ވާހަކަ

ލޯބިން ބުނެލަން

(29 އޮކްޓޯބަރ 2020 އާ ގުޅޭ)

"ޑަކްޓަރަށް ގުޅާބަލަ... ޔާދު، ހެލްޕް ޕްލީޒް... ޕްލީޒް..." ސެހްރާނު އާދޭސްކުރާ ފަދައިން ގޮވާލިއެވެ. ޔާދިން އަވަހަށް އައިސް ލައިތުގެ ގާތުގައި ތަޅުންމަތީ ދެ ކަކޫ ޖަހާލައިފިއެވެ. ލައިތުގެ ކޮނޑާއި އަތަށް އޭނާ ބެލިއެވެ.

"ކިހިނެއްވެފަމީ؟" ދެ ލޯ ބޮޑުވެ ހާސްވެފައި އިނދެ ފަރުޒީނަށް އަހާލެވުނެވެ.

ޔާދިން ފުރަތަމައެހީ ފޯރުކޮށްދިނެވެ. ކަސްތޫރީ ކަންބޮޑުވެފައި ބަލަން ހުރިއިރު، ތަކުރާރުކޮށް ކިހިނެއްވީ ކަމެއްތޯ ސުވާލުކުރިއެވެ. އެންމެންނަށް ވެސް ލައިތުގެ މޫނުން އޭނާ ތަޙައްމުލުކުރާ ވޭން ފެނެއެވެ. އަސަދާއި ސެހްރާނާ ވެގެން ލައިތު ހޮސްޕިޓަލަށް ގެންދަން ނުކުތް ހިނދު އެމީހުންގެ ފަހަތުން ފަރުޒީނު އައެވެ. ލައިތާއެކު އޭނާ ދާނޭކަން ހާމަކުރީ އަމިއްލައަށެވެ. އަސަދުގެ އަޑެއް ފަރުޒީނު ނާހާނޭކަން އެންމެންނަށް ވެސް އެނގެއެވެ. ސަރަފީނާއަށް ސޯފާގައި ހުއްޓުން އަރާފައި އިން ކެންޒާ ފެނުމާއެކު ހަލުވިކޮށް އޭނާގެ ގާތަށް އަތުވެއްޖެއެވެ.

"އެއްވެސްކަމެއްނުވާނެ އިރާދަކުރެއްވިއްޔާ." ސަރަފީނާގެ ހިތް ނުތަނަވަސްވެފައިވީ ނަމަވެސް އުންމީދު ފަނޑެއްނުވެއެވެ. އެ އުންމީދުން ކެންޒާގެ ހިތްހަމަޖައްސައިދޭން އޭނާ މަސައްކަތްކުރިއެވެ. މަންމަގެ ހަރަކާތްތައް ފެނި ލައިރާ ނަގައިގަނެއްޖެއެވެ. އޭނާ ވެސް އަވަސް އަވަހަށް ކެންޒާގެ އަނެއްފަރާތުން އިށީނެވެ. ކެންޒާގެ ކޮނޑުގައި އަތް އަޅުވާލުމާއެކު ހިތްވަރުދޭން ފެށިއެވެ. ކެންޒާގެ ދެ ލޯ ފުރިގެން އައިކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ކައިރީގައި ތިބި މީހުން ކަންބޮޑުވެފައި އެ ވަނީ ކެންޒާގެ މޫނުން ފާޅުވޭވޭ ހުރި އަސަރުތަކުންކަން ކެންޒާ ނުދެނަހުއްޓެވެ.

"ކެން..." ލައިރާ ކުއްލިއަކަށް ކެންޒާގެ މޫނުގައި ދެއަތުން ހިފާލިއެވެ. ކަރުނުން ބަރާވެފައިވާ ދެލޮލުން އެސްފިޔަ ޖަހާލިޔަސް ބަންޑުންވާން ތައްޔާރުވެފައިވި ކަރުނަތައް ލައިރާ ފުހެލަދިނެވެ.

