ވަރި ކައިވެނި

މިހާރު ހަފުތާގެ ހުރިހާ ދުވަހަކު ކައިވެނި ކޮށްދޭނެ

މިއަދުން ފެށިގެން ހަފުތާގެ ކޮންމެ ދުވަހަކު ކައިވެނި ކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސައިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށް ދިނުން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. އޭގެ ފަހުން އޮންލައިންކޮށް ކައިވެނިކޮށްދޭން ފެށިއެވެ. ނަމަވެސް ކައިވެނި ކޮށް ދެނީ ރަސްމީ ގަޑީގައި އެކަންޏެވެ.

ނަމަވެސް ނޮވެންބަރު މަހުން ފެށިގެން ކައިވެނިކޮށްދޭ ވަގުތު ވަނީ އިތުރުކޮށްފައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައިވެނިކޮށްދޭ ވަގުތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނޮވެންބަރު އެކަކުން ފެށިގެން ކޮންމެ ރެއަކު 9 ޖަހަންދެން ކައިވެނިކޮށްދޭނެ ކަމަށެވެ. ނަމަވެސް އަދިވެސް ކައިވެނި ކޮށްދިނުން އޮންނާނީ އޮންލައިންކޮށެވެ.

އެ ނިންމުމަށް ފެމިލީ ކޯޓުން މިއަދު ވަނީ ބަދަލު ގެނެސްފައެވެ. އެ ގޮތުން މިއަދުން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު ކައިވެނި ކޮށްދޭ ގޮތަށް ވަނީ ނިންމާފައެވެ. ރަސްމީ ދުވަސްތަކުގައި ކައިވެނި ކޮށްދޭނީ ހެނދުނު 8:30 ފެށިގެން ރޭގަނޑު ނުވައެއް ޖަހަންދެނެވެ. ހުކުރު، ހޮނިހިރު އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކައިވެނިކޮށްދޭނީ ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު ނުވައެއް ޖަހަންދެނެއެވެ.

ނުރަސްމީ ގަޑީގައި ކައިވެނި ކުރާނަމަ 500 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.