(27 އޮކްޓޯބަރ 2020 އާ ގުޅޭ)
މެންދުރު އައިގޮތަށް ކެންޒާ ހުރީ ކަސްތޫރީމެން ގޭގައެވެ. ލައިރާގެ އެޕާޓްމެންޓްގައެވެ. ކެންޒާ ތައްޔާރުވެ ނިމުންއިރު އޭނާގެ ގާތުގައި އެ ޢާއިލާގެ ހުރިހާ އަންހެނުން ތިއްބެވެ. ކެންޒާ ބޭނުންކުރީ ފަރުޒީނު ހަދިޔާކުރި ގަހަނާއެވެ. ލައިގެން ހުރީ އެރެއަށް ޓަކައި ލައިރާ ހޯދާފައިވާ ހެދުމެކެވެ. ސަރަފީނާއަށްވުރެ ފަރުޒީން އުޅޭ ގޮތުން ހީވަނީ ކެންޒާއަކީ ފަރުޒީނުގެ ވާންއުޅޭ ޅީދަރިހެންނެވެ. މޭކަޕްކޮށްދޭ ކުއްޖާއަށް ގޮތްކިޔަން ހުރީ ވެސް ފަރުޒީނެވެ. ހުރިހާކަމެއް ކެންޒާ ޚިޔާލަށް ވެސް ނުގެނެވޭހާ ފުރިހަމައެވެ. އެހެންނަމަވެސް އޭނާއަށް މިންނާއާއި ކައިފް ނެތްކަމުގެ ހުސްކަން އިޙްސާސް ކުރެވުނެވެ.
އެންމެންހެން ލައިރާގެ އެޕާޓްމެންޓުން ނުކުމެ، އެމީހުން ވާންޖެހޭ ތައްޔާރީތައް ވުމަށް ހިނގައްޖެއެވެ. މެހެމާނުންގެ ކޮޓަރީގައި ރީތިވާ މޭޒުދޮށުގައި ކެންޒާ އިނެވެ. ލައިރާ ވެސް ތައްޔާރުވާން ދަނީ ކަމުގައި ބުނެ ކޮޓަރިން ނުކުތެވެ. އެކަނިވުމުން މަޑުމަޑުން ކެންޒާ ގޮނޑިން ތެދުވެއްޖެއެވެ. ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ރަނގަޅަށް ބަލާލިއެވެ. އޭނާގެ ފަލަ ހަށިގަނޑަށް ބަދަލު އައިސްފައި ހުރިކަން ފާހަގަވީ އަދިކިރިޔާއެވެ. ސަރުބީތައްވިރި މަސްތައް ކުޑަވެ، އެ ހަށިގަނޑު ވެސް ކުރިއަށްވުރެ ހިކިކަމަށް ދައްކައެވެ. ދެއަތުން އުނަގަނޑާއި ބަނޑުގައި ކެންޒާއަށް ފިރުމާލެވުނެވެ. ލައިގެން ހުރީ މީގެ ކުރިން ދުވަހަކުވެސް ނުލާފާދަ ހެލުމެކެވެ. ޙަފުލާތަކަށް ދިއުމަކީ އޭނާ ކުރިކަމެއްނޫނެވެ. ގަހަނާ ބޭނުން ކުރުމާއި މޭކަޕް ކުރުމަކީ އޭނާއާ ވަރަށް އާ ކަންތައްތަކެވެ. ލޯގަނޑުން ފެންނަ ކެންޒާގެ ރީތިކަން އޭނާއަށް ކަމުދިޔައެވެ.
ފޯނުގެ ރަނގަބީލު އެޅުމާއެކު ކެންޒާގެ ޚިޔާލުތަކުން ބޭރުވެ ފޯނަށް ސަމާލުކަން ދެވުނެވެ. އަލުން ގޮނޑީގައި އިށީނދެ ފޯނަށް ބަލާލިއެވެ. ގުޅަނީ ލައިތުކަން އެނގުމުން ލުއި ހިނިތުންވުމެއް ކެންޒާގެ ތުންފަތަށް ވެރިވިއެވެ. ކޯލު ނަގަންވާއިރަށް ކެނޑުމުން ހައިރާންވިއެވެ. ލައިތަށް ގުޅަން ޑައިލް ކޮށްލިއެވެ. އެހިނދު ކޮޓަރީގެ ދޮރުމަތީ މީހަކު ހުއްޓުނުހެން ހީވެ ކެންޒާ ބަލާލިއެވެ.