"މަންމާ..." އަސަދުމެންގެ ފަހަތުން ނުކުމެގެން ދިޔަ ޖިނާނު އެނބުރި އައިސް ބޮޑުކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ. އޭނާގެ ނުހަނު ގާތުގައި ޔާދިން ހުއްޓެވެ. ޖިންސުގެ ދެ ޖީބަށް އަތްޖަހައިލި ގޮތަށް ހިމޭނުންނެވެ. ނަމަވެސް އޭނާގެ ކައިރިކޮށްލެވިފައިވި ދެބުމައިން ކޮންމެވެސް ބޮޑު ފިކުރެއް ކުރާ ކަހަލައެވެ. ޖިނާނު އައިސް ހުއްޓިލީ ކެންޒާގެ ކުރިމަތީއެވެ. މަންމައާއި ދައްތައަށް ޖިނާނު ބަލާލީ ދެޚިޔާލެއްގައި ހުރެއެވެ. ކެންޒާގެ ހިތް ނުތަނަވަސް ކުރުވަން ޖިނާނު ވެސް ބޭނުންނުވަނީއެވެ.

"ކިހިނެއްވީ؟" ޖިނާނު އެއްޗެއް ނުބުނެވިފައި ހުންނާތީ ސަރަފީނާ ސުވާލުކުރިއެވެ. އެހިނދު ޖިނާނުގެ ނަޒަރު ދަތުރުކޮށްލީ ކެންޒާއަށެވެ. ދެން އޭނާ ސަރަފީނާގެ އަތުގައި ހިފައި ދަމާލަމުން އައިސްބަލާށޭ ބުންޏެވެ.

މަންމަ ގޮވައިގެން ޖިނާނު ގޭތެރެއިން ނުކުތެވެ. ކޮންތާކަށްތޯ ދަނީ ސަރަފީނާ ސުވާލުކުރުމުން ވެސް ޖިނާނަށް އެއްޗެކޭ ނުބުނެވުނެވެ. މަގުމައްޗަށް މަންމަ ގޮވައިގެން ނުކުމެ ޖިނާނު އިޝާރާތްކުރީ ލައިތު ދުއްވާ ކާރަށެވެ. ސަރަފީނާއަށް ލިބުނު ސިހުމުގައި އަނގަމަތީ އަތްތިލަ ޖައްސާލެވުނެވެ. އިރުގަނޑު ބަލަން ހުރެފައި އޭނާ ނިކަން އަވަހަށް ޖިނާނު ގާތުން އެދުނީ ކާރު ގަރާޖަށް ވެއްދުމަށެވެ. ތަޅުދަނޑި ލައިތު ދިންތޯ އަހާލެވުނީ ދެނެވެ. ޖިނާނު ނޫނެކޭ ބުނުމަށް މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.
"އެކްސިޑެންޓެއްތަ؟ ނޫން... އެކްސިޑެންޓެއް ހިޔެއްނުވޭ، ބަޔަކު އެކުއްޖާއާ ދިމާކުރީތަ؟" ކާރަށް ބަލަން ހުރި ސަރަފީނާގެ ހިތާއި ވާހަކަދެއްކިއެވެ.

"މަންމާ!" ސަރަފީނާ ހުއްޓުން އަރާފައި ހުންނާތީ ޖިނާނު ގޮވާލިއެވެ.

ޖިނާންއާއެކު ސަރަފީނާ އެނބުރި ގޭތެރެއަށް ވަނީއެވެ. ކާރުގެ ތަޅުދަނޑި އޮތްތޯ ބަލަން ސަރަފީނާ ބުންޏެވެ. އަދި ކެންޒާއަށް ކާރަށްވެފައި އޮތް ގޮތް ފެންނަން ބޭނުންނުވާކަން ވެސް ސަރަފީނާ ބުންޏެވެ. ތަޅުދަނޑި ނުފެނުނީވިއްޔާ ކާރުގެ ކަވަރު އޮތްތަނަކުން ގެނެސް އެޅުމަށް ސަރަފީނާ ޚިޔާލު ދިނެވެ. މަންމަގެ ވާހަކައަށް ޖިނާނު ބޯޖެހިއެވެ.

"ލައި، ދަރިފުޅު ދާންވީނު ކެން ގޮވައިގެން މައްޗަށް" ސަރަފީނާ ވާހަކަދެއްކީ ލައިރާއާއެވެ.

