ބޭރު ކުޅިވަރު

ވަގުތު ދީފައި ސުވާލުކުރަން ކްލޮޕް އެދެފި

އޭނާގެ ގާތުން ސުވާލުތައް ކުރާނީ ޓީމު ދަސްކުރަން ވަގުތުދީފައި ކަމަށް ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ބުނެފި އެވެ.

ބްރެންޑަން ރޮޖާސް ވަކިކުރުމުން، މިދިޔަ ހަފުތާގައި ޓީމާ ހަވާލުވި ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމް އަތުން 0-0އިން އެއްވަރުވި މެޗަށް ފަހު އެވެ. މި މެޗު އެއްވަރުވުމުން ލިވަޕޫލް އޮތީ 13 ޕޮއިންޓާއެކު 10 ވަނާގަ އެވެ.

މެޗަށް ފަހު ކްލޮޕް ބުނީ މެޗުގައި އޭނާ އަށް ވަރަށް ރަނގަޅު ގިނަ ކަންތައްތަކެއް ފާހަގަ ކުރެވުނު ކަމަށެވެ.

"0-0 މިއީ އަހަރެންގެ އުއްމީދު ކުރި ނަތީޖާއެއްނޫން. އެކަމަކު މި ނަތީޖާއަކީ ފުދޭ ވަރެއް. އަހަރެން މިހުރީ އުފާވެފައި. އެއީ ވަރަށް ގިނަ ރަނގަޅު ކަންތައްތައް ފާހަގަ ކުރެވުނު. ފުރަތަމަ 20 މިނިޓްގައި އަހަރުމެން ވަރަށް ރަނގަޅަށް ޕްރެސް ކޮށްގެން ކުޅުނު،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ބޯޅަ ލިބުމުން ކުޅުންތެރިން ހިތް އަވަސްވާ ކަމަށާއި ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ވެސް ޖެހޭ ކަމަށެވެ.

""އަހަރުމެން ދުވަހެއް ދުވަހަކަށްދާނީ ވަރުގަދަވަމުން.. އެންމެ ތިން ދުވަހު ކުޅުންތެރިންނާއެކު މަސައްކަތް ކުރުމަށް ފަހު މިއީ ރަނގަޅު ނަތީޖާއެއް،" ކްލޮޕް ބުންޏެވެ.

އޭނާ އަދި ބުނީ އިތުރަށް އޭނާގެ ކިބައިން ޓީމާމެދު ނޫސްވެރިން ވެސް ސުވާލުކުރުން އެންމެ ރަނގަޅުވާނީ އޭނާ އަށް ޓީމު ބައްޓަންކުރަން ވަގުތު ދިނުމަށްފަހު ކަމަށެވެ.