ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އޮފީސް އިންސްޕެކްޝަންގައި 39 ތަނެއް ބަލައިފި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި އަޅާފައިވޭތޯ ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ފެށި އިންސްޕެކްޝަންގައި 39 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށް އެ އެޖެންސީ އިން ބުނެފި އެވެ.

ފުލުހުންނާއި ގުޅިގެން އެޗްޕީއޭއިން ކުރިއަށް ގެންދާ އޮފީސް އިންސްޕެކްޝަންއާ ގުޅޭގޮތުން އެ އެޖެސީން ބުނީ އިއްޔެ ނިޔަލަށް 39 ތަނެއް ބަލާފައިވާ ކަމަށެވެ. ގިނަ އޮފީސްތަކުގައި އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ކަންކަން އިންތިޒާމް ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް ބައެއް އޮފީސްތަކުގައި ސާފުތާހިރުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ގައިދުރުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއި މާސްކު ނޭޅުން ފަދަ ކަންކަންވެސް ބައެއް އޮފީސްތަކުން ފާހަގަ ކުރެވިފައިވެއެވެ.

އެޗްޕީއޭއިން ބުނީ އަންނަ ހަފްތާގެ ނިޔަލަށް އޮފީސް އިންސްޕެކްޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އެ މުއްދަތު ނިމޭއިރު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ގިނަ އަދަދެއްގެ އަމިއްލަ އޮފީސްތައް އިންސްޕެކްޓް ކުރެވޭނެ އެވެ. އެޗްޕީއޭއިން ވަނީ އަތޮޅުތެރޭގައިވެސް އެ މަސައްކަތް ކުރުމަށް ނިންމާފައެވެ.

އޮފީސް އިންސްޕެކްޝަނާއި ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ހޮޓްލައިނެއް ވަނީ ގާއިމްކޮށްފައެވެ. އިންސްޕެކްޝަނާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ ހޮޓްލައިިން 7285216 ގުޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.