ކެންޒާ އެއްވެސް ކަމަކާ ދެކޮޅެއް ނުހަދައެވެ. ލައިރާއާއެކު އޭނާގެ އެޕާޓްމެންޓަށް ކެންޒާ އައެވެ. ހެދުން ބަދަލުކޮށްލައި ހަމަޖެހިލުމަށް ލައިރާ ބުންޏެވެ. ލައިތުއާ މެދު ކަންބޮޑުނުވުމަށް ވެސް އެދުނެވެ. ބައްޕަ ހުރިއްޔާ އެއްވެސް ކަމެއްނުވާނޭ ލައިރާ ބުނެލިއެވެ. ކެންޒާ ރުއިކަން އެނގިއްޖެއްޔާ ލައިތު ވަރަށް ކަންބޮޑުވާނޭކަން ލައިރާ ހަނދާންކޮށްދިނެވެ. ކެންޒާ ހަމައެކަނި ބޯޖަހާލީއެވެ. ކޮޓަރީގައި ކެންޒާ އެކަނި އިނުން ރަނގަޅުކަމަކަށް ލައިރާއަށް ނުފެނެއެވެ. އެހެންވެ އޭނާ އެދުނީ ހެދުން ބަދަލުކޮށް ފެންވަރާލަން ބޭނުމިއްޔާ، ފެންވަރާލައިގެން ކެންޒާ ނުކުތުމަށެވެ. އޭނާ ސޯފާގައި ކެންޒާގެ އިންތިޒާރުގައި އިންނާނޭކަން ބުންޏެވެ. ކެންޒާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމުން ލައިރާ ގުޅީ ސަމަންތާއަށެވެ. އިލިޔާނާ ނިންދަވަން ތައްޔާރުކުރަން އޭނާ އަވަސްވެލީއެވެ. ކެންޒާއަށް ވަގުތުދޭން ފަސޭހަވާނީ އޭރުންކަން އެނގޭތީއެވެ.

ކޮޓަރީގައި އެކަނިވުމާއެކު ކެންޒާ އަވަހަށް ދަބަހަށް ލީ ފޯނު ނެގިއެވެ. އޭނާ ފޯނު ނިއްވާލީ އެ ފޯނަށް ގުޅާނޭ މުހިންމު މީހަކު ނުހުންނާނޭކަން ޔަގީންވާތީއެވެ. ހަމައެއާއެކު ހުރިހާ ސަމާލުކަމެއް ލައިތަށް ދޭން ބޭނުންވެފައި ހުރިވަރުންނެވެ. ނިމިގެންދިޔަ ޙަފުލާއަކީ ކެންޒާ އެދިއެދި ހުރި އުންމީދެއް ފުރިހަމަވުމުގެ ފެށުމެވެ. އެ ޚާއްޞަކަމަށް ކުޑަ ވެސް އުނިކަމެއް އަންނާން އޭނާ ނޭދެއެވެ. މިފަހަކަށް އައިސް ފޯނަކީ ކެންޒާއަށް ހިތަށް ކުޅަދާނަނުވާފަދަ ތަކުލީފުތަކެއް ދޭ އެއްޗަކަށް ވަނީ ވެފައެވެ. ފޯނު ދުރުގައި ބާއްވަން ގަސްދުކުރީ އެހެންވެއެވެ.

"އޭނާ ކުރިކަމަކަށް ވެދާނެތަ؟" ހުޅުވެމުންދިޔަ ފޯނަށް ބަލަން އިނދެ ކެންޒާގެ ހިތާ ސުވާލު ކުރެވުނެވެ.

