އެމެރިކާ

ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވައިފި

އެމެރިކާގައި މިދިއަ އަހަރު ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަަހު ބޭއްވި ރިޔާސީ އިންތިހާބުން ކާމިޔާބު ހޯއްދަވައި ވެރިކަމަށް ވަޑައިގެންނެވި ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި އެވެ. ބައިޑަން ހުވާ ކުރެއްވުމުގެ އިރުކޮޅެއް ކުރިން ކަމަލާ ހެރިސް ވަނީ ނައިބު ރައިސް ކަމުގެ ހުވާ ކުރައްވާފަ އެވެ.

ކޮވިޑް ބަލިމަޑުކަމާއި ސަލާމަތީ ސަބަބުތަކާ ހެދި ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު އަރުވާފައި ވަނީ މަދު ބަޔަކަށެވެ. އަނެއްކޮޅުން މި މަހު ހަވަނަ ދުވަހު ކޮންގްރެސް އިމާރާތް، ކެޕިޓަލް ތެރޭގައި ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން، ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނަ ކެޕިޓަލް ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަ ކޮށްފަ އެވެ. އާންމުން އެހިސާބަށް އެއްވުން ރަނގަޅު ނޫން ކަމަށް ވަނީ އަންގާފަ އެވެ.

އެމެރިކާގެ ރައީސަކު ހުވާ ކުރައްވާ ރަސްމިއްޔާތެއްގައި މިފަހަރު އެންމެ ބޮޑު އައިބަކަށް ވާނީ ވެރިކަމުން ފައިބާވަޑައިގަންނަވާ، ކުރީގެ ރައީސް ބައިވެރިވަޑައިނުގަތުމެވެ. ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ޓްރަމްޕްގެ ނައިބު ރައީސް މައިކް ޕެންސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ޖޯ ބައިޑަން ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ތާރީހު ޖަހަން ފެށުނީ އެވެ.

ހުވާ ކުރެއްވުމަށް ފަހު ލަސްތަކެއް ނުކުރައްވައި ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި 17 އެގްޒެކެޓިވް އަމުރެއްގައި ސޮއި ކުރެއްވުމާއި ޓްރަމްޕް ހަމަޖައްސަވައި ފައްޓަވާފައި ހުރި ބައެއް ކަންތައްތައް ބާތިލުކުރެއްވުން ހިމެނެ އެވެ.

ބައިޑަން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންތައް ތަކުގެ ތެރޭގައި ކޮވިޑް ކޮންޓްރޯލްކުރަން އެމެރިކާގައި އަޅާފައި ހުރި ފިޔަވަޅުތައް މުރާޖާ ކުރެއްވުން ހިމެނެ އެވެ. އަދި ކޮވިޑް ބަލިމަޑުކަމާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯއާ މަޝްވަރާ ކުރެއްވުން ހިމެނެ އެވެ.

ހަޔާތްޕުޅުގެ ކުރީކޮޅު އަދި ސެނެޓަރެއް ގޮތުގައި

ޖޯ ބައިޑަން އުފަންވެ ވަޑައިގަތީ ނޮވެމްބަރު 20، 1942 ގައި އެމެރިކާގެ ޕެންސީލްވޭނިއާގަ އެވެ. ސިޔާސީ ހަޔާތްޕުޅުގައި ކުރި ހޯއްދަވަމުން ވަޑައިގެން ބަރަކް އޮބާމާ ޑިމޮކްރެޓިކް ސަރުކާރުގައި ނައިބު ރައީސްކަން 2009 އިން 2017 އަށް ކުރައްވާފައިވެ އެވެ. އޭނާ ވަނީ ނޮވެމްބަރު 2020 ގައި އޮތް ރިޔާސީ އިންތިޚާބް ކާމިޔާބު ކުރައްވައި އެމެރިކާގެ ރައީސްކަން ކަށަވަރު ކުރައްވާފަ އެވެ

ބައިޑަން ވަނީ ޔުނިވާސިޓީ އޮފް ޑެލަވެއާއިން 1965 ގައި ބެޗެލާސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ. އަދި ސިރަކިޔޫޒް ޔުނިވާސިޓީން 1968 ގައި ލޯ ޑިގްރީއެއް ހާސިލް ކުރައްވާފަ އެވެ. ބައިޑަން ނީލިއާ ހަންޓާއާ 1966 ގައި ކައިވެނި ބައްްލަވައިގެން ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ.

