ދުނިޔެ

ޒެލެންސްކީ އެމެރިކާއަށް ވަޑައިގަންނަވަނީ

ޔުކްރޭނުގެ ރައީސް ވޮލިދިމީރު ޒެލެންސްކީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވާނެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ޒެލެންސްކީގެ މި ދަތުރުފުޅަކީ ރަޝިއާ ސިފައިން މި އަހަރުގެ ފެބްރުއަރީ މަހު ޔުކްރޭނަށް އަރާ، ހަނގުރާމަ ފެށި ފަހުން ޒެލެންސްކީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.


މި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކު ޒެލެންސްކީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ޒެލެންސްކީގެ ދަތުރުފުޅާ ގުޅޭގޮތުން ޔުކްރޭނާއި އެމެރިކާ ސަރުކާރުން ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހާއްސަ ޖަލްސާ އަކަށް ވަޑައިގަތުމަށް އެދިވަޑައިގެން މެންބަރުނަށް ސިޓީއެއް ފޮނުއްވާފަ އެވެ. މިޖަލްސާގައި ޑިމޮކްރަސީއަށް ވަރަށް މުހިއްމު ސަމާލުކަމެއް ދޭނެ ކަމަށް ޕެލޯސީގެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށްވެ އެވެ.

މިޖަލްސާ އަކީ ޒެލެންސްކީ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަނގުރާމަ ފެށުނު ފަހުން ޒެލެންސްކީ ގައުމުން ބޭރަށް ވަޑައިނުގެންނެވި ނަމަވެސް އެކި ގައުމުތަކުގެ ވެރީންނާ ފޯނު ކޯލުންނާއި ވީޑިއޯ ކޯލް މެދުވެރިކޮށް ވަރަށް ގިނައިން ވާހަކަދައްކަވަ އެވެ. ހަނގުރާމަ ފެށުނު ފަހުން ޔުކްރޭނުގެ ވެރިރަށް ކީވް އަށް ވަޑައިގެންނެވި ބައެއް ގައުމުތަކުގެ އިސް ބޭފުޅުންނާ އާދައިގެ ހެދުންކޮޅުގައި ޒެލެންސްކީ ބައްދަލުވެސް ކުރައްވަ އެވެ.

ޒެލެންސްކީ އަށް އެމެރިކާ މުހިއްމު ވަނީ އެ ގައުމުން ޔުކްރޭނުގެ އަސްކަރިއްޔާ ބާރުވެރިކުރުމަށާއި ރަޝިއާ ސައިޒުކުރުމަށް ދެމުންދާ އެހީތަކާ ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާއިން ޔުކްރޭނަން ދޭން ވައުދުވެފައިވާ 18.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކީ މިދިޔަ ނޮވެމްބަރު 20 އާއި ހަމައަށް އެހެން އެއްވެސް ގައުމަކުން ދޭން އެއްބަސްވެފައިވާ އަދަދަށް ވުރެ ބޮޑު އަދަދެކެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ރަޝިއާއިން ޔުކްރޭނުގެ ހަކަތަ އުފައްދާ މުހިއްމު ޕްލާންޓުތަކަށް ދެމުންދާ ހަމަލާތަކުން ދިފާއުކޮށްދޭނެ "ޕެޓްރިއޮޓް" މިސައިލް ސިސްޓަމެއް ޔުކްރޭނަށް ހަދިޔާކުރުމުގެ މަޝްވަރާތައް ބައިޑަންއާ އެކު ޒެލެންސްކީ ކުރިއަށް ގެންދަވާނެ އެވެ.