ރައީސް މައުމޫން އަބްދުލްގައްޔޫމް

ރަސޫލާއަށް ފުރައްސާކުރުން ހުއްދަ ކުރެވޭނެ އެއްވެސް ހައިސިއްޔަތެއް ނެތް: މައުމޫން

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމަކީ އެއްވެސް ހައިސިއްޔަތަކުން ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ރޭ ބޭއްވި "ވަސްމީރު ޒިކުރާގެ ޝަރަފްގައި" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޮންލައިންކޮށް ބޭއްވެވި މި ބައްދަލްވުމަކީ ރަސޫލާގެ އީދު މީލާދުގެ މުނާސަތާއި ގުޅުވައިގެން ބޭއްވި ހާއްސަ ހަފްލާއެކެވެ.

އެ ހަފްލާގައި ތަގުރީރު ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ މާތް ރަސޫލާގެ އެންމެ ހާއްސަ ސިފަ ފުޅަކީ ރަހުމްކު ރެއްވުމާއި އޯގާތެރިވުން ކަމަށެވެ. ރަސޫލާ ރަހުމް ކުރެއްވީ ހަމައެކަނި މުސްލިމުންނަށް ނޫން ކަމަށާ މުސްލިމް ނޫން މީހުންނަށްވެސް އެކަލޭގެފާނު ރަހުމްކުރެއްވި ކަމަަށް ވިދާޅުވެ އެކަމުގެ ގިނަ މިސާލުތަކެއް ދެއްކެވިއެވެ. އަދި އިންސާނުން ނޫން އެހެން ދިރޭ ތަކެއްޗަށްވެސް މާތް ނަބިއްޔާ ރަހުމް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

މި ދުވަސްވަރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ގައިރު މުސްލިމުން ރަސޫލާއަށް ފުރައްސާރަކޮށް ތަފާތު ކަންކަން ކުރަމުން ގެންދާތީ އަދި އެއީ ހިޔާލުފާޅު ކުރުމުގެ މިިނިވަން ކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަޔަކު ބުނަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ނަބިއްޔާއަށް އިހާނެތިކޮށް ހިތުމަކީ ކުރެވޭނެ ކަމެއް އަދި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ދީނީ ގޮތުން އަދި ބައިނަލްއަގްވާމީ ގޮތުންވެސް ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެއް ކަމަށްވެސް ވިދާޅުވިއެވެ.

"މާތް ނަބިއްޔާއާ މެދު އިހާނެތިކޮށް ހިތުމަކީ އެއްގޮތަކަށް ކުރެވިގެން ވާނެ ކަމެއް ނޫން. އެއީ އެއްވެސް ހައިސިއްޔަތަކުން، އެއީ ދީނީ ހައިސިއްޔަތުންވެސް ބައިނަލްއަގްވާމީ ހައިސިއްޔަތަކުންވެސް ހުއްދަ ކުރެވޭނެ ކަމެއް ނޫން. އެކަން ކޮށްގެން ނުވާނެ. އެއީ އެ ބަޔަކު ކުރާ ވަރަށް ބޮޑު ކުށެއް،"

މާތް ނަބިއްޔާއާ މެދު އިހާނެތިކޮށް ހިތުމަކީ އެއްގޮތަކަށް ކުރެވިގެން ވާނެ ކަމެއް ނޫން. އެއީ އެއްވެސް ހައިސިއްޔަތަކުން، އެއީ ދީނީ ހައިސިއްޔަތުންވެސް ބައިނަލްއަގްވާމީ ހައިސިއްޔަތަކުންވެސް ހުއްދަ ކުރެވޭނެ ކަމެއް ނޫން. އެކަން ކޮށްގެން ނުވާނެ. އެއީ އެ ބަޔަކު ކުރާ ވަރަށް ބޮޑު ކުށެއް
މައުމޫން އަބްދުއްގައްޔޫމް | ދީނީ އިލްމުވެރިޔާ

މައުމޫން ވިދާޅުވީ ބައެއްގެ ފުރައްސާރަ ރަސޫލާއަށް އަމާޒު ކުރެއްވި ނަަމަވެސް ދުނިޔެވީ ހަމައިން ބޭރުން އެއްވެސް ކަމެއް އެއްވެސް މުސްލިމަކު ކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ ކުށެއް ކުރާ އެއްވެސް މީހަކަށް ޝަރީއަތުން ހުކުމެއް ކޮށްގެން ނޫން ގޮތަކަށް އަނިޔާއެއް އަދި ގެއްލުމެއްވެސް ދީގެން ނުވާނެ ކަމަށެވެ. އެއީ ރަސޫލާ މި އުންމަތަށް ދަސްކޮށް ދެއްވި ގޮތް ކަަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން މީހަކު މަގުމައްޗަށް ނިކުމެ އެއިން މީހަކު މަރާ، ކަތިލާ ހަދައިގެން ނުވާނެ. މީހެއްގެ ލޭ ހުއްދަ ވާނީ އަދުލްވެރި ޝަރީއަތަކުން ހުކުމެއް ކުރީމަ. އެ ނޫން ހާލަތެއްގައި މީހަކު މަރައެއް ނުލެވޭނެ، މަރާލައިގެން ނުވާނެ. އެހެންވީމަ ބަޔަކު މީހުން އަޅުގަނޑުމެންނާއި ދޭތެރޭގައި އަދި އަޅުގަނޑުމެންގެ މާތް ނަބިއްޔާއާ ދޭތެރޭ ކިތަންމެ ނުރަނގަޅު ގޮތަކަށް، ކިތަންމެ ވިޔާނުދާ ގޮތަކަށް ވާހަކަ ދައްކާ ފުރައްސާރަކޮށް ހެދި ނަމަވެސް އަޅުގަނޑުމެން އެކަން ކުރާ މީހަކާ ދޭތެރޭގައި އަޅުގަނޑުމެންގެ އަތުން ކަމެއް ކޮށްގެން ނުވާނެ. އެ މީހެއްގެ މައްސަލަ ދާންޖެހޭނީ ޝަރީއަތަށް، ޝަރީއަތަށް ގޮސް އެމީހާ ދޭތެރޭ އަދުލްވެރި ހުކުމެއް އިއްވަންވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.