ފެމިލީ ކޯޓް

މާދަމާގެ ރީތި ތާރީހުގައި 85 ކައިވެނި

މިއަހަރުގެ އެންމެ ރީތި އެއް ތާރީހަކަށް މާދަމާ ވާނެ އެވެ. ރީތި ތާރީހުތަކުގައި ކައިވެނި ކުރަން ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. މާދަމާއަކީ އެފަދަ ދުވަހެކެވެ.

ފެމެލީ ކޯޓުން މައުލޫމާތު ދިން ގޮތުގައި މާދަމާ، 2/2/222 ގައި 85 ކައިވެނި ކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ އެހާ ގިނަ ކައިވެނި ކުރަން ހަމަޖެހިފައިވަނީ ރީތި ތާރީހަކަށް ވުމުންނެވެ. އަދި މިއީ މިއަހަރުގެ އެންމެ ގިނަ ކައިވެނި ކުރާ އެއް ދުވަހެވެ.

އެގޮތުން ކޯޓުގައި 46 ކާވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 39 ކާވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޯޓުން ބުނެ އެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 2،399 ކައިވެންޏެއް މިދިޔަ އަހަރު އެކޯޓުން ކޮށްދީފައިވެ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 1،192 ވަރި ރަޖިސްޓްރީ ކޮށްފައިވެ އެވެ.

އެހެންކަމުން މިދިޔަ އަހަރު ދުވާލަކު ނިސްބަތުން ހަ ކައިވެނިކޮށްދީފައިވާއިރު ދުވާލަކު ނިސްބަތުން ތިން ވަރި ރަޖިސްޓްރީކޮށްދީފައިވެ އެވެ.

ރާއްޖެއިން ބޭރުގައި ކައިވެނިކުރުމަށްފަހު މިދިޔަ އަހަރު 87 ކައިވެނި ރަޖިސްޓްރީ ކުރަން ވެސް ހުށަހަޅާފައިވެ އެވެ. ރާއްޖެއިން ބޭރުގައި ކައިވެނިކުރުމަށްފަހު ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކުރުމަށް 2020 ވަނަ އަހަރު ހުށަހެޅި ކައިވެނިތަކާ އެކު އެފަދަ 92 ކައިވެނި މިދިޔަ އަހަރު ރަޖިސްޓްރީކޮށްދީފައިވެ އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ރީތި ތާރީހުތަކުގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ ކައިވެނި ކުރެ އެވެ. 2020 ވަނަ އަހަރު އެންމެ ގިނަ މީހުން ކައިވެނިކޮށްފައި ވަނީ 20/02/20 ވަނަ ދުވަހު އެވެ. އެދުވަހު 65 ކައިވެނި ކުރި އެވެ.

ކައިވެނި ޕާޓީތައް ކުލަގަދަކޮށް އަބަދުވެސް ރާއްޖޭގައި ފާހަގަކުރެ އެވެ. ފަހަކަށް އައިސް ރަންކިޔުމުގެ ރަސްމިއްޔާތު ވެސް ވަރަށް ކުލަގަދަކޮށް ރާއްޖޭގައި އަންނަނީ ފާހަގަކުރަމުންނެވެ.