އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ގާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުކަމުގެ މަގާމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރައްވާފައި ވާތީ އެކަން ފާހަގަކޮށް އެކަމަނާ މަރުހަބާ ދަންނަވާފައެވެ. ކެރޮން ރޮސްލާއަކީ ރާއްޖޭގައި ގާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރުމާއި އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި ސަލާމަތީ ކަންކަން ހަރުދަނާކުރުމާއި މޫސުމާ ގުޅޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސި ވިލާތުގެ ސަފީރު ދާދި ފަހުން ދެ ގައުމުގެ ދެމެދު ގާއިމުކުރުމަށް އިއުލާންކުރި އެއާ ބްރިޖްގެ ދަށުން ކަރަންޓީނުނުވެ ރާއްޖެއަށް ފަތުރުވެރިންނަށް އައުމަށް މަގުފަހިވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.