"ދެން އެހެން ކާކު؟ އޭނާ ތަކުރާރުކޮށް ބުނި ލައިތަށް ނޫނީ ޔާދިންއަށް ކަމެއްވެއްޖެއްޔާ އަހަރެން ކިހިނެއްހޭ ހާދާނީ... ކިތައް ފަހަރުތަ ބުނަންވީ ލޯތްބެއްނުވެޔޭ، ފެނުނަސް ހޮޑުލަވާ... ދުވަހަކަވެސް ލޯތްބެއްނުވާނެ، އެކުގައި އުޅޭކަށް ވެސް ބޭނުމެއްނޫން، އެކަހަލަ ޚިޔާލެއް ވެސް ކުރާކަށް ބޭނުމެއްނޫން، ހެޔޮނުވާނެ! އަހަރެންގެ ހާލައިގެން ދޫކޮށްލަބަލަ! ލައިތުނޫން މީހަކު އަހަރެން ބޭނުމެއްނޫން، ކިހާވަރަކަށް ބުނީމަތަ އަޑުއަހާނީ؟ އޭނާއަށް ލިބޭ އަނިޔާއަކީ އަހަރެންނަށް ދޭ އަނިޔާއެއް... އެކަން އެނގިގެން ކުރިކަމެއް ދޯ އެއީ؟" ކެންޒާއަށް މޭގައި ކަނާއަތްތިލަ ގެނެސް ޖައްސާލެވުނެވެ. މިފްރާހުގެ ހަޤީޤީ ސިފަ ފެންނަވަރަކަށް ކެންޒާގެ ހިތަށް ލިބެމުން އަންނަ ޒަޚަމް ފުންވަމުންދިޔައެވެ. ދުވަހަކުވެސް ލޯބީގެ ނަމުގައި މީހަކު އެހާ އަނިޔާވެރިވެދާނޭ ކެންޒާގެ ޚިޔާލަށް ވެސް ނާދެއެވެ. އެއީ ލޯބިކަމުގައި ޚުދު ކެންޒާއަށް ވެސް ޤަބޫލެއްނުކުރެވެއެވެ. ލޯތްބަށްވުރެ ކެންޒާއަށް ހީވަނީ މިފްރާހުގެ ބަލިމަޑުކަމެއް ހުރީ ހެންނެވެ. އުފާވެރިކަމެއް ނެތަސް ހާސިލު ކުރުމަށް މިފްރާހު ދަހިވެތިވެފައިވުމުން ފޭރިގަތީއެވެ. އަމިއްލަ ހައްޤަކަށް ހެދުމުގައި އަޅުވެތިކޮށް އަނިޔާ ދިނުން ބޮޑުކަމަކަށް އޭނާއަށް ނުވީއޭ ކެންޒާގެ ޟަމީރު އެއްބަސްވިއެވެ. ހިތަށް ލިބޭ ތަކުލީފުން ކެންޒާއަށް ގިސްލާ ރޮވިއްޖެއެވެ. ލޯބިވާ އިންސާނޭގެ ކުރިމަތީ ކަންތައްވީގޮތް ކިޔައިދިނުމަކީ އޭނާގެ އުންމީދުތައް ފުނޑުފުނޑުކޮށްލުމޭ ކެންޒާއަށް ހީވަނީއެވެ. ހަމައެއާއެކު ހުތުރުކަމާއި ލަދުވެތިކަން ބޮޑު ވާހަކައަކުން އަމިއްލަ ނަފްސު ފަޟީޙަތް ކުރެވެނީއޭ ހީވަނީއެވެ. ލައިތަށް އެކަން ތަޙައްމުލު ނުކުރެވޭނެއޭ ކެންޒާގެ ހިތް ބުނަނީއެވެ.

ދޮރުގައި ހަތަރުވަނަ ފަހަރަށް ލައިރާ ޓަކި ދިނީ ތިންގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ކެންޒާގެ ހިލަމެއްނުވީމައެވެ. ނަސީބަކުން ކެންޒާ ދޮރުހުޅުވާލިއެވެ. ކެންޒާގެ މޫނާއި ދެ ލޮލުން އޭނާ ވަރަށް ރޮއިފިކަން ލައިރާ ދެނެގަތެވެ. ކެންޒާ ގާތު އަންނަން ބުނެ އޭނާގެ އަތުގައި ހިފާލައި ކޮޓަރިން ނެރުނެވެ. އެކުވެރިޔާ ގޮވައިގެން ލައިރާ އައީ އެޕާޓްމެންޓުގެ ބަދިގެއަށެވެ. ހޫނު ޗޮކުލެޓުގެ ބުއިމެއް ދެ ޖޯޑުގައި ތައްޔާރުކޮށްގެން އައިސް ކެންޒާއާއެކު ކާމޭޒު ދޮށުގައި އިށީނެވެ.

"ކެން މިރޭ މިކޮޅުގައި ބަހައްޓަން އަހަރެން ގަސްދުކުރަނީ، މަންމައާއި މާމަ ވެސް އެކަމާ އެއްބަސް." ލައިރާ ބުންޏެވެ.

"ލައިތުގެ ޚަބަރެއްވެއްޖެތަ؟" ކެންޒާ އަހާލިއެވެ.

"ބައްޕައަށް މަންމަ ގުޅި، އެކްސްރޭ ނަގައިފި، ކޮނޑުހުޅުން ނެއްޓިފަ ހުރީ، އަތުގެ ކުޑަހުޅާ ދިމާ ތަންކޮޅެއް މަތިން ކުޑަ ރެނދެއް ހުރީމަ، ކޮންމެވެސް އެއްޗެއް އަތަށް ލައްވާފަ އޮތޭ ބުނީ... ޑޯންޓް ވޮރީ... އިރުކޮޅަކުން އެންމެން އަންނާނެ." ކެންޒާގެ މުލައްދަނޑީގައި ލައިރާ ފިރުމާލިއެވެ.