"ލައިތު..." ހިނިތުންވުމަކާއެކު ކެންޒާއަށް ގޮވާލެވުނެވެ.
ކޮޓަރީގެ ތެރެއަށް ވަދެގެން އައީ ލައިތެވެ. ކަޅުކުލައިގެ ފަޓުލޫނާއި ގަމީހުގައި ހުރިއިރު، މުލައްދަނޑި ފެންނަ ވަރަށް ދެއަތްކުރި އޮޅާލާފައި ވިއެވެ. އިސްތަށިގަނޑުން ފެންނަނީ ތެތްކޮށެވެ. އެހެންނަމަވެސް ފެނުގެ އަސަރެއް ނުވާކަން ޔަގީނެވެ. އޭނާ ކެންޒާގެ ކޮނޑުމަތިން ކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ވައިގަ އަތްލިއެވެ.
"ވަރަށް ރީތި..." ކެންޒާގެ އަތުގައި ހިފައި ކޮޅަށް ނަގަމުން ލައިތު ބުނެލިއެވެ. އަދި ލޯބިން ބޮސްދޭން ބޭނުންވާކަން ހާމަކުރިއެވެ. ލައިތުގެ މޭގައި މަޑުމަޑުން ޖަހާލުމާއެކު ކެންޒާ ހީނލިއެވެ. ލާނެތްނުވާން ބުނެލިއެވެ. ނަމަވެސް ލައިތުއަށް އޭނާގެ އިޙްސާސްތައް ހިފަހައްޓަން ހަޤީޤަތުގައި ވެސް އުނދަގޫވިއެވެ.
"ލައިތު ވެސް ފެންނަލެއް ގޯހެއްނޫން..." ސަމާސާގެ ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރެ ކެންޒާ ބުންޏެވެ.
"އަހަރެންނަށް އެނގޭ އަހަންނަކީ ރީތި މީހެއްކަން." ނޭވާ އިޙްސާސްވާނޭހާ ގާތަށް ފިޔަވަޅު އަޅާލަމުން ލައިތު ބުނެލިއެވެ.
"ސްޓޮޕްއިޓް ލައިތު..." ލައިތުގެ ގަސްދު ވަރަށް ރަނގަޅަށް އެނގިހުރެ ކެންޒާ ފަހަތަށް ފިޔަވަޅު އަޅާލިއެވެ. އެއާއެކު ލައިތު ހީނލި އަޑު އިވުނެވެ.
"މިރޭ..." ކެންޒާއާ ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރެފައި ލައިތު އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް ބުނަން އުޅުނު އެއްޗެއް އޭނާ ފުރިހަމައެއް ނުކުރިއެވެ.
"ކިހިނެއްވީ؟ ކީކޭ ބުނަން އުޅުނީ؟" ކެންޒާ އަހާލިއެވެ.
"ނަތިންގ، ބެނީ ގޮވައިގެން އައިސް މިއުޅެނީ... ދޮންއާއެކު ކެން އާދޭ އިނގޭ، ކެން ފޭބުމުގެ ކުރިން ބަލާލާ ހިތުން މިއައީ... ދެން ދަނީ އިނގޭ." ކެންޒާގެ ކަނާއަތުގައި ލައިތު ހިފާލިއެވެ. ކެންޒާ މަޑުމަޑުން ބޯޖަހާލައި ހިނިތުންވެލިއެވެ.
