އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަން ޗެލްސީ އާއި އާސެނަލް އަދި މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ޔުނައިޓެޑަށް ވެސް އިއްޔެ އަކީ ކާމިޔާބު ދުވަހަވީއިރު ސިޓީގެ ރަހީމް ސްޓާލިން ހެޓްރިކް ހަދައިފި އެވެ.
ޗެމްޕިއަން ޗެލްސީ މޮޅުވީ ހަތަރު ޕޮއިންޓާއެކު 18ވަނާގައި އޮތް އެސްޓަން ވިލާ އަތުން 2-0އިންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޑިއެގޯ ކޯސްޓާ އެވެ. އަނެއް ލަނޑަކީ ބައި ގޯލެކެވެ.
"އަހަރުމެންނަކީ މި ގައުމުގެ އެންމެ މޮޅު ޓީމެއްނޫން. އެކަމަކު އަހަރުމެންނަކީ ވަރަށް ރަނގަޅު ކޯޗަކު ހުރި އަދި ވަރަށް ރަނގަޅު ކުޅުންތެރިން ތިބެ އާދައިގެ ލެވެލަކަށްދާން މަސައްކަތް ކުރާ ރަނގަޅު ޓީމެއް. މިއަދު ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް. އަހަރުމެންގެ އިތުބާރު ބޮޑުކުރުން އެންމެ މުހިންމު ކަމަކީ،" މެޗަށް ފަހު ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުންޏެވެ.
މި މޮޅާއެކު ޗެލްސީ ވަނީ 11 ޕޮއިންޓާއެކު 11 ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. މިއީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށްވުރެ 10 ޕޮއިންޓް މަދު އަދަދެކެވެ. ސިޓީ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ދެ ވަނާގައިވާ އަސެނަލް އަށް 19 ޕޮއިންޓް ލިބިފައިވާއިރު މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ ވެސް 19 ޕޮއިންޓެވެ.
މެންޗެސްޓާ ސިޓީ 5 - ބޯނެމައުތް 1
ސިޓީ ރޭ މޮޅުވީ ބޯނެމައުތު އަތުން 5-1އިންނެވެ. ޓޭބަލުގެ 17ވަނާގައި އޮތް ޓީމު ކޮޅަށް ފުރަތަމަ ލަނޑު ޖެހި ރަހީމް ސްޓާލިން ވަނީ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. މިއީ ލިވަޕޫލް ދޫކޮށް އޭނާ ސިޓީ އަށް ބަދަލުވި ފަހުން ހެދި ފުރަތަމަ ހެޓްރިކެވެ. ސިޓީގެ އަނެއް ދެ ލަނޑު ޖެހީ ވިލްފްރެޑް ބޮނީ އެވެ.
މެންޗެސްޓާ ޔުނައިޓެޑް 3- އެވަޓަން 0
ސިޓީއާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ އެވަޓަން އަތުން 3-0އިންނެވެ. ޓޭބަލުގެ ނުވަ ވަނާގައި އޮތް ޓީމު ކޮޅަށް ފުރަތަމަ ލަނޑު ޖެހީ މޯގަން ސްނެއިޑާލިން އެވެ. އޭގެ ފަހުން އެންޑާ ހެރޭރާ އާއި ވޭން ރޫނީ ލަނޑު ޖެހި އެވެ. މެޗަށް ފަހު ކޯޗު ލުއިސް ވެންހާލް ބުނީ އޭނާގެ ޓީމު މި މެޗުގައި ކުޅުނު ވަރަށް ދެންހުރި މެޗުތަކުގައި ކުޅެންޖެހޭ ކަމަށާއި ޓީމު މޮޅުވުމަށް މިހާރު މަދުވަނީ އެކިމެޗުތަކުގައި ކުޅުންތެރިންގެ ކޮންސިސްޓެންސީ ނެތުން ކަމަށެވެ.
އާސެނަލް 3 - ވޮޓަފޮޑް 0
އާސެނަލް މޮޅުވީ ވޮޓަފޮޑް އަތުން 3-0 އިންނެވެ. ލަނޑު ޖެހީ އެލެކްސިސް ސަންޗޭޒް އާއި އާރޮން ރަމްސޭ އަދި އޮލީވިއާ ޖީރޫޑެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މެޗުގައި ލިބެން ހުރި ހުރިހާ އެޑްވާންޓޭޖްތަކެއް އޭނާގެ ޓީމުން ހޯދި ކަމަށެވެ. އަދި ވޮޓަފޮޑަކީ އަމިއްލަ ދަނޑުގައި ގިނަ ގޯލުތަކެއް ބައިކޮޅަށް ވަންނަ ޓީމެއް ނޫން ކަމަށާއި ނަމަވެސް މި މެޗުގައި އާސެނަލް އަށް ތިން ގޯލު ޖެހުނީ މެދުނުކެނޑި ފަރުވާތެރިކަމާއެކު އެޓޭކްކުރުމުން ކަމަށެވެ.