* * * * *

ލައިތުގެ އެނދުގެ ވަށައިގެން އެންމެން ތިއްބެވެ. އެންމެން ކަންބޮޑުވެ ވާހަކަދެއްކިއެވެ. އިންޖެކްޝަނުން ކަމެއް ނޫނީ ކޭ ބޭހުންކަމެއް ބުނަން ނޭނގުނަސް، ލައިތުގެ ހަށިގަނޑަށް ވަރުބަލިކަން ލިބިފައިވިއެވެ. އެހެންވިޔަސް ކެންޒާ ނުފެންނާތީ އޭނާ ކަންބޮޑުވިއެވެ. އެކަކުވެސް ކެންޒާގެ ނަމެއް ނުކިޔައެވެ. އޭނާ ގެއަށް ފޮނުވާލީބާއޭ ލައިތުގެ ހިތުގައި ސުވާލު އުފެދުނެވެ.

"ކެންޒާ..." ލައިތު ގޮވާލިއެވެ. އެންމެންގެ ސަމާލުކަން ހުއްޓި ހިމޭންކަން ވެރިވިއެވެ.

"އެބަހުރި ކޮޓަރި ބޭރުގައި، ވަންނަން ނުކެރިފަ ކަންނޭނގެ." ސަރަފީނާ ވާހަކަދެއްކިއެވެ. ދެން އޭނާ ލޮލުން އިޝާރާތްކޮށްލީ އެތަނުގައި ހުރި ލައިރާއަށެވެ. މަންމަ އިޝާރާތް އެކުރަނީ ލައިތަށް ފެންނަ ހިސާބަށް ކެންޒާ ގެނައުމަށްކަން ލައިރާ ދެނެގަތެވެ.

ކެންޒާއާ ވާހަކަދައްކަން ލައިތު ބޭނުންވާކަން ފަރުޒީނު ދެނެގަތެވެ. ކަސްތޫރީއާއި އަސަދުގެ އިތުރުން ދެންތިބި މެންބަރުން ގާތު ލައިތު އަރާމުކުރުމަށް ވަގުތުދީފައި ނުކުންނަން ފަރުޒީނު ޚިޔާލުފާޅުކުރިއެވެ. ލައިރާގެ ގާތުން ކަސްތޫރީ އެދުނީ ނިދަން ދާއިރު ކެންޒާ ގޮވައިގެން ދިއުމަށެވެ. ކެންޒާއާމެދު ފިކުރުބޮޑުނުވުމަށް ލައިރާ ނިކަން އަވަހަށް ބުންޏެވެ. ކެންޒާ ނުކުންނަންދެން އޭނާ ލައިތުމެން އުޅޭބައިގަ މަޑުކޮށްލާނެކަން ވެސް ބުންޏެވެ.

"އިށީނދެބާ." ކެންޒާ ހަރަކާތެއްނުކޮށް ބަލަން ހުންނާތީ ލައިތު ބުންޏެވެ.

"ކެން މާބޮޑަށް ތި ހާސްވީ، މާބޮޑުކަމެއްނުވޭ... ސެހެރްއަށް ދޮން ގުޅި، ރޯކަށް ނުވާނު." ކެންޒާ ބިރުގަނެ ހާސްވާން ލައިތު ނޭދެއެވެ. އޭނާގެ އިޙްސާސްތައް ތެދަށް ކިޔާނުދީ އެހެންވެއެވެ.

ލައިތު ދިއްކޮށްލި އަތުގައި ކެންޒާ ހިފާލިއެވެ. އެހިނދު ބޮސްދޭން ބޭނުންވެ ލައިތުގެ އެދުން ފާޅުކުރިއެވެ. ކެންޒާގެ ތުންފަތުގައި ލައިތުގެ އަތްތިލައިގެ ނުފުށް ޖައްސާލިއެވެ.

"ދެޓް ވޯންޓް ބީ އިނަފް، ކައިރިއަށް އާދެބަލަ." ލުއި ހިނިތުންވުމަކާއެކު ލައިތު ބުންޏެވެ.

