޭ އެޓްލީސްޓް ތުންފިއްތާފަ މޫނުހަދައިގެން ނުހުންނާތި." ޔާދިން ހުރި ގޮތް ފެނި ލައިރާ ބުނެލިއެވެ. އަނގައިން ބުނުމެއްނެތި ޔާދިން ހިނގައިގަތީ އެލެވޭޓާއާ ދިމާއަށެވެ. ދެ ފަރާތަށް ބޯހޫރާލަފައި ލައިރާ ނުކުތީ ބޭރަށެވެ. ޕޯޓިކޯ ކައިރީ ޚާދިމަކާއެކު ހުރި އަންހެންކުއްޖާއާ ލައިރާ ބައްދަލުކުރިއެވެ. އަދި އޭނާ ގޮވައިގެން ގޭތެރެއަށް ވަދެގެން އައެވެ. އެއީ މޭކަޕްކޮށްދިނުމަށް އައިސް ހުރި ކުއްޖެކެވެ.
މެންދުރު އައިގޮތަށް ކެންޒާ ހުރީ ކަސްތޫރީމެން ގޭގައެވެ. ލައިރާގެ އެޕާޓްމެންޓްގައެވެ. ކެންޒާ ތައްޔާރުވެ ނިމުންއިރު އޭނާގެ ގާތުގައި އެ ޢާއިލާގެ ހުރިހާ އަންހެނުން ތިއްބެވެ. ކެންޒާ ބޭނުންކުރީ ފަރުޒީނު ހަދިޔާކުރި ގަހަނާއެވެ. ލައިގެން ހުރީ އެރެއަށް ޓަކައި ލައިރާ ހޯދާފައިވާ ހެދުމެކެވެ. ސަރަފީނާއަށްވުރެ ފަރުޒީން އުޅޭ ގޮތުން ހީވަނީ ކެންޒާއަކީ ފަރުޒީނުގެ ވާންއުޅޭ ޅީދަރިހެންނެވެ. މޭކަޕްކޮށްދޭ ކުއްޖާއަށް ގޮތްކިޔަން ހުރީ ވެސް ފަރުޒީނެވެ. ހުރިހާކަމެއް ކެންޒާ ޚިޔާލަށް ވެސް ނުގެނެވޭހާ ފުރިހަމައެވެ. އެހެންނަމަވެސް އޭނާއަށް މިންނާއާއި ކައިފް ނެތްކަމުގެ ހުސްކަން އިޙްސާސް ކުރެވުނެވެ. (ނުނިމޭ)