ނޮވެމްބަރު ތިނެއް

މުންޑޫ ކޮލަމް: މައުމޫނު ލިޔުއްވަންޖެހޭ ވާހަކައެއް!

Nov 3, 2020
5

ނޫސްވެރިއެއްގެ ފައިވާނަށް އަޅުގަނޑު އެރި ފަހުން ފުރަތަމަ ފަހަރަށް ރައީސް މައުމޫނާ ބައްދަލުވީ 1996 އަހަރު ޒުވާނުންގެ ދުވަހާ ގުޅިގެން އިޖްތިމާއީ މަރުކަޒުގައި އޮތް ހަފުލާއެއްގެ ތެރެއިންނެވެ. އޭރު އަޅުގަނޑު ހުރީ އާފަތިސް ނޫހުގެ އެންމެ ޖޫނިއާ ރިޕޯޓަރުންގެ ތެރޭގަ އެވެ. އެ ހަފުލާގެ ތެރެއިން މައުމޫނު އަރިހަށް އަޅުގަނޑު ގެންދިޔައީ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނެވެ. އެ މަނިކުފާނީ ޔޫތު މިނިސްޓަރެވެ.

އެ ދުވަހު އަޅުގަނޑު ގާތު ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެސް ވަރަށް ލިޔުއްވާ ހިތްޕުޅު ވެއެވެ. އަވެއްޖެއްވެއްޖިއްޔާ އަދިވެސް ލިޔުއްވުމުގެ ޝައުގުވެރިކަން އެބައޮތެވެ. ނޫސްވެރިކަން ދޫކޮށް ނުލާށޭ ވެސް ރައީސް އަޅުގަނޑު ގާތުގައި ވިދާޅުވި އެވެ. "ނޮވެމްބަރު ތިނެއް" ގެ ވާހަކަ ރައީސް ލިޔުއްވަވަންވީ ނޫންތޯ އަޅުގަނޑު ވެސް ސުވާލު ކުރީމެވެ. އެ ރޭ ރައީސް ވިދާޅުވީ "ތަންކޮޅެއް ފަހުން ދޯ" އެވެ.

***

ނޮވެމްބަރު ތިނެއްގެ ހާދިސާއަށް 32 އަހަރުވީ އެވެ. ރައީސް މައުމޫންގެ ވެރިކަން ވެސް މާޒީއާ އެކުވެ ދިޔައީ އެވެ. ބުރާސްފައްޗެއްގައި އައި އެ ހާދިސާއާބެހޭ އެތަކެއް ވާހަކައެއް މިހާރު ލިޔެފި އެވެ. ސިފައިން ނެރުނު ފޮތެއްގައި ތަފުސީލު ވާހަކަތައް ރައީސް މައުމޫނާއި އެހެން ބައެއް ހާއްސަ ބޭފުޅުންނާ ހަވާލާދީ ލިޔެފައި ވެސް އެބަހުއްޓެވެ. އަޅުގަނޑު ކަހަލަ މީހަކު ދެން އެވާހަކަ ލިޔާން އުޅުމުގެ މާ ބޮޑު ބޭނުމެއް ނެތް ވަރަށެވެ. އެހެން ނަމަވެސް ނޮވެމްބަރު ތިނެއްގެ ވާހަކަ ތަފާތު ގޮތަކަށް މީހުން ކިޔައި ސިފަކޮށް ހަދަ އެވެ. ދެތިން ކަމެއް ފާހަގަ ވެސް ކުރެވެ އެވެ.

އެއްކަމަކަށް ސްރީލަންކާ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖޭގެ ވެރިކަން ބަދަލު ކޮށްލަން އަންނަކަން ރައީސް މައުމޫނަށް އެނގިވަޑައިގެން އެ ކަންކަން ހިއްސާ ނުކުރައްވާ ހުންނެވުމެވެ. ދެވަނަ ކަމަކަށް ޓެރަރިސްޓުން މާލެ އަރައި ބަޑިތަޅައިގަތުމާއެކު ރައީސް މައުމޫން ފިއްލެވުމެވެ. ތިން ވަނަ ކަމަކަށް އޭރު ވެސް ރައްޔިތުންގެ ހިމާޔަތަށްވުރެ ބޮޑަށް ތީމުގެއަށް ސިފައިން ގިނަ ކޮށް އެގޭގެ ވަކި ތަނެއްގައި ސިފައިންގެ ލަޝްކަރެއް ރުކުރުވާފައި އޮތުމެވެ. އެވެސް ހަތިޔާރާއެކު އެވެ. މިއީ ހަމަ ބައެއް ދިވެހިން ނޮވެމްބަރު ތިނަކާ ގުޅުވައި ކިޔާ އުޅޭ ވާހަކަތަކެވެ. މި ނޫނަސް ބައިވަރެވެ.

ޕްލޯޓް ޖަމާއަތުގެ މީހުން، ނޫނީ އެހެންވެސް އެފަދަ ބަޔަކު ވެރިކަން ބަދަލު ކުރަން އަންނަކަން ރައީސް މައުމޫނަށް އެނގިވަޑައިގަންނަވަނީ އެވެ. ދެން އެމަނިކުފާނު އެކަން ސިއްރު ކުރެއްވީ އެވެ. އެކަމަކު ސުވާލަކީ އެމަނިކުފާނަށް ލިބި ވަޑައިގަތީ ކިހާވަރެއްގެ ކޮންކަހަލަ މައުލޫމާތެއް ހެއްޔެވެ؟ ރާއްޖޭގެ އިންޓެލިޖެންސްގެ ގާބިލުކަން އޭރު އޮތީ ކިހާ ވަރެއްގައި ހެއްޔެވެ؟ އެ ބަޔަކު އަންނަނީ ކާކުގެ ވެރި ކަމެއް ބަދަލު ކުރަން ހެއްޔެވެ؟ އޭރު މައުމޫނުގެ ވެރިކަމަށްވީ ކިތައް އަހަރު ހެއްޔެވެ؟

ނޮވެމްބަރު ތިނަކާ ގުޅުވައި ބައެއް ވާހަކަ ދައްކާ މީހުން ބުނާ ގޮތުން ރައީސް މައުމޫނަކީ ދުވަހަކު ވެސް ވެރިކަމުން ދުރުވެ ވަޑައިގަތުމުގެ ނިޔަތް އޮތް ބޭފުޅެއް ނޫނެވެ. އަދިވެސް މައުމޫން ވެރިކަން ބޭނުންފުޅުވެ އެވެ. އެކަން އެ ވާހަކަ ދައްކާ ބަޔަކަށް އަޅުގަނޑު ދޫކޮށްލާނީ އެވެ. ނޮވެމްބަރު ތިނަކާއި ރައީސް މައުމޫނަށް މަލާމާތް ކޮށް ރަކިހިނި ހޭނެ ވަރަކަށް ހޭށެވެ.

ޕްލޯޓް ޖަމާއަތުގެ ހަމަލަ އާއިރު ރާއްޖޭގެ ރައީސަކީ މައުމޫނެވެ. އޭރު، އެ ވެރިކަމަށް ވާނީ ނުވަ އަހަރާ ތިން މަހެވެ. ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވުމުގެ ނަސީބު ލިބި ވަޑައިގެންނެވި ބޭފުޅަކު، ރައީސް ކަމުގެ އެހާ ކުރު މުއްދެއްގެ ތެރޭ ހުންނަވަނިކޮށް އަންނަ އެފަދަ ބޮޑު ވެގެންވާ ނުރައްކާތެރި ހަމަލައެއްގެ މައުލޫމާތު ލިބި ވަޑައިގެން ހުންނަވާމެ، އެކަން ހިއްސާ ނުކުރައްވާ ވާހަކަ، މާ މޮޅު ވާހަކައެއްގެ ގޮތުގައި ދައްކާފައި ރަކިހިނި ހުނީމާ އެއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ގައުމެއްގެ ވެރިކަން ކުރާ ހިތް ނުވާނީ ކާކުތޯ އެވެ؟ އެ ނަސީބު މައުމޫނަށް މިންވަރު ކުރެއްވީ އެވެ. ނޮވެމްބަރު ތިނެއްގައި ހަތިޔާރާއެކު ބަޔަކު މާލެ އެރީ ވެރިކަން ބަދަލު ކުރާށެވެ. ވެރިކަމުގައި ހުންނެވީ މައުމޫނެވެ. އެމީހުން ބޭނުންވީ މައުމޫނު ހިފާ ހައްޔަރު ކުރާށެވެ. މައުމޫނުގެ ވެރިކަން ބަދަލުކޮށް ހިފާ ހައްޔަރު ކުރަން އަންނަ އިރު އެކަން އެނގިވަޑައިގެން ހުންނަވާ އެއްޗެއް ވިދާޅު ނުވެ ފިޔަވަޅެއް ވެސް ނާޅުއްވާ މައުމޫނު ހުންނަވާނެތޯ އެވެ؟

ބައެއް މީހުން ބުނާ ގޮތުން ނޮވެމްބަރު ތިނެއް ލައިގަތް އިރު ތީމުގޭގައި ސިފައިންގެ ބޮޑު ލަޝްކަރެއް ތޮފި އަޅުވާފައި އޮވެ އެވެ. ރައްޔިތުން ދޫކޮށްލާފައި އެމަނިކުފާނާއި އާއިލާގެ ހިމާޔަތަށެވެ. ހުރިހާ ހަތިޔާރެއް ޖަމާ ކޮށްފައި އޮންނަނީ އެގޭގަ އެވެ. އެހާ ވަރުގަދަ ސެކިއުރިޓީ އާއި ހަތިޔާރު އެޅި ސިފައިންގެ ލަޝްކަރެއް ރުކުރުވާފައި އޮތް ތަނެއްގައި ހުންނަވާފައި ތަމަޅައިގެން އެރީމާ އެއްވެސް ސެކުރިޓީއެއް ނެތް އަމުދުން ސިފައިންގެ މީހަކު ވެސް ނެތް ގެއަކަށް މައުމޫން ވަޑައިގަންވަންވީ ކީއްކުރަން ހެއްޔެވެ؟ އެހާ ބައިވަރު ސިފައިން އޭގޭގައި ތިބިނަމަ ގައުމުގެ ރައީސް އެގޮތަށް ވަޑައިގަންނަވާން ސިފައިން ދޫކުރާނެ ހެއްޔެވެ؟ ތީމުގޭގެ ސެކިއުރިޓީ ވަރުގަދަކޮށް އެގެ ބަދަލު ކުރީ މާފަހުންނެވެ. ނޮވެމްބަރު ތިނެއް އާއިރު ތީމުގޭގައި ތިބޭނީ ސިފައިން ދެ މީހުންނެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާގައި މައުމޫނު ފިއްލެވީއޭ ބުނެ ވެސް ބަޔަކު މީހުން ހީނ ހަދަ އެވެ. އަދި ރައީސް މައުމޫނުގެ އެއްވެސް ހަބަރެއް ސިފައިނަށް ނުވާ ކަމަށް އެ މީހުން ބުނެ އެވެ.

ޕްލޯޓްގެ މީހުން އައީ ފަތިހު 4:00 ޖެހި އިރު އެވެ. ބަޑި ތަޅައިގަތީ 4:15 ގަ އެވެ. ގިނަ އިރުތަކެއް ނުވެ އެމަނިކުފާނު މުއާސަލާތު ފައްޓަވައިފި އެވެ. އޭގެ ފަހުން ހުރިހާ ކަމެއް ހިނގަމުން ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

ތެދެކެވެ. މައުމޫން ތީމުގެއިން ވަޑައިގެންނެވި އެވެ. އެއީ މައްސަލައެއް ހެއްޔެވެ؟ "ނައިންއިލެވެން" ގައި އެމެރިކާގެ ވޯލް ޓްރޭޑް ސެންޓަރު ގޮއްވާލުމުން ރައީސް ބުޝް ހެއްދެވީ ކިހިނެއްޔެވެ؟ ހުންނެވީ ކޮންތާކު ހެއްޔެވެ؟ މައުމޫނުވިއްޔާ ބިންމަތީގައި ހުންނެވި ނޫންތޯ އެވެ. ބުޝް ބިންމަތީގައި ވެސް ނެތެވެ. ހުންނެވީ އެއާފޯސް ވަންގައި އެތަކެއް ހާސް ފޫޓު މަތިން ވިލާތަކަށްވުރެ އުހުގަ އެވެ.

އެފަދަ ބޮޑު އެހާ ނުރައްކާތެރި ހާދިސާއެއްގެ ހަގީގަތުގެ މައްޗަށް ހިތަށް އަންނަހައި ވާހަކަ ދައްކައި ރަކިހިނި ހުނަކަސް މާޒީގެ ލޯ ކަނެއް ނުވާނެ އެވެ. ތާރީހުގެ ކަންފަތް ބީރެއް ވެސް ނުވާނެ އެވެ. ދެރައީ އަޅުގަނޑަށް އެ ވާހަކަތައް ލިޔެވޭ ގޮތް ނުވީމަ އެވެ. ހިތަށް އަރަ އެވެ. އަވައްޖެއް ވެގެން ތަންކޮޅެއް ފަހުން އެ ވާހަކަތައް ރައީސް މައުމޫނު ލިޔުއްވާނެ ނަމަ އެވެ.

***

ނޮވެމްބަރު ތިނެއްގެ ފަތިސް ވަގުތު މާލޭގެ މަގެއް މަތީގައި ކުނިކަހާން އޮތް އަންހެނަކު ފެނުމާއެކު ވަޒަން ބުރުއްސަމުން ދިޔަ ތަމަޅަ ހަނގުރާމަވެރިޔާ އިޝާރާތުންނާއި ތަމަޅަ ބަހުން "ގޭތެރެއަށް ވަންނަހަރޭ" ބުނެ އެވެ. އެ އިންޒާރަށް އަންހެން މީހާ ގުޑާ ގޮތް ނުވުމުން ގުންފައިޖަހާފައި ގޮސް ބިންމައްޗަށް ހަތަރުފަސް އުންޑު ދުއްވާލުމުން އެ އަންހެން މީހާ ދިން ޖަވާބަކީ "އަހަންނަށް އުނދަގޫ ނުކުރަހަރޭ" އެވެ. މިއީ މާލޭގެ ހިމޭން ކަމާއި ސުލްހަ ސިފަކޮށް އަދި ނޮވެމްބަރު ތިނެއްގެ ހާދިސާއާބެހޭ ގުޅުވާލައި މަޝްހޫރު "ޓައިމް" މެގަޒިން ގައި އޭރު ލިޔުނު ރިޕޯޓެއްގެ ތަންކޮޅެކެވެ.

އެކަމަކު މިހާރު މާލެ ތެރޭގައި ފަތިހު އެގޮތަށް ކުނިކަހަން މީހަކު އޮންނާނެހެނެއް ހިއެއް ނުވެއެވެ. އަދި މިހާރު މީހަކަށް އެޖަހަނީ ބަޑިކަން ނޭނގިއެއް ވެސް ނުދާނެ އެވެ. ވީމާ މިހާރު ކަންކަމުގެ ހަގީގަތް ވެސް ނޭނގިއެއް ނުހުންނާނެ ނޫންތޯ އެވެ.