ބޮޑުކޮޓަރީގައި ކުރިއަށް ދިޔަ ޙަފުލާގައި ބައިވެރިވީ ޢާއިލާއާއި ތިމާގެ މީހުން އެކަންޏެވެ. ކެންޒާގެ ގާތުން ލައިރާ ދުރަށް ނުދެއެވެ. އެ އަންހެންކުއްޖާއަށް އެކަނިވެރިކަން އިޙްސާސްވާން އޭނާ ނޭދޭކަހަލައެވެ. ކަސްތޫރީގެ ދުލުން ކެންޒާއާ މެދު ރުހޭކަން އިޢުލާން ކުރުމުން އެ ވާހަކައާ ގުޅުވައި އަސަދު ވެސް ވާހަކަދެއްކިއެވެ. ލައިތަށް ކަސްތޫރީ އިޝާރާތް ކޮށް ކެންޒާގެ ގާތުން ކައިވެނީގެ ރަނަށް އެހުމަށް ބުންޏެވެ. އަދި ރަންކިއުމަށްފަހު ކެންޒާ ހުރިހާ ގޮތުން ލައިތާ އިންނަން ރުހުނީކަމުގައި ކަސްތޫރީ ހަނދާންކޮށްދިނެވެ. ކައިވެނި ވެވުމުން ނޫނީ އަނތްބަކަށް އަދި ނުވާނޭކަން އަސަދު ބުނެލީ ދަރިފުޅަށް ކޮށްލި ސަމާސާއެއް ފަދައިންނެވެ. ފަރުޒީނު ހީނގަތް އިރު، ދެން ތިބި އެންމެންނަށް ވެސް އަސަދު ބުނި އެއްޗެއް ދޭހަވެ ހިނިތުންވެލައިގެން ތިއްބެވެ. ލައިތު ބަލާލީ ކެންޒާއަށެވެ. އެ މޫނުން ރަކިވެ ލަދުގެންފައި އިންކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
ޙަފުލާ ބޭއްވޭނެ ތާރީޚު ކަނޑައެޅުނީއްސުރެ ރަންކިޔަންވީ ކިހިނެއްކަން ނޭނގި އެކަމާ ގުޅޭ ގޮތުން ލައިރާއާ ކެންޒާއައީ މަޝްވަރާ ކުރަމުންނެވެ. ރަންކިޔާނޭ އަދަދެއް ނޫނީ އެއްޗެއް ވެސް ކެންޒާގެ ޚިޔާލަށް ނާދެއެވެ. ލައިރާ ރަނުގެ ގޮތުގައި ކީ އަދަދާއި އެކަން ހިނގައިދިޔަ ގޮތް އޭނާ ކެންޒާއާ ޚިއްޞާކުރިއެވެ. ކެންޒާގެ ރަނާ ބެހޭ ގޮތުން ލައިތު ވެސް އޮތީ ސުވާލުކޮށްފައެވެ. ގޮތެއް ނިންމައިފަވީ ނަމަވެސް ލައިތު އެނގެން ބޭނުންވީ ރަން ކިޔުމުގެ ޙަފުލާ ތެރެއިންނެވެ.
ލައިތު ކެންޒާއަށް ބަލަން އިނދެ ވާހަކަދެއްކިއެވެ. ކައިވެނިކުރަން ގަސްދުކުރާތީ، ކައިވެނީގެ ރަން ކިޔުމަށް ކެންޒާގެ ގާތުން ލައިތު އެދުނެވެ. އެވަގުތު މުޅި މާޙައުލު ވަނީ ހިމޭންވެފައެވެ. ކެންޒާގެ އަޑު އަހާލަން އެތަނުގައި ތިބި ކޮންމެ މީހަކު ބޭނުންވެފައި ތިބި ކަހަލައެވެ. ހިންދިރުވާލާފައި ކެންޒާ ރަންކިޔައިފިއެވެ. އެއާއެކު ކެންޒާގެ ރަން، ކައިވެނީގެ ވަގުތުގައި ހަވާލުކުރެވޭނެކަން ލައިތު އިއްވާލިއެވެ. ފުރަތަމަ އަތްތިލަބަޑިއާއި ތަހުނިޔާގެ އަޑު އިވިގެން ދިޔައީ އެމީހުންގެ ގާތުގައި ހުރި ލައިރާގެ ފުށުންނެވެ. އޭނާގެ އަތްތިލަ ބަޑީގައި އެހެން މެންބަރުން ބައިވެރިވިއެވެ. ރަންކިޔުމަށްފަހު، އެއް މަސް ފަހުން ކައިވެނި ކުރެވޭނެކަން ލައިތު ބުނީ ކެންޒާގެ ގާތުގައެވެ. އެހާތަނަށް ހަމަޖެހިގެން އޭނާ ބޭނުންވާވަރުގެ ފުރިހަމަ ކައިވެނި ޕާޓީއެއް ބޭއްވޭނެކަން ލައިތު ބުންޏެވެ. ކައިވެންޏަކީ ހަޔާތުގައި އެންމެ ފަހަރަކު ކުރަން ލައިތު ގަސްދުކުރާ ކަމަކަށްވާއިރު، އެ ޙަފުލާ ވަރަށް ޚާއްޞަވާން ލައިތު ބޭނުންވެއެވެ. ކެންޒާއަށް ޓަކައެވެ.
