ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ގިނަ ބަޔަކު އެއްތަނެއްގައި ކަރަންޓީންވުމުގައި އަމަލު ކުރާނެ އުސޫލެއް ހަދައިފި

ގިނަ ބަޔަކު އެއްތަނެއްގައި ކަރަންޓީންވުމުގައި އަމަލު ކުރާނެ އުސޫލެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާ އާންމުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއް ތަނެއްގައި ނުވަތަ އެއް ކޮޓަރިއެއްގައި ކަރަންޓީންވާނަމަ އެޗްޕީއޭގެ އެ އުސޫލުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ފިޔަވާ ރާއްޖެއަށް އަންނަ ބިދޭސީން ނެގެޓިވް ޕީސީއާރް ރިޒަލްޓެއް އޮންނަން ވާނެއެވެ. އަދި ޕީސީއާރް ޓެސްޓްގެ ސާމްޕަލް ނަގަންވާނީ، ރާއްޖެއައުމަށް ފުރާ ފުރަތަމަ ބަނދަރުން ފުރުމުގެ 96 ގަޑިއިރުގެ ތެރޭގައެވެ. ރާއްޖެއައުމަށް ކުރާ ދަތުރު މަތީގައި ޓްރާންސިޓް ކުރަންޖެހޭނަމަ ޕީސީއާރު ޓެސްޓުގެ ނަތީޖާ ގަބޫލުކުރާނީ ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ އިތުރުވާނަމަ އެވެ.

ރާއްޖޭން ބޭރުން އަންނަ ބައެއް ނަމަ އެންމެ އެދެވިގެންވަނީ މާލެ ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ތަނެއްގައި މަޑުނުކޮށް ވީހާވެސް އަވަހަށް ކަރަންޓީންވާ ރަށަށް ދިއުން ކަމަށާ ނަމަވެސް މާލޭގައި ތިބޭނަމަވެސް ތިބެން ޖެހޭނީ ކަރަންޓީންގައި ކަމަށް އުސޫލުގައިވެއެވެ.

ކަރަންޓީންވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ރަށަށް ދިއުމަށްފަހު ކަރަންޓީންވުމުގެ އުސޫލާއި އެއްގޮތަށް 14 ދުވަސް ހޭދަކުރަން ޖެހެއެވެ. ކަރަންޓީންވެ ތިބޭއިރު ވީހާވެސް މަދު ބަޔަކު އެއްތަނެއްގައި ތިބޭގޮތަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް އެ އުސޫލުގައި އެދިފައިވެއެވެ. އަދި ކަރަންޓީން ގައި އެއްކޮށް ކޮންމެ ދިހަ މީހަކަށް ފާހާނާއެއް ހުންނަން އެ އުސޫލުގައި ލާޒިމް ކުރެއެވެ. މީގެ އިތުރުންވެސް ގިނަ ބަޔަކު އެއްކޮށް ކަރަންޓީންގައި ތިބޭއިރު ސާފުތާހިރު ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް ވަނީ ހިމަނާފައެވެ.

އަދި ކަރަންޓީންގައި ތިއްބާ ހުން އަތުވެއްޖެނަމަ ނުވަތަ ކޮވިޑްގެ އެއްވެސް އަލާމާތެއްގެ ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްވެސް އުސޫލުގައި ހިމަނާފައިވެއެވެ.