ރާއްޖޭގެ ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު ރަނގަޅުވެ، ކުރިއަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަ ގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމު ކުރައްވައިގެން ބޭއްވެވި "ސަމިޓް ފޯ ޑިމޮކްރަސީ"ގެ ދެވަނަ ބައްދަލުވުމުގައި ގައުމީ ބަޔާން އިއްވަވަމުންނެވެ.
މީގެ ދެ އަހަރު ކުރިން -- 2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާލައްވަމުން ފިސްކަލް އެކައުންޓަބިލިޓީއާ ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައް ކަމަށް ރައީސްގެ ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ޖުޑިޝަރީ އިސްލާހުކުރުމަކީ ވެސް ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު ރަނގަޅުވެ، ކުރިއަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަ ގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިއަށްދާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިސްލާހާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސާކިޓް ކޯޓުގެ ނިޒާމު ތައާރަފު ކުރުމާއި އަދި ޝަރުއީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެ ކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަދެއްކެވި އެވެ. ރައީސް ވަނީ މިއީ މި ސަރުކާރުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ދާއިރާއެއްކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ހޯދައިދިނުމާއި، ލާމަރުކަޒީ ނިޒާމުގައި އަންހެން ކައުންސިލަރުންގެ އަދަދު އިތުރުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ލާމަރުކަޒީ ނިޒާމާއި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވެފަ އެވެ.،
ރައީސްގެ ވާހަކަފުޅުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހިނގާ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގުމަށްޓަކައި މިނިވަން މަދަނީ ޖަމިއްޔާތަކުގެ މުހިއްމު ދައުރު ފާހަގަކުރެއްވި އެވެ. މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމައަށް ގެއްލުންހުރި ކަންތައްތަކެއް ކަމަށް ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި ޖަމިއްޔާތަކުގެ ގާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަސީލަތްތައް ފަހިކޮށްދީގެން މަދަނީ ޖަމިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި އެންޖީއޯ ޕޯޓަލް ތައާރަފުކުރުމާއެކު ހުރިހާ މަދަނީ ޖަމިއްޔާތަކަށްވެސް އެ ޖަމިއްޔާތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ހޯދުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވަނީ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ވެސް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެކުގައި މަސައްކަތްކުރުމަށްވެސް އެދިވަޑައިގަންނަވާފަ އެވެ.
ޑިމޮކްރަސީއަކީ އަބަދުވެސް އެއަށް ހޭނުމާއި އީޖާދީ ގޮތްތަކާއި އާކަންތައްތައް އޭގައި ހިމެނޭ އަދި އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ އެއްޗެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެކަން ފާހަގަކުރައްވައި ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ ގޮވާވެސް ލެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ގާނޫނަށް ދެ އިސްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޕާފޯމަންސް ބޭސްޓް ބަޖެޓިންއާ ދިމާއަށް ދިއުމަށް ކަމުގައިވެސް ވިދާޅުވި އެވެ.