ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުކުރުމާ ގުޅޭގޮތުން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމް ކުރުމަ ގުޅޭ ގޮތުން ދެ ބެފުޅުން މަޝްވަރާ ކުރެއްވީ ޕޮމްޕެއޯ ރާއްޖެއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައި ދެ ބޭފުޅުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.
ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރައްވާފައި މި ވަނީ، އޭޝިޔާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ތެރެއިންނެވެ. މިއީ، 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ޒިޔާރާތަށް ފަހު، އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ.
ޕޮމްޕެއޯ އާއި ރައީސް ސޯލިހުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެހެން ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އެ ގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރު ކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކޮށް ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލު ކުރެއްވި އެވެ.
މިދިއަ އަހަރުތަކުގައި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ވަނީ އިތުރުކޮށްފަ އެވެ. އެ ގޮތުން، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމާއި ސިއްހީ ދާއިރާއާ ގުޅުންހުރި ސާމާނުގެ އެހީތެރިކަން ފާހަގަ ކޮށްލެވެއެވެ. ކޮވިޑާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ދެ މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި، މިދިއަ އަހަރު ދެ ގައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފާހަގަކޮށްލެވެ އެވެ.