ހަބަރު

ނޮވެންބަރުން ފެށިގެން ކައިވެނިކޮށްދޭ ވަގުތު އިތުރުކުރަނީ

ނޮވެންބަރު މަހުން ފެށިގެން ކައިވެނި ކޮށްދޭ ވަގުތު އިތުރު ކުރުމަށް ފެމިލީ ކޯޓުން ނިންމައިިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށް ދިނުން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. އޭގެ ފަހުން އޮންލައިންކޮށް ކައިވެނިކޮށްދޭން ފެށިއެވެ. ނަމަވެސް ކައިވެނި ކޮށް ދެނީ ރަސްމީ ގަޑީގައި އެކަންޏެވެ.

ފެމިލީ ކޯޓުން މިއަދު ބުނީ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައިވެނިކޮށްދޭ ވަގުތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ނޮވެންބަރުން ފެށިގެން ކޮންމެ ރެއަކު 9 ޖަހަންދެން ކައިވެނިކޮށްދޭނެ ކަމަށެވެ. ނަމަވެސް އަދިވެސް ކައިވެނި ކޮށްދިނުން އޮންނާނީ އޮންލައިންކޮށެވެ.

އެ ކޯޓުން ބުނީ ނުރަސްމީ ގަޑީގައި ކައިވެނިކޮށް ދޭން ނިންމާފައިވާއިރު މީގެ ކުރިންވެސް ނުރަސްމީ ގަޑީގައި ކުރާ ކައިވެނިތަކަށް ނަގަމުން އައި ފީ ނަގާނެ ކަމަށެވެ. އެއީ 500 ރުފިޔާއެވެ.