ނިއު ޔޯކް ސިރަކިޔޫޒް ލޯ ސްކޫލުން ކިޔަވާ ވިދާޅުވުމަށް ފަހު އެނބުރި ޑެލަވެއާއަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކު ގާނޫނީ ވަކީލެއް ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އެއަށް ފަހު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން އުމުރުފުޅުން 29 އަހަރުގައި ސެނޭޓަރަކަށްވެ ވަޑައިގަތެވެ. އެހެން ނަމަވެސް ކާރު އެކްސިޑެންޓެއްގައި އަނބިކަނބަލުންނައި ތުއްތު ދަރިކަނބަލުން ދުނިޔެ ދޫކުރެއްވުމާ ގުޅިގެން ލިބިވަޑައިގެންނެވި މޮޅިވެރިކަމުގައި ސިޔާސީ ހަޔާތްފުޅު މުޅިން ދޫކޮށްލައްވަން ނިންމެވި އެވެ. އެހެން ނަމަވެސް އެކުވެރިންގެ ފަރާތުން ލިބިލެއްވި އަޅާލެއްވުމާއި ހިތްވަރުގައި ސިޔާސީ ހަޔާތްޕުޅު ކުރިއަށް ގެންދެވި އެވެ. އަދި ދެވަނަ ފަހަރަށް ކައިވެނިކުރައްވައި ޖިލް ބައިޑަން އަނބިކަނބަލުން ގޮތުގައި އިޚުތިޔާރުކުރެއްވި އެވެ.

ޖޯ ބައިޑަން ވެފައި ވަނީ ސެނެޓަރެއް ގޮތުގައި ވެސް އާދަޔާ ޚިލާފު ގިނަ މަސައްކަތްތަކެއް ކުރައްވައި ކާމިޔާބު ހޯއްދެވި ބޭފުޅެއްގެ ގޮތުގަ އެވެ.

ރައީސްކަމާއި ނައިބު ރައީސްކަން

އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމަށް 1988 ގައި ބައިޑަން މަސައްކަތް ކުރެއްވި ނަމަވެސް، ކުރެއްވުނު މަސައްކަތްތަކުގައި ހުރި ދޯހަޅިކަމެއް އާންމުވެ ކެމްޕޭން ތަގުރީރެއް ކޮޕީ ކުރެއްވި ކަމަށް ތުހުމަތު ކުރެވުމުން މަސައްކަތްތައް އެފަހަރު ހުއްޓާލެއްވެވި އެވެ. އެހެން ނަމަވެސް ބާރަކް އޮބާމާ ރިޔާސަތުގައި ދެ ދައުރު، އަށް އަހަރު ނައިބު ރައިސްކަން ކުރެއްވި އެވެ. އަދި އެއަށް ފަހު ހަތަރު އަހަރު ދުވަހުގެ އިންތިޒާރަކަށް ފަހު ރިޕަބްލިކަން ކެނޑިޑޭޓު ގޮތުގައި ވެރިކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް، ނޮވެމްބަރު 2020 ގައި އޮތް ރިޔާސީ އިންތިހާބުގައި ބަލި ކުރައްވައި އެމެރިކާގެ ރައިސްކަމަށް ހޮވިވަޑައިގެންނެވި އެވެ.

ނައިބު ރައީސް ކަމަލާ ހެރިސް

އުފަންވެ ވަޑައިގަތީ އޮކްޓޯބަރު 20، 1964 ގައި އެމެރިކާގެ ކެލިފޯނިއާގަ އެވެ. ޑިމޮކްރެޓް ކެނޑިޑޭޓެެއް ގޮތުގައި ސެނެޓަށް ހޮވިވަޑައިގަތީ 2016 ގަ އެވެ.

ކަމަލާ އަކީ އިންޑިއަން އެމެރިކަން އެކެވެ. މަންމަ އަކީ އިންޑިއާ މީހެކެވެ. ބައްޕަ ނިސްބަތް ވަނީ އެމެރިކާ / ޖެމެއިކާ އަށެވެ. ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވުމަށް ފަހު އެވެ.

އެމެރިކާގައި ނޮވެމްބަރު 2020 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ބައިޑަންގެ ނައިބު ރައީސަކަށް ކަމަލާ ވަނީ ހޮވިވަޑައިގެންފަ އެވެ. އެހެންކަމުން އެކަމަނާ ވެވަޑައިގެންފައި ވަނީ އެމެރިކާގެ 49 ވަނަ ނައިބު ރައީސްއަށެވެ. އެމެރިކާގައި ކަޅު ނަސްލުގެ ކަނބަލަކަށް ނައިބު ރައިސްކަން ލިބިވަޑަތް މިއީ ފުރަތަމަ ފަހަރެވެ.