ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް ކަނޑައެޅި އެމެރިކާގެ ފުރަތަމަ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އެމެރިކާގެ ސަފީރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމެރިކާ ސަފީރު، ސަފީރުކަމުގެ ދައުރު ފެއްޓެވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކުރެވި، ސަފީރަކު އައްޔަނުކުރެއްވުމަކީ ރާއްޖެއާ އެމެރިކާގެ ގުޅުން ކުރިޔަށް އޮތްތަނުގައި ބަދަހިވާނޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އެމެރިކާގެ ވޮޝިންޓަން ޑީސީގައި ދިވެހިރާއްޖޭގެ އެމްބަސީ އަލުން ހުޅުވިގެން ދިޔުމަކީވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ވިޔަފާރިއާ އިގުތިސާދީ ދާއިރާއާ އެހެނިހެން ދާއިރާތަކުން ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މެދުގައި، އިގުތިސާދާއި ސަގާފީ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި އެމްބަސީތަކުން މުހިއްމު ދައުރެއް އަދާކުރާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރިމަތިލާންޖެހޭ ކަންކަމުން އަރައިގަތުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ސަފީރު ވަނީ ރާއްޖޭގައި އެމެރިކާ އެމްބަސީ ހުޅުވުމުގައި ރައީސް ސޯލިހާއި ދިވެހި ސަރުކާރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.