"ނިދާލަންވީނު." ކެންޒާއަށް ލައިތުގެ ހިނިތުންވުމާ ކުރިމަތިލާން އުނދަގޫވީއެވެ.

"ތިހެން ނުބުނެގެން މިއޮތީ، އަވަހަށް އަރާ އެނދަށް." ސަމާސާގެ ރާގުގައި ލައިތު ބުނެލިއެވެ.

"ލައިތު..." މާނަވީ ބެލުމަކުން ބަލަން އިނދެ ކެންޒާ ގޮވާލީ ތަފާތުކޮށެވެ. މީ ސަމާސާ ކުރަންވީ ވަގުތެއްނޫންކަން ކެންޒާގެ ދެ ލޯ ބުނެދޭން މަސައްކަތް ކުރިއެވެ. އެ އަސަރުތަކުން ހިމޭންވީ ލައިތު މަޑުމަޑުން ހޫން ލައްވާލީ ޖަވާބެއްގެ ގޮތުންނެވެ. ލައިތުގެ ވައަތުގައި ކެންޒާ ފިރުމާލިއެވެ. އެހިނދު ކެންޒާގެ އެ އަތް ލައިތު ގެނެސް ޖައްސާލީ އޭނާގެ މޭގައެވެ. ކަންބޮޑުނުވާށޭ ބުނަން ލައިތު ބޭނުންވީ ކަހަލައެވެ.

"ކީއްކުރަން ތި ތެދުވަނީ؟" ލައިތު ތެދުވަން އުޅުމުން އޭނާގެ ދެ ކޮނޑުގައި ކެންޒާ ހިފެހެއްޓިއެވެ.

"ކެން... ކަމް ކްލޯޒް، އައި ޖަސްޓް ވޯންޓް ޓު ހޯލްޑް ޔޫ ކްލޯޒް." ކެންޒާގެ އަތުގައި ލައިތު ހިފައި ގާތަށް ދަމާލިއެވެ.

"މީހަކު އަތުވެދާނެ..." ކެންޒާ ބުނެލިއެވެ.

"ދޮރުލައްޕާ... އޭރުން ނުފެންނާނެ." ލައިތު ބުންޏެވެ.

"ލައިތު..." ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ކެންޒާއަށް ގޮވާލެވުނެވެ. އަދި ލައިތަށް ތަދުވާނޭ ކެންޒާ ބުނެލީ ބަހަނާއެއް ފަދައިންނެވެ.

"ތި ހީކުރާހާ ބަލިކަށްޓެއްނޫން އަހަރެން، ކެން ބޭނުންނުވަންޏާ އޯކޭ... ނިދަން ދާންވީނު." ކެންޒާ ނަޒަރު ވަކިކޮށްލުމާއެކު ލައިތު ވާހަކަދެއްކިއެވެ. އޭނާއަށް އައި ބަދަލު ކެންޒާއަށް ފާހަގަވިއެވެ. އިރުކޮޅަކު އިނދެފައި ކެންޒާ ވާހަކަދެއްކިއެވެ. ހަމަ ދާންވީތޯ އޭނާ އަހާލުމާއެކު ލައިތު ހޫން ލައްވާލީ ކެންޒާއަށް ބަލާލުމެއް ނެތިއެވެ.

"މީ ކިހިނެއްވީ ކަމެއްކަން ލައިތު ނުބުނަމެންނު." ލައިތު ދުރުވެލަން އުޅުނު ގޮތުން ކެންޒާއަށް އަސަރުކުރިއެވެ.

"އެކްސިޑެންޓެއް އެއީ... އެކަމާ ވޮރީ ނުވާށޭ ބުނެފީމެންނު." ލައިތުގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.

"ލައިތު... އައި ލަވް ޔޫ..." ކެންޒާ މަޑުމަޑުން ބުންޏެވެ. ލައިތު ޖަވާބު ނުދީ ލަސްވާން ފެށުމުން ކެންޒާއަށް ކެތްނުކުރެވުނެވެ. އޭނާ ގުދުވެލުމާއެކު ލައިތުގެ މޭގައި ބޯއަޅާލިއެވެ. އެ މޭގައި ބޮސްދޭންފެށިއެވެ. ލައިތުގެ މޫނުގައި ހިފާލައި ނަޒަރު ސީދާ ކުރުވިއެވެ. ވަރަށް ލޯބިވާކަން ކެންޒާ ބުންޏެވެ. އެއާއެކު ލައިތުގެ ތުންފަތުގައި ކެންޒާ ބޮސްދިނެވެ. ލައިތު ބޭނުންވި ފަދައިންނެވެ. އެހެންނަމަވެސް ކެންޒާ ކޯތާފަތް ތެމެން ޖެހުނު ސަބަބެއް ލައިތަށް ނުވިސްނުނެވެ.

