ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އުންމީދަކީ ރާއްޖެ-އެމެރިކާ ގުޅުން ވަރުގަދަވުން"

އެމެރިކާގެ ރިޔާސީ އިންތިހާބުން ކާމިޔާބު ހޯއްދަވައި ވެރިކަމަށް ވަޑައިގެންނެވި ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބައިޑަން އަދި ކަމަލާ ހެރިސް ހުވާކުރެއްވީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް ސޯލިހް ވަނީ ޓްވީޓާ މެދުވެރިކުރައްވާ އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެ-އެމެރިކާ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެ ޖޯ ބައިޑަންގެ ވެރިކަމުގައި އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖޯ ބައިޑަން ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ތާރީހު ޖަހަން ފެށުނީ އެވެ.

ހުވާ ކުރެއްވުމަށް ފަހު ލަސްތަކެއް ނުކުރައްވައި ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި 17 އެގްޒެކެޓިވް އަމުރެއްގައި ސޮއި ކުރެއްވުމާއި ޓްރަމްޕް ހަމަޖައްސަވައި ފައްޓަވާފައި ހުރި ބައެއް ކަންތައްތައް ބާތިލުކުރެއްވުން ހިމެނެ އެވެ.

ބައިޑަން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންތައް ތަކުގެ ތެރޭގައި ކޮވިޑް ކޮންޓްރޯލްކުރަން އެމެރިކާގައި އަޅާފައި ހުރި ފިޔަވަޅުތައް މުރާޖާ ކުރެއްވުން ހިމެނެ އެވެ. އަދި ކޮވިޑް ބަލިމަޑުކަމާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯއާ މަޝްވަރާ ކުރެއްވުން ހިމެނެ އެވެ.