ވާހަކަ

ލޯބިން ބުނެލަން

(1 ނޮވެމްބަރ 2020 އާ ގުޅޭ)

"މިހިސާބަށް އައިސްފަ ދެން ވަތްކެއްނުވާނެ، ވިއްޔާ ވާނީ ކައިރި... ދެން އެންމެ އަވަހަށް އޮތީ އަހަރެންގެ އަނބިމީހާއަށްވުން، އެވަގުތަށް އިންތިޒާރުކުރާއިރު ކެތްވަނީކީނޫން، މިހާރު ތިއުޅޭހެން އަތްދަށުން ދިޔަކަ އޭރުން ނުދޭނަން، އަހަރެން ހިތްހަމަޖެހުނީމަ ދުރަށް އެންމެ ފިޔަވަޅެއް ވެސް އެޅޭނީ... އައި ވިލް ބީ ޔޯ ފަސްޓް އެންޑް ލާސްޓް، އައި ވިލް މޭކް ޔޫ ހެޕީ، މައި ޕްރިންސެސް." ކެންޒާގެ ނިތްކުރީގައި ލައިތު ބޮސްދިނީ ހިނިތުންވެ އޮވެއެވެ. ނަމަވެސް ކެންޒާގެ މޫނުވަނީ މިލާފައެވެ.

ލައިރާއާއެކު ކެންޒާ ނުކުމެގެން ދިއުމުން ލައިތުގެ މޫނުގައިވި ހިނިތުންވުމާއި ހަމަޖެހުން ގެއްލެން ފަޅިސުކުންތެއް ވެސް ނުނެގިއެވެ. އޭނާގެ ހަނދާނަށް ބިރުވެރިކަމުން ފުރިގެންވީ އެވަގުތުކޮޅުގެ މަންޒަރުތައް ސިފަވާން ފެށިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތައް ލަސްކޮށްލެވިފައިވާ ވީޑިއޯއެއް ފަދައިން ލައިތު ސިފަކުރަމުން ދިޔައެވެ. ކީއްވެ ހިނގައިދިޔަ ހާދިސާއެއްކަމެއް ލައިތަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. މީހަކާއި އޭނާއާ ދުޝްމިންކަމެއް އުފެދިފައެއްނެތެވެ. އުސޫލުތަކުގައި ހިފެހައްޓައިގެން ހުންނަ ހަރުކަށި މީހެއްގެ ގޮތުގައި އޭނާ ސިފަވިޔަސް، ދުވަހަކުވެސް މީހެއްގެ މައްޗަށް އޭނާ އަނިޔާވެރިވެފައެއް ނެތެވެ. އެކަން ޚުދު ލައިތަށް ޔަގީންވެއެވެ. ނިތްކުރީގައި މުއްކަވާލި އަތްތިލަ ޖައްސާލުމާއެކު ފޫހިކަމުގެ އަޑެއް ލައިތު ލައްވާލިއެވެ. ހަމަލާދިނީ ކީއްވެކަން ނޭނގޭއިރު އެމީހުން ވަކިކުރާނޭ ގޮތެއް ވެސް އޭނާއަށް ނޭނގެއެވެ. އެމީހުންގެ އަދަދު ބުނަން ނޭނގޭއިރު ކާރާ އެންމެ ކައިރިވެ އޭނާގެ ގައިގާ ޖެހީ ކަޅު ޓީޝާޓެއް ލައިގެން ހުރި މީހަކުކަން އެނގެއެވެ.