"ހޭއި! ރުޅިއެއް ނާދެއޭ... އައި ލަވް ޔޫ ޓޫ، އައި އޭމް ސޮރީ..." ލައިތަށް ބުނެވުނު އެއްޗަކުން ކެންޒާ ރޮނީއޭ ހީވެ މަޢާފަށް އެދެން ލައިތު އަވަސްވިއެވެ.

"ކުޑަވަގުތުކޮޅަކަށް އަދި މަޑުކޮށްލެވޭނެތަ؟ ޕްލީޒް..." ލައިތު މިހެން ބުނުމުން ކެންޒާ ބޯޖަހާލިއެވެ. ލައިތު ކޮށްލި އިޝާރާތުން އޭނާ ދަމާލި އަތްމަތީ ބޯއަޅާލައިގެން ކެންޒާ އޮށޯވެލިއެވެ. ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި ހިމޭންކަމުގައި ވަގުތުތައް ފާއިތުވަމުންދިޔައެވެ.

"މިރޭ ބިރުގަތީ ކެންގެ ގާތަށް އެނބުރި ނާދެވިދާނެތީ..." ހިމޭންކަން ނަގާލަމުން ލައިތު ބުންޏެވެ.

"އެކްސިޑެންވާން ޖެހުނީ ކީއްވެ؟ ލައިތު މާބާރަށް ދުއްވީތަ؟ ނޫނީ އެކްސިޑެންޓެކޭ ބުނީ އަހަރެން ހިތްހަމަޖައްސަންތަ؟" ކެންޒާގެ ޟަމީރު އެކްސިޑެންޓެއްކަން ޤަބޫލެއްނުކުރެއެވެ.

"ކިތަންމެ ބަލައިގެން ދުއްވިޔަސް ވާން ހުރިކަމެއް ވާނެ، ނޫންތަ؟ އެކަމަކު ދެން ކުރިއަށްވުރެ ސަމާލުވާނަން، ބަލައިގެން ދުއްވާނީ، އަހަރެންގެ ޕެންޑާގެ ކައިރިއަށް ނާދެވޭވަރުކަމެއް ވާން އަހަރެން ވެސް ބޭނުމެއްނޫން، ދެން އެވާހަކަ ބާއްވަމާ..."

"ލައިތު... އަހަރެން... ވަކިވެއްޖެއްޔާ، އައީ މީން އަހަރެމެން ވަކިވާން ޖެހިއްޖެއްޔާ ކިހިނެއް ހަދާނީ." ކެންޒާއަށް ލަފުޒުތައް އަތުރަން އުނދަގޫވިއިރު ހިތުގައިވި ޖަޒުބާތުތައް ހާމަކުރަން އިންތިހާއަށް ޖެހިލުންވިއެވެ.

"މިހިސާބަށް އައިސްފަ ދެން ވަތްކެއްނުވާނެ، ވިއްޔާ ވާނީ ކައިރި... ދެން އެންމެ އަވަހަށް އޮތީ އަހަރެންގެ އަނބިމީހާއަށްވުން، އެވަގުތަށް އިންތިޒާރުކުރާއިރު ކެތްވަނީކީނޫން، މިހާރު ތިއުޅޭހެން އަތްދަށުން ދިޔަކަ އޭރުން ނުދޭނަން، އަހަރެން ހިތްހަމަޖެހުނީމަ ދުރަށް އެންމެ ފިޔަވަޅެއް ވެސް އެޅޭނީ... އައި ވިލް ބީ ޔޯ ފަސްޓް އެންޑް ލާސްޓް، އައި ވިލް މޭކް ޔޫ ހެޕީ، މައި ޕްރިންސެސް." ކެންޒާގެ ނިތްކުރީގައި ލައިތު ބޮސްދިނީ ހިނިތުންވެ އޮވެއެވެ. ނަމަވެސް ކެންޒާގެ މޫނުވަނީ މިލާފައެވެ.
(ނުނިމޭ)