ފަހަރަކު މީހަކު ކަހަލަ ގޮތަކަށް ކެންޒާއާއި ލައިތަށް ތަހުނިޔާކިޔަމުންދިޔައިރު އެ ޢާއިލާގެ މެންބަރުންނަށް ފިޔަވާ ކެންޒާގެ ހަޤީޤަތް އެނގޭ މީހަކު އެތާކު ނުވެއެވެ. ކެންޒާގެ ޢާއިލާގެ ފަރާތުން މީހަކު ބައިވެރިނުވާތީ އެކަމާ ސުވާލުކުރާތީ ކެންޒާއަށް އިވުނީއެވެ. މިހާބޮޑުކަމެއްވެ ނިމިގެން ދާއިރު ހަމައެކަކު ވެސް ނާދޭތޯ އެމީހުން ސިއްރުން ވާހަކަދެއްކިއެވެ. ތިމާގެ މީހުން ބައިވެރިވާކަން ލައިތަށް ކުރިން އެނގިފައެއް ނެތެވެ. އޭނާ ޙަފުލާ ބާއްވަން ގަސްދުކުރީ ހަމައެކަނި އެ ޢާއިލާގެ މެންބެރުންގެ މެދުގައެވެ. އެގޮތަށް މާމަ އެދުނީމައެވެ. ދިރިއުޅުން އެ ގޭގައި ވޭތިކުރުމުގެ ވިސްނުމެއް އެއްވެސް އިރަކު ލައިތު ނުގެންގުޅެއެވެ. އޭނާގެ ޕެންޓްހައުސް، އެ ދެ މީހުން ދިރިއުޅެން ފުދޭކަމުގައި ލައިތު ޤަބޫލުކުރެއެވެ. މިރޭ އޭނާއަށް އިތުރު ހިތްހަމަޖެހުމެއް ލިބުނީ އަޒްހަރު އައިއިރު އޭނާއާއެކު ހިރާ ނައުމުންނެވެ. ހިރާ ފެނި ކެންޒާއަށް ކުޑަ ވެސް ނުތަނަވަސްކަމެއް ލިބެން ލައިތު ނޭދެއެވެ.
"ބެނީ މިރޭ ފުރާނެ، ކެން މަޑުކުރޭ ދޮން ކައިރީ... ބެނީއާ އެއްކޮށް ގޮސްފަ އަންނާނަން އަހަރެން." ކެންޒާއާއެކު އެކަހެރިވެލައި ލައިތު ބުންޏެވެ. އޭރު ބޮޑުކޮޓަރިތެރެއިން ޢާއިލާނޫން އެހެން މީހުން ހިނގައްޖެއެވެ.
"އަންނާނަން ދޯ." އިތުރަށް ޔަގީންކޮށްލާ ފަދައިން ކެންޒާ އަހާލިއެވެ. އަވަސްއަވަހަށް ލައިތު ބޯޖަހާލިއެވެ.
ކެންޒާ ގޮވައިގެން ލައިތު މަޑުކޮށްލީ ލައިރާގެ ގާތުގައެވެ. ކެންޒާ ބަލާ އަންނާނޭކަމާއި އެހެންވީމަ ލައިރާ ގާތު ކެންޒާ ބެހެއްޓުމަށް ލައިތު އެދުނެވެ. އަސަދާއި ސެހްރާނުގެ ގާތުގައި ހުރި ބިންޏާމީން ދައްކާލުމާއެކު އޭނާ ގޮވައިގެން އެއާޕޯޓަށް ދާން ޖެހޭ ވާހަކަ ލައިތު ބުންޏެވެ. ލައިރާ މައްސަލައެއްނެތޭ ބުނެ ކެންޒާގެ އަތުގައި ހިފާލިއެވެ.
"ތެދެއް، ލައިތާއެކު ބެނީ މިކޮޅުގައި ބްރާންޗެއް ހުޅުވަން ގަސްދުކުރަމޯ... ބައްޕައާ މަޝްވަރާ ނުކުރަމެންނު، ކުންފުނިން ބޭރުގަ، ދަރިފުޅު ވަކި ވިޔަފާރިއެއް ފަށަން ގަސްދުކުރަނީތަ؟" ރޫމާން އަސަދުގެ އަޑުގައި ހިސާބެއްގެ ކަންބޮޑުވުން އެކުލެވިފައި ވިއެވެ.
