ރިޕޯޓް

ހުސެއިން އާދަމް: ފަހުނޭވައާ ހަމައަށް ގައުމު ދިފާއުކުރި

Nov 3, 2016
1

މީއީ، މީގެ 28 އަހަރު ކުރީގެ ވާހަކަ އެކެވެ. ތިނެއް ނޮވެމްބަރު 1988 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ، 4.15 ވަނީ އެވެ. މުޅި ގައުމު އޮތީ ހަމަހިމޭން ކަމުގެ ފޮނި ނިދީގަ އެވެ. އޭރު ސިފައިގެން މައި ގޭޓުގެ ފޯރީ މަރަން ދެ ޒުވާނުން ތިއްބެވެ. މި ދެ ޒުވާނުންނަކީ ޕްރައިވެޓް އާދަމް މުހައްމަދާއި، ޕްރައިވެޓް ހުސެއިން އާދަމް އެވެ.

ޒުވާން ހުސެއިން އާދަމް ހުންނެވީ، ސިފައިންގޭ ގޭޓުގެ ހުޅަނދު ފަރާތު ފޯރި އަށެވެ. ކުއްލި އަކަށް ވަޒަނެއް ގޮވިއަޑުން ހަމަހިމޭން ޖައްވު ގުގުމާލި އެވެ. މި އަޑާއެކު، މައި ގޭޓުގެ ސަރުދާރަށް ހީވީ ޑިއުޓީގައި ތިބި ދެ މީހުންގެ ތެރެ އިން އެކަކުގެ އަތުން ވަޒަނެއް ގޮވީ ކަމަށެވެ. އެހެންވެ، ހުސެއިން އާދަމްގެ އަތުން ވަޒަނެއް ގޮވީތޯ ސަރުކާދު ސުވާލު ކުރި އެވެ.

"އަހަރެންގެ އަތަކުން ނޫން، މި ތަނުގައި ސޯޓު ބުރި ލައިގެން ބަޔަކު އެ ބައުޅޭ،" ޕްރައިވެޓް ހުސެއިން އާދަމް ވިދާޅުވި ކަމަށްވެ އެވެ.

ސިފައިންގެ އެތެއަށް ވަންނަން ފުރުސަތު ލިބުނު

ފުރިހަމަ ތަމްރީންނާއެކު، ދިވެހިންގެ ގައްދާރުންގެ ބައެއްގެ މަދަދުގައި ރާއްޖެ އެރި، ތަމަޅައިން ބައިގަނޑުގެ ހަމަލާތައް ފެށުމާއެކު، ޝަހީދު ހުސެއިން އާދަމް އަށް ސިފައިންގޭގެ ތެރެ އަށް ވަންނަން ފުރުސަތު ލިބުނު ކަމަށްވެ އެވެ. ޕްރައިވެޓް އާދަމް މުހައްމަދާއެކު ޑިފެންސް ގޭޓުން ސިފައިންގެ ތެރެ އަށް ވަންނަން އަންނަން އޭނާ ގޮވި އެވެ. ނަމަވެސް އެ އަޑަށް ހުސެއިން އާދަމް ދެއްވީ ބީރު ކަންފަތެކެވެ. އޭނާ ހިޔާރު ކުރެއްވީ ގައުމާއި ދީނުގެ ދިފާއުގައި ދުޝްމަތުން ބިރު ގެންނެވުމުގައި މައި ގޭޓުގެ ފާރައަށް ދެމި ހުރުމަށެވެ. މި ފަދަ ނުރައްކާތެރި ވަގުތު ވެސް ހުސެއިން އާދަމްގެ ވިސްނުން ތޫނުކަން އެނގޭ އެއް ކަމަކީ އޮޓަމެޓިކުން ޖަހަމުން ދިޔަ ބަޑި އޮޓޯއަށް ލުމެވެ.

