ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަސޫލާގެ ޒިކުރާއިން ހަޔާތުގެ ކަންކަން އިސްލާހު ކުރެއްވުމަށް ގޮވާލައްވައިފި

ކީރިތި ރަސޫލާގެ ޒިކުރާއިން ލިބިދޭ ފިލާވަޅުތަކުން، ދުނިޔަވީ ހަޔާތުގެ ކަންކަން އިސްލާހުކޮށް، އެ މަތިވެރި ރިސާލަތަށް ފުރިހަމައަށް ތަބާވެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލްކުރުމަށް މަަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި ދިވެހިރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ. ރައީސުލްޖުމްހޫރިއްޔާ މި މެސެޖުގައި އެމަނިކުފާނު ވަނީ އިސްލާމީ ގައުމުތަކުގެ ވެރިންނާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދީ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި މުނާސަބާއިން ހަނދާނަށް ގެނެސްދެނީ، އިތުރު އެކަލޭގެފާނު މެދުވެރިކުރައްވައި، މާތް اللهُ މުޅި އިންސާނިއްޔަތަށް ދެއްވެވި އެންމެ މަތިވެރި ނިޢުމަތް ކަމަށްވާ އިސްލާމް ދީނުގެ ހިދާޔަތުން އިންސާނިއްޔަތަށް ދިރުން ލިބިގެން ދިޔަ ގޮތްކަން ފާހަގަކުރެއްވިއެވެ. އަދި މުޅިން އައު ސަފްހާއަކުން ދިވެހި ގައުމީ ޝަހްސިއްޔަތުގެ ތާރީހުވެސް ލިޔަން ފެށުނީ، ދިވެހިން އެއްކައުވަންތަކަމުގެ އަގީދާ ގަބޫލުކޮށް، ދިވެހިންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުމާ ހަމައިން ކަން ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު އެކަލޭގެފާނުގެ މަތިވެރި ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، މީސްތަކުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި އަދުލު އިންސާފަށް ލޯބިކުރުމާއި އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަތައް ހަރުލެއްވުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި ދަތި އުނދަގޫ ހާލަތްތަކުގައި ވެސް ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި އާއިލީ ގުޅުންތައް ބަދަހިކުރުމާއި މައާފްކުރުމާއި ހިތްހެޔޮކަމާއެކު މުޢާމަލާތު ކުރުން ފަދަ އެކަލޭގެފާނު ދެއްކެވި އަހްލާގީ ނަމޫނާތަކުން އިބުރަތް ހާސިލްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.