* * * * *

ދެ ދުވަސް ފާއިތުވެ ދިޔައިރު ކެންޒާ ނުގުޅުމުން މިފްރާހު އިތުރަށް މާޔޫސްވިއެވެ. އޭނާ ހީކުރީ ލައިތަށް ލިބުނު އަނިޔާގެ ސަބަބުން ކެންޒާ ހާސްވެ ކަންބޮޑުވެގެން އެންމެ ފުރަތަމަ ވެސް ގުޅާނީ މިފްރާހަށް ކަމަށެވެ. ނަމަވެސް އުންމީދުކުރި ގޮތެއް ނުވިއެވެ. މުބީންގެ މީހުން ފޮނުވައި ލައިތު ބިރުގަންނަވާލަން ޚިޔާލުފާޅުކުރުމުން، އެކަމާ މިފްރާހު އެއްބަސްވެގެން ހުރީ ކެންޒާ ގޮތްދޫކޮށް އޭނާގެ ބަހާ ރުހިދާނޭ ހީވެގެންނެވެ. ލިބުނު ނުތަނަވަސްކަން ފޮރުވާކަށް މިފްރާހު މަސައްކަތެއް ނުކުރެއެވެ. ސޯފާއަށް ވެއްޓިފައި އޮތް ގޮތުން މުބީނަށް ކޮއްކޮގެ ހާލު އެނގުނެވެ.

"އޭނާ އަޅާނުލީތަ؟" މިފްރާހު ފެންނަ ހިސާބުގައި ހުއްޓިލައިގެން ހުރެ މުބީން އަހާލިއެވެ.

"ނޭނގެ އަހަންނަކަށް..." ކުޑަކުއްޖަކު ބޮޑާދައްކާ ފަދައިން ސޯފާގަ ތަޅައިގަންނަމުން މިފްރާހު ބުނެލިއެވެ. މުބީން ގާތަށް ހިނި އައިކަމަކު ހުނުންގަނޑު ފިއްތާލަމުން ދެއަތް އުރާލިއެވެ.

"އެހާ ރީތި ކުއްޖެއް ވެސް ނޫން، ތިހާ ލޯބިވާކަށް... މިފޫއާ ހެދި ނޫޅޭއިރު، އިނދެގެން ހިތްހަމަޖެހިގެން އުޅެވިދާނޭ..." މުބީންގެ ވާހަކަ ހުއްޓާލީ، ފުންމައިގެން މިފްރާހު ތެދުވިގޮތް ފެނިފައެވެ. ބޭބެއަށް ދެ ލޯ އަޅާލުމާއެކު ހަރުކޮށް ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރުފަތް ޖަހާލިލެއް ބާރުކަމުން މުބީން ދެއްކި ވާހަކައިން މިފްރާހު ރުޅިއައީކަން އެނގެއެވެ.

އެނދުގައި އިށީން ގޮތަށް މިފްރާހު ފޯނު ނެގިއެވެ. ކެންޒާގެ ނަންބަރު ފޯނުން ފެންނަން ހުރިއިރު ވަގުތުކޮޅަކަށް އޭނާ މަޑުކޮށްލައިގެން އިނީ ދެ ޚިޔާލެއްގައެވެ. ނުތަނަވަސްކަން އިތުރުވަމުން އައިވަރަކަށް މިފްރާހު އެނދުން ތެދުވެ ހަޅޭލަވައިގަތެވެ. ދެން ފޯނު ކަންފަތާ ކައިރިކޮށްލީ ކެންޒާއަށް ގުޅާފައެވެ. ރިންގުވަމުންދިޔައިރު މިފްރާހުގެ ހިތުގެ ހިނގުން އަވަސްވެފައިވިއެވެ. ފުރަތަމަ ރިންގު ކެނޑިގެން ދިޔައިރު ވެސް ކެންޒާ ޖަވާބެއް ނުދިނެވެ. މިފްރާހު ހުއްޓައެއް ނުލިއެވެ. ކެންޒާ ފޯނުކޯލަށް ޖަވާބު ނުދޭހާ ހިނދަކު އޭނާ ގުޅާނެއެވެ.

ހަވަނަ ފަހަރަށް މިފްރާހު ގުޅަންވީއިރަށް ކެންޒާ ފޯނުކޯލު ނަގައިފިއެވެ. އަޖައިބެއް ފަދައިން މިފްރާހުގެ މޫނުގައިވި ފޫހިކަމުގެ އަސަރު ވެސް ފިލައިފިއެވެ. އޭނާއަށް ހިނިތުންވެވުނެވެ.