އޮޓޯ އިން ޖެހުމުގެ ބަދަލުގައި ރެގިއުލާ އަށް ބަޑި ބަދަލުކޮށް ރައްދުގައި ހަމަލާ ދޭން ފެށުމެވެ. ބޭނުމަކީ ދުޝްމިނުން ދޭ ހަމަލާ އަކަށް، ހަމަލާ އެއް ދިނުމެވެ. ދުޝްމިނުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމެވެ. އަދި ހަނގުރާމައިގެ އެންމެ މުހިންމު އެއް އުކުޅު ކަމަށްވާ "ސަޕްރައިޒް" ގެއްލުވާލީ ހުސެއިން އާދަމް އެވެ. އަތުގައި ހުރި ވަޒަން ތަކުން ވީހާ ވެސް ގިނައިރު، ބޭނުންކޮށް ސިފައިންގެ ތައްޔާރު ވާން އޭނާ ފުރުސަތު ހޯދައިދިނެވެ. ހަމަލާ ދެމުން ދިޔައިރު މައި ގޭޓު ލައްޕާ ހުޅުވަން ހުންނެވި، ޕްރައިވެޓް ޖިހާދު މުހައްމަދާ ވާހަކަ ވެސް ދައްމުން ގެންދެވި އެވެ.

މިގޮތުން ޑިއުޓީ އެންސީއޯ ލާންސް ކޯޕްރަލް އަހުމަދު ރިޒާ ވިދާޅު ވެގެން، ޕްރައިވެޓް އަހުމަދު ރިޒާ ޑިއުޓީގައި ތިބި ދެ މީހުންގެ ހާލު ބަދަލުން ގެން ދިޔަ އެވެ. ޑިއުޓީގައި ތިބި ދެ މީހުން ނަށް ގެއްލުމެއް ވިތޯ ސުލާކު ކުރެއްވި އެވެ. މީގެ ޖަވާބުގައި ހުސެއިން އާދަމް ވިދާޅުވި ކަމަށްވަނީ

"ތިމަންނަ އަށް އެއްވެސް ކަމެއް ނުވޭ. ތިމަންނަ މި ދަނީ ބަޑި ޖަހަމުންނޭ" މިހެންނެވެ.

ސިފައިންގެ މައިގޭޓަށް ފުރަތަމަ ހަމަލާ ދިންވަގުތު މައި ދޮރޯށި ހުރީ ރަނގަޅަށް ނުލެއްޕި އެވެ. ހަމަލާ ފެށުމާއެކު ދޮރު ލައްޕަން އެންގި އެވެ. ނަމަވެސް ހަމަލާގެ ބާރު ގަދަ ކަމުން އެކަންވާ ގޮތެއްނުވި އެވެ. މި ވަގުތުގައި އެންސީއޯ ލާންސް ކޯޕްރަލް އަހުމަދު ރިޒާ އިމަޖެންސީ ރަނގަބީލު އެޅި އެވެ. އޭރު ތިން މީހަކު ސިފައިންގެ މައި ގޭޓާ ދިމާލަށް ބަޑި ޖަހަމުން ގެންދިޔަ އެވެ. އަދި މި ހަމަލާތަކުގެ ރައްދުގައި ހުސެއިން އާދަމް ވެސް ހަމަލާ ދެމުން ގެންދިޔަ އެވެ.

އަތް ޒަހަމްވުމުން ވެސް ހިތްވަރު ދުލެއް ނުކުރޭ

ހަމަލާގެ ނުރައްކާތެރިކަން ދިޔައީ ގަދަވަމުންނެވެ. ހަމަލާތައް ފެށިތާ 10 މިނެޓުގެ ތެރޭގައި ހުސެއިން އާދަމްގެ އަތަށް ވަޒަން އަރައިފި އެވެ. އަތުން ހޯސްލާފައި ލޭފައިބާން ފެށި އެވެ. އަދި ފުރަތަމަ މެގެޒިން ހުސްވެއްޖެ ކަމަށާއި، އަދި ދެވަނަ މެގަޒިން ބަޑި އަށް ލެއްވި ވާހަކަ ބުންޏެވެ. އަދި އިތުރު ވަޒަން ބޭނުން ކަމަށް ބުންޏެވެ. ނަމަވެސް އިތުރު ވަޒަނެއް ލިބޭނެ ގޮތެއް ނުވި އެވެ. އަދި އެ ވަގުތު ޕްރައިވެޓް ޖިހާދު އަހުމަދު ގޮވަމުން ދިޔަ އެވެ.

"ހުސެއިން އާދަމަށް ވަދެވޭ ވަރަށް ދޮރު ހުޅުވައިދޭނަމޭ، އެ ތެނެއަށް ވަންނަން އަންނާށޭ."

ނަމަވެސް، ހުސެއިން އާދަމް އެ ވަގުތު ވެސް ބޭނުންވީ، އިތުރު ވަޒަނެވެ. އޭނާގެ އެދުމަކީ އިތުރު ވަޒަން ލިބޭނެ ގޮތެއް ހަދައިދިނުމެވެ.

ދުޝްމިނުގެ މައިގަނޑު ޓާކެޓަކަށް މިހާރު ވެފައި އެވަނީ ޒުވާން ހުސެއިން އާދަމް އެވެ. ސިފައިންގެއާ ދިމާލަށް ތިން މީހުން، އޮޓަމެޓިކުގައި ބަޑި ޖަހަމުން ދިޔަ ބަޑީގެ އަމާޒަކީ އޭނާ އެވެ. މި ވަގުތު ހުސެއިން އާދަމް ޖަހަމުންދިޔަ ބަޑީގެ މެގަޒިން އަށް ވަޒަނެއް އަރައި، މެގަޒިންގެ ތެރޭގައި ވަޒަންތައް ތާށިވި އެވެ.

ކުޑައިރު ކޮޅެއް ފަހުން "އަހަރެން މަރުވަނީ" ކަމަށް ހުސެއިން އާދަމް ވިދާޅުވި އެވެ. މިއީ ހުސެއިން އާދަމްގެ ރައްދު ހަމަލާ ހުއްޓުމާއެކު، ދުޝްމަނުންނަށް ފުރުސަތު ލިބި ވަރުގަދަ ހަމަލާ ތަކެއް ފޮނުވާލި ވަގުތެވެ. އަދި ޕްރައިވެޓް ހުސެއިން އާދަމްގެ ޔަގަށް ގިނަ އަދަދެއްގެ ވަޒަން ތަކެއް އަރައި، ޝަހީދު ވެގެން ސިފައިންގެ "ސެނގަރު" ތެރެ އަށް ވެއްޓުނެވެ. އޭރު އޭނާގެ އަތުގައި އޮތް ބަޑީގައި 14 ވަޒަން ބޭނުން ނުކުރެވި އޮތެވެ. ނަމަވެސް ހުސެއިން އާދަމްގެ ހިތް ވަރުން މުޅި ސިފައިންގެ ސަމާލު ކަމަށް އޮތީ އައިސްފަ އެވެ. ސިފައިންގެ އެކި މަގާމުތަކަށް ސިފައިން ޖަމާވެ، ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށާފަ އެވެ.

ނަޝްރުގެ ދުވަސް ފާހަގަ ކުރާއިރު، ޝަހީދު ހުސެއިން އާދަމް ފާހަގަ ކުރެވެނީ ހިތްވަރު ގަދަ ގައުމީ ބަތޮލުންގެ އެންމެ މަތީ ދަރަޖާގަ އެވެ. ހަނގުރާމައިގެ އެންމެ ނުރައްކާތެރި ވަގުތުގައި ގައުމާއި ދީނުގެ ދިފާއުގައި ފަހު ލޭ ތިއްކިން ވެސް ގައުމު ދިފާއު ކުރެއްވި ގައުމުގެ އެންމެ ވަރުގަދަ އެއް އައްޑާގެ ގޮތުގަ އެވެ.