"އަދި ނުދެއްކިފަ... ބެނީ، ކޮބާ ދާންވީނު... އެކޮޅަށް ގޮސް ފޮށި ނަގަން ޖެހޭނު." އަސަދުއަށް އެއްޗެއް ބުނެލާފައި ލައިތު ކުރިމަތިލީ ބިންޏާމީނާއެވެ. އޭނާ ބޯޖަހާލާފައި އަސަދާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އެއަށްފަހު ސެހްރާނާއި ވެސް ސަލާމްކުރިއެވެ.
"އެކޮޅުން އަހަރެންގެ އެއްޗެހި ޒޭވިއާ ގެންދާނެ، މިރޭ ޢާއިލާއާއެކު ލައިތު މަޑުކުރަންވީނު، އޭނާ އަހަރެން ގޮވައިގެން އެއާޕޯޓަށް ހިނގައިދާނެ." ބިންޏާމީން ބުންޏެވެ.
"ރައްކާތެރިކަމާއެކު ބެނީ އެއާޕޯޓުން ހޮޓެލާ ހަމައަށް ގެނެސްދިން އިރު، އެނބުރި އެއާޕޯޓާ ހަމައަށް ގެންގޮސް ވެސް ދެވޭނެ، އެހެންނޫނަސް ތީ އަހަރެންގެ ވަރަށް ގާތް މީހެއް، އަވަދިނެތި އުޅެމުން ވެސް އަހަރެން ކަމަކު ބުނީމަ ތިއައީ، ބެނީއަށް އަހަރެން ޗޫޒްކުރި ރިންގު މިކޮޅަށް ފޮނުވާލެވެން ވެސް އޮތް..."
"އަހަރެންގެ އަމިއްލަ އެދުމެއްވެސް އޮތީމައެއްނު މިއައީ." ބިންޏާމީން ޖަހާލީ ބާރު ހިނިގަނޑެކެވެ.
ދެ ޒުވާނުން ނުކުމެގެން އައިސް ލައިތުގެ ކާރަށް އެރިއެވެ. ކާރު ދުއްވާލުމާއެކު ބިންޏާމީން ގުޅީ އޭނާ މާލެ އައުމުން ހުރިހާ ވަގުތު އޭނާއާއެކު އުޅެން ހަމަޖައްސާފައި ހުރި "ބޮޑީގާޑު" އަށެވެ. ރަނާއި ގިނަ އަދަދެއްގެ ރުފިޔާއާއެކު ދަތުރުކުރާއިރު އަބަދުވެސް ބިންޏާމީން ދާ ޤައުމުތަކުން ދަތުރު ނިމެންދެން އެފަދަ ޚިދުމަތަށް މީހަކު ހަމަޖައްސައެވެ.
"އަންހެނުން ގޮވައިގެން ކައިވެންޏަށް އަންނައިރު އަންނަންވާނީ، އަހަރެން އެންމެ ފުރަތަމަ ދަޢުވަތު ފޮނުވާނެ އެކަކުތީ." ހުންގާނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ބިންޏާމީންގެ ފޯނުކޯލު ނިމުމުން ލައިތު ވާހަކަދެއްކިއެވެ.
"އަހަރެން ހަމަ އަޖައިބުވެއްޖެ ކައިވެނީގެ ރެއާ ހަމައަށް އެ އަންހެންކުއްޖާ ރާއްކާތެރިކަމާއެކު ބަހައްޓާފައޭ ހުރީ ބުނީމަ، ކަލޭ ތިހާ ކެތްތެރިކަން އެނގުނީމަ އަހަރެން ވަރަށް އަޖައިބުވެއްޖެ... އެކަމަކު އުފާކުރަން، އޭނާދެކެ ކަލޭ ލޯބިވާވަރު އަހަރެންނަށް އެކަމުން އެނގިއްޖެ، ރަނގަޅަށް ބުނީ... ހަޤީޤީ ލޯތްބެއް އެހާ ފަސޭހައިން ފޮހެވިގެން ނުދާނެ، ތި ދެމީހުންގެ ލަވް ސްޓޯރީ ހީވަނީ ޢާއްމުކޮށް ވާހަކަތަކުގައި ގެނެސްދީފައި ހުންނަ ކަހަލަ ލޯތްބެއްހެން." ބިންޏާމީން ހީނލިއެވެ. އެ ހުނުމުގައި ލައިތު ބައިވެރިވިއެވެ.
"އަހަރެން އެންމެ އަޖައިބުވީ އޭނާ ދެވަނަ ފަހަރަށް އަހަރެންގެ ކުރިމައްޗަށް އައުމުން... އެއީ އިއްތިފާޤަކަށް ވިޔަސް، ތަޤުދީރުކަމުގައި ވިޔަސް... އަހަރެން އަބަދުމެ ޝުކުރުވެރިވާނޭ ކަމެއް އެއީ." ލައިތުގެ ހިތް އެކީ ކެންޒާއަށް ދެވިފައިވެއެވެ.
"ކައިވެންޏަށްފަހު ހަޤީޤީ ލޯބި އަސްލު ވެވެނީ... އަހަރެންނަށް މިހާރު އަރްމީނާއި ނުލާ އެއްކަމެއް ވެސް ނުކުރެވޭ، އަހަރެންގެ އަޅުކަމަށްފަހު ފުރަތަމަ އަންނަ ޚިޔާލަކީ އެއީ، އަނބިމީހާގެ ލޯބި، އޭނާ އަހަރެންނަށް އިސްކަންދޭ މިންވަރު، ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް، އަހަރެންނަށް ނުގުޅުނަސް... އަރްމީން ގުޅާނެ، ހާލު އަހާނެ، ކެއިތޯ ބަލާނެ، ގެއަށް އަންނަންވާއިރަށް ބޭނުންވަނީ ކޯއްޗެއްތޯ އަހާނެ، ހުރިހާ ވަރުބަލިކަމެއް ފިލާދޭ ހިނިތުންވެ އަހަރެންނާ އަރްމީން ބައްދަލުވާ ހިނދު." ބިންޏާމީންގެ ހިނިތުންވުމާއި އެ ދެ ލޮލުގައިވީ ވިދުން ކުރިމަގާމެދު ލައިތު ކުރާ އުންމީދުތަކުގައި އުފާވެރިކަމުގެ ކުލަ ޖައްސައިދިނެވެ.
"އައި ކާންޓް ވެއިޓް..." ލުއި ހީނލުމަކާއެކު ލައިތު ބުނެލިއެވެ. ދެ ޒުވާނުން އެއްފަހަރާ ހީނގަތެވެ.
އެއާޕޯޓުން އެކުވެރިޔާއާ ވަދާއުގެ ސަލާމްކޮށްފައި ލައިތު އައީ ކާރު ބޭއްވި ހިސާބަށެވެ. ކާރަށް އަރައި ކެންޒާއަށް ލައިތު ގުޅާލިއެވެ. ގިނައިރެއްނުވެ ބަލާ ދަންކަމުގައި ލައިތު ބުނެ ކޯލު ކުރުކޮށްލީއެވެ. ރޭގަނޑުގެ ކެއުމުގައި ލައިތު ބައިވެރިވީ ނަމަވެސް އޭނާ ޖޫސްތަށްޓެއް އެކަނި ބޯލައިގެން ހުރުމުން ބަނޑުހައިވާން ފެށިއެވެ. އެހެންވެ ގަސްދުކުރީ ގެއަށް ގޮސް ކެންޒާއާއެކު ކައިގެން ޕެންޓްހައުސްއަށް އަންނާށެވެ. މާލެއާ ހަމައަށް އާދެވުނުއިރު ވެސް ލައިތުއަށް އިނދެވުނީ އެކުވެރިޔާ ދެއްކި ވާހަކައާ މެދު ވިސްނާށެވެ. ކެންޒާއާއެކު ދިރިއުޅުން ބައްޓަންކުރަން ބޭނުންވާ ގޮތުގެ ތަސްވީރުތައް ލައިތުގެ ސިކުނޑީގައި ކުރެހި ނިމިފައިވެއެވެ. އެ ތަންފަތުގައި ހިނިތުންވުމެއްވީ އެހެންވެއެވެ.
ކުއްލިއަކަށް ކާރުގެ ބުރެކި ލައިތު ޖެއްސިއެވެ. ކާރުގެ ކުރިމައްޗަށް އެރި ސައިކަލުގެ ސަބަބުންނެވެ. މިވަނީ ކީހިނެއްކަން ނޭނގިގެން އުޅެނިކޮށް އެތައް ބަޔަކު ސައިކަލުތަކުގައި ކާރުގެ ކައިރިއަށް މަޑުކޮށްލައިފިއެވެ. ކަޅުކުލައިގެ ބޮޑެތި ހެލްމެޓްތަކުން ނިވާވެފައި ހުރީތީ އެއީ ކޮންބައެއްކަން ނޭނގެއެވެ. ލައިތު ސިހުނީ ދޮރުގެ ބިއްލޫރިގަނޑަށް އެރި ބާރު އެތިފަހަރުން އެ ބިއްލޫރިގަނޑު ތަޅައިގަން ދިއުމުންނެވެ. ހޫރާލެވުނުތަން ފެނުނީ މަރުތޭލެކެވެ. އެމީހުން އެ ތަކެތި ނެގީ ކޮންތާކުން ކަމެއް ވެސް ނޭނގެއެވެ. ހާސްވެފައި އިނދެ ކާރުގެ ދޮރުތައް ތަޅުލެވުނު ކަމުގައި ވިޔަސް އޭނާގެ ކޮނޑަށް އެރި މަރުތޭލުގެ ހަމަލާއިން ހަޅޭލަވައިގަނެވުނެވެ. ކޯތާފަތާ ދިމާގައި އައިސް ޖެހުނީ ކޯޗަކުން ކަމެއް އޭނާއަކަށް ނޭނގެއެވެ. ހީވީ މީހާ ބުރާންތިވެދާނެ ހެންނެވެ. ބަޔަކު މީހުން އޭނާ ކަތިލަން އުޅުނު ކަހަލައެވެ. އަތް ހުރަސްކޮށްލެވުނު ވަގުތު މުލައްދަނޑީގައި ވެސް ޖަހައިފިއެވެ. އެކަމަކު އެ އަތް އޭނާގެ ނޯއްމަތި ސަލާމަތްކޮށްދީފިއެވެ. ވީތަދުން އަނެއްކާވެސް ހަޅޭލަވައިގަނެވުމާއެކު އަވަހަށް އެއަތް މެޔާ ކައިރިކޮށްލައި ޖެހިގެން ހުރި ސީޓުގެ މައްޗަށް ވެއްޓެން ދިޔައެވެ. ލައިތަށް ލޯ ހުޅުވާލެވެން ވާއިރަށް ދުމަށް އަރައިގެން ދިޔަ ފަދައިން މީހުންތައް ގޮސް ގެއްލިއްޖެއެވެ. ދިޔައީ ކޮންދިމާއަކަށް ކަމެއްވެސް ނޭނގެއެވެ. ވޭނީ އާޙެއް އޭނާގެ އަނގައިން ނުކުތެވެ. ކޮނޑު ހުޅުން ނެއްޓިފައިވާ ކަހަލައެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ވޭން ތަޙައްމުލުކުރުމަށް މަސައްކަތް ކުރިއެވެ. އަވަސް ނޭވާތަކެއް ލަމުން ދިޔައިރު ތެދުވެވުނީ އިރުގަނޑެއް ފަހުންނެވެ. އޭރު ކާރުގެ ކައިރިއަށް މީހަކު ހުއްޓިލިއެވެ. ލައިތު ދިޔައީ ސިއްސައިގެންނެވެ.
"ހޮސްޕިޓަލަށް ދާންވީނު... އެމީހުން ހިނގައްޖެ..." ކާރުކައިރީ ހުއްޓިލި ޒުވާނާ ބުނެލިއެވެ. އޭނާގެ މޫނުން ވެސް ފެންނަނީ ހާސްކަމާއި ޖެހިލުންވުމެވެ. ހިނގާބިނގާވެ އުޅުނު މީހުންނާއި މަގުގައި ދުއްވަމުންދިޔަ ދުއްވާ އެއްޗިއްސަށް ވީ ގޮތެއް ނޭނގެއެވެ. ކާރު ކައިރީ ހުއްޓިލައިގެން ހުރި ޒުވާނާ ނޫނީ ފެންނަ ހިސާބުގައި ހަމައެކަކު ވެސް ނެތީއެވެ.
ލައިތު އަނގައިން ނުބުނެ ކާރު އިސްޓާޓު ކުރެވޭތޯ ބެލިއެވެ. ކާރު އިސްޓާޓުވުމުން އޭނާގެ ސަލާމާއަތުން އޮތް ކަނާއަތުން ހުންގާނުގައި ހިފަހައްޓާލުމާއެކު ދުއްވާލީއެވެ. އަވަހަށް އެތަނާ ދުރަށްދާން އޭނާ ބޭނުންވީއެވެ. ހަޤީޤަތުގައި އޭނާ އެ އިނީ ވަރަށް ބޮޑަށް ބިރުގެންފައެވެ.
ގޭ ދޮށަށް ކާރު މަޑުކުރުމާއެކު އޭނާގެ އަވަސްވެފައިވި ނޭވާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ދެން ކާރުގެ ބޮކި ދިއްލާލައި ހަށިގަނޑަށް ލިބިފައިވި ޒަޚަމްތައް އޭނާ ބަލަން ފެށިއެވެ. އަތް ހިއްލާނުލެވުމުން ކޮނޑުހުޅުން ނެއްޓުނީކަން ލައިތަށް ޔަގީންވިއެވެ. އޭނާ ކާރުން ފޭބީ ނުހަނު ބަލައިގެންނެވެ. ދެފައިގަ ވެސް ވަރެއް ނެތް ކަހަލައެވެ. ކާރުން ފައިބާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ ހިނގައިގަތެވެ. ދޮރުކައިރީ ހުރި ސިކިއުރިޓީ މީހާއަށް ލައިތު ފެނުމުން ކަންބޮޑުވެގެން ވަގުތުން އޭނާގެ ގާތަށް އަތުވެއްޖެއެވެ. ލައިތުއަށްވުރެ އިސްކޮޅުން ކުރުވެފައި ނިކަމެތިވިޔަސް އޭނާގެ އެހީތެރިކަން ލައިތު ބަލައިގަތެވެ.
"ލައިތު..." އަސަދުގެ އަޑު އިވުނެވެ. ބޮޑުކޮޓަރީގައި އަސަދުގެ ދެމަފިރިންނާއި ފަރުޒީންގެ އިތުރުން ހުރިހާ ކުދީން ވެސް ތިއްބެވެ. އެންމެނަށްވުރެ ކުރީން ސެހްރާނު ދުއްވައިގަނެއްޖެއެވެ.
ލައިތުގެ ހަށިގަނޑުގައި ހިފެހެއްޓީ ސެހްރާނެވެ. އެހިނދު އޭނާގެ ކޮނޑުގައި ބޯއަޅާލަމުން ލައިތު މަޑުމަޑުން ގޮވާލީ އެހީވެދިނުމަށެވެ. ލައިތުގެ މޫނުގެ އެއްފަރާތުން ރަތްވެފައި ހުރި ތަންގަނޑެއް އެންމެންނަށް ވެސް ފެނުނެވެ. އޭނާ އެއްއަތުން އަނެއްއަތުގައި ހިފަހައްޓާލައިގެން ހުރިއިރު ހިނގަން ވެސް އުނދަގޫވެފައި ހުރި ކަހަލައެވެ. ސެހްރާނަށް ބާރަށް ގޮވާލެވުނީ މަންމައަށެވެ. އެއަޑު ފަރުޒީނާއި އަސަދުގެ މެޔަށް ފިނި ފެން އެއްޗެއް އޮއްސާލި ކަހަލައެވެ. ލައިރާ ތެދުވި އިރު ވެސް ކެންޒާ އިނީ ހިރިލަން ވެސް ނޭނގިފައެވެ. އެ މޫނުން ސާފުކޮށް ކަންބޮޑުވުމާއެކު ބިރުގެންފައި އިންވަރު ފެންނަން ހުއްޓެވެ.
"ޑަކްޓަރަށް ގުޅާބަލަ... ޔާދު، ހެލްޕް ޕްލީޒް... ޕްލީޒް..." ސެހްރާނު އާދޭސްކުރާ ފަދައިން ގޮވާލިއެވެ. ޔާދިން އަވަހަށް އައިސް ލައިތުގެ ގާތުގައި ތަޅުންމަތީ ދެ ކަކޫ ޖަހާލައިފިއެވެ. ލައިތުގެ ކޮނޑާއި އަތަށް އޭނާ ބެލިއެވެ.
"ކިހިނެއްވެފަމީ؟" ދެ ލޯ ބޮޑުވެ ހާސްވެފައި އިނދެ ފަރުޒީނަށް އަހާލެވުނެވެ.
(ނުނިމޭ)