"ކެން..." ކެންޒާ އަނގައިން ނުބުނެ ހުންނާތީ މިފްރާހު ގޮވާލިއެވެ. ދެން ވެސް ކެންޒާ ވާހަކައެއް ނުދެއްކިއެވެ. ކީއްވެކަން މިފްރާހަށް ވިސްނުނެވެ.

"ލައިތު ކިހިނެއް؟" ވަގުތުކޮޅަކަށް ހިމޭންވެލުމަށްފަހު މިފްރާހު އަހާލިއެވެ. އޭނާގެ އަޑުގައި ކުރިން ހުރި ހިތްއަވަސްވުމާއި އުފާވެރިކަމެއް ނެތެވެ. އެއްވެސް އަސަރެއްނެތި ވާހަކަދެއްކި ފަދައެވެ.

ފޯނު އަންނަން ފެށީ ކެންޒާ އެނބުރި ލައިތުގެ ޕެންޓްހައުސްއަށް އައި ވަގުތެވެ. ލައިތުއާއެކު އޭނާގެ ޢާއިލާގެ ގޭގައި ހުރުން ރަނގަޅު ކަމަކަށް ކެންޒާއަށް ނުފެނުނީއެވެ. އަމިއްލަ ގޭ ދޫކޮށްލައި، ކައިވެނި ކުރެވުމުގެ ކުރީން ލައިތުއާއެކު ދިރިއުޅޭކަން އެ ޢާއިލާއަށް އެނގެން ކެންޒާ ނޭދެއެވެ. އޭނާގެ މަޖުބޫރީއާ މެދު އެހެންމީހުން ހަމްދަރުދީވުމަކީ ކެންޒާ އާދަވެފަ ހުރި ގޮތެއްނޫނެވެ. އެހެންވިޔަސް ލައިރާއާއި ސެހްރާނަށް ކެންޒާގެ އެ ހަޤީޤަތް އޮތީ އެނގިފައެވެ. އެމީހުން އެ ވާހަކަ ޢާއިލާއަށް ސިއްރުކޮށްދިނީ ލައިތަށް ޓަކައިކަން ގައިމެވެ. ލައިތު ގޮވައިގެން ފަހުން އަންނާނޭކަން ބުނެ ސެހްރާނު ނުކުމެގެން ދިއުމުން ކެންޒާ އެކަނިވީއެވެ. ރިންގުވަމުންދިޔަ ފޯނު ދަބަހުން ނެގިއިރު ގުޅަނީ ކާކުކަން އެނގެއެވެ. ފޯނުކޯލު ނަގަން ބޭނުންނުވެ އަތަށް ފޯނުލައިގެން ކެންޒާއަށް އިނދެވުނީ އެހެންވެއެވެ. އެކަމަކު ހުއްޓުމެއްނެތި ރިންގުވަމުންދިޔައިރު އޭނާ ފޯނުކޯލަށް ޖަވާބު ނުދެނީސް މިފްރާހު ނުހުއްޓާނޭކަން ވިސްނުނީއެވެ. ފޯނުކޯލު ނެގިއިރު ވެސް މިފްރާހުއާ ވާހަކަދައްކާނޭ ހިތްވަރެއް ކެންޒާގެ ނެތެވެ. ރުޅިއައިސް އެއްޗެހި ކިޔަން ބޭނުންވިޔަސް، އެހިތްވަނީ އިންތިހާއަށް ޖެހިލުންވެފައެވެ. ކެންޒާއަށް މިފްރާހު ގޮވާލުމުން ހަށިގަނޑުގައިވި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނީ ބިރުންނެވެ. ތުންފަތުގައި ދައިގަނެވުނީ ލައިތުގެ ހާލު އޭނާ އެހުމުންނެވެ.

"އަހަރެން ގާތަށް އަންނާނީ ކޮންއިރަކުން؟" މިފްރާހު ސުވާލުކުރިއެވެ. ކެންޒާގެ ފަރާތުން އިވިލި އާޙުން އޭނާ ގަޔާނުވިކަން މިފްރާހު ދެނެގަތެވެ. އެހެންވިޔަސް ފަރުވާލެއްނެތެވެ.

"އެގެއަށް ވަދެ ގޮވައިގެން އަންނަންވީތަ؟" މިފްރާހު އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

"މަރާލަން ބޭނުމިއްޔާ އަހަރެން މަރާލަންވީނު... އަހަރެން މަރުވީމަ މިކަން ނިމުނީނު." ކެންޒާގެ އަޑު އައީ ކުރެހިގެންނެވެ.

"ތިހެން ތިކަން ނުނިމޭނެ، އަމިއްލަ މީހާއަށް ގެއްލުމެއް ދީފިއްޔާ އޭގެ ދެގުނަ އޭނާއަށް ދޭނަން، އުމުރަށް ޖަލަށްދާން ޖެހުނަސް ވަރިހަމަ..." މިފްރާހުގެ އަޑު ބާރުވިއެވެ.

"ޑޯންޓް ޑޫ ދިސް... ޕްލީޒް... މިފޫ، ލިސެން..." ކެންޒާ ރޮނީކަން މިފްރާހަށް ވެސް ޔަގީންވިއެވެ. މިނޫނީ އޭނާ މިފްރާހުގެ ނަން ކުރުކޮށްލައި ގޮވާ ނުލައެވެ. ކެންޒާ ނުބުންޏަސް އޭނާގެ ހާލަތު މިފްރާހަށް އިޙްސާސްވެއެވެ. އެފަދަ ވަގުތުތަކުގައި މިފްރާހުގެ ހިތަށް ވެސް އުނދަގޫވެއެވެ. އެހެންވިޔަސް އޭނާ ދޫދޭން ގަސްދެއްނުކުރެއެވެ. އެހެންމީހެއްގެ އުނގުތެރޭ ކެންޒާވާން އޭނާ ނޭދެނީއެވެ.

"އަހަރެން ދައްކާ ވާހަކަ ކެންއަށް އަޑުއިވޭތަ؟ ރީތިކޮށް އަހަރެންގެ ގާތަށް އަންނާށޭ މިބުނަނީ... އެއްފަހަރުވެސް އަހަރެންނަށް ފުރުޞަތެއް ދިނީމައެއްނު އެނގޭނީ އަހަރެން ލޯބިވާވަރު." މިފްރާހު ބުންޏެވެ. ކެންޒާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންވިޔަސް ކެންޒާ ގިސްލާއަޑު އިވިއިވި ހުއްޓެވެ. އެގޮތުގައި އެތައްއިރެއް ފާއިތުވާން ފެށުމުން މިފްރާހު ގޮވާލިއެވެ. ހުއްޓާލޭ ބުނަން މިފްރާހުގެ ހިތް އެދިއެދިވިއެވެ.

"އަހަރެން ޚިޔާރުކުރީ އޭނަ... ވަރަށް އަވަހަށް މެރީކުރާނަން، އަހަރެމެންނަށް ކަލޭ ކުރީ ކީއްކަން އޭނައަށް ކިޔައިދޭނަން." ރޮމުންރޮމުން ކެންޒާ ބުންޏެވެ.

"އަހަރެން ވެސް ކަންތައްކުރާނީ އަހަންނަށް ފެންނަ ގޮތަކަށް، މިފަހަރު އެވީވަރުން އެއްޗެއް ނުވިސްނޭކަން އެނގިއްޖެ، އިޓްސް ޔޯ ފޯލްޓް." މިފްރާހު ފޯނުކޯލު ކަނޑާލީއެވެ.

ކެތްކުރަން ދަތި ގަދަ ރުޅިއަކުން މިފްރާހުގެ މުޅި ނަފްސު ޚިޞާރުކޮށްފިއެވެ. ކޮޓަރިތެރެ އެފުށްމިފުށަށް ޖަހާލަން އޭނާ ބޭނުންވިއެވެ. އެނދުގައި އޮތް ބާލީސްތައް އަތުކޮޅަށް ހޫރާލިއެވެ. އޭނާއަށް އެ ބަދަލު ގެނުވީ ކެންޒާ ކައިވެނިކުރަނީއޭ ބުނީމައެވެ. ގުންފައި ޖަހާފައި އޭނާ ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލައި ނުކުމެގެން އައީ މުބީނަށް ގޮވަމުންނެވެ. ކޯކު ދަޅެއް ހިފައިގެން ސޯފާގައި ދެމިލައިގެން އޮތް މުބީން ތަޅުންމައްޗަށް ދެފައި ތިރިކޮށްލައި އިށީނެވެ. ކޮންމެ ގޮތަކުން ވިޔަސް ކެންޒާ އޭނާއާ ހަމައަށް ގެންނާށޭ މިފްރާހު ބުނެލިއިރު ހީވީ ކޮށްލި އަމުރެއްހެންނެވެ. މިފްރާހު ރުޅިގަދަވެގެން ހަމައިން ނައްޓަނީކަން މުބީނަށް އެނގި ކޮޅަށް ތެދުވިއެވެ. އައިސްއަލަމާރީން ނަގައިގެން އައި އައިސްޕެކު މިފްރާހުގެ އަތަށް ދަމާލުމާއެކު އެ އަތުގެ ތެރެއަށް މުބީން ލިއެވެ. ހައިރާންކަމާއެކު މިފްރާހު ބަލާލުމާއެކު އެ އެއްލާލަން އުޅުނެވެ. ނަމަވެސް ހުސިޔާރުކަމާއެކު މިފްރާހުގެ އަތުތެރޭ އައިސްޕެކު ހައްޔަރުކޮށްލީ މުބީނެވެ. މިފްރާހަށްވުރެ ހަރުކަށިކޮށް ބާރު އަޑަކުން މުބީން ހަޅޭލަވައިގަތެވެ. މިފްރާހު މައިތިރިވީ ދެނެވެ. ސޯފާގައި އިށީންނަން އިޝާރާތްކޮށް، ބޮލުގައި އައިސްޕެކު އަޅާށޭ މުބީން ބުނެލިއެވެ. އެފަދައިން ކަންތައްކުރުމުގެ ގަސްދު ނެތަސް އައިސްޕެކު ހިފައިގެން މިފްރާހު ސޯފާގައި އިށީނދެއްޖެއެވެ.

* * * * *

އިރުއޮއްސުނު ފަހުން ލައިތު ގޮވައިގެން ސެހްރާނު އައިސް ޕެންޓްހައުސްއަށް ވަނެވެ. ބޮޑު ބެލްކަނީގައި ހުރި ލައުންޖުތަކުން ގޮނޑިއެއްގައި ކެންޒާ އޮށޯވެލައިގެން އޮތެވެ. ލައިތު އަތުވެއްޖެކަން އޭނާއަށް އެނގުނީ ވެސް ގޮވާލި އަޑު އިވިގެންނެވެ. ކެންޒާގެ ގާތުގައި ލައިތު އައިސް އިށީނުމުން ސެހްރާނު ކޮބާތޯ ކެންޒާ އެއްސެވެ.

"އޭނާ ވެސް އަންހެންކުއްޖަކު ލިބޭތޯ ދުއްވާލާފަ އަންނާނަމޭ ކިޔާފަ އެދިޔައީ، އަސްލު އަހަރެމެންނަށް ޓައިމް ދޭން ވެގެން އޭނާ މަޑުނުކުރީ." ލައިތު ހިނިތުންވެލިއެވެ.

ކެންޒާގެ އަތްތިލަ ލައިތުގެ އަތްތިލައިގެ ތެރޭ ހެޔޮވަރުކޮށްލުމާއެކު ކައިފިންތޯ ސުވާލުކޮށްލިއެވެ. އަދި ލައިތަށް ކާއެއްޗެއް ބެހެއްޓިންތޯ ވެސް އެއްސެވެ. ވާހަކަ ދެއްކުމުގެ ބަދަލުގައި ކެންޒާ ބޯޖަހާލީއެވެ. ދެން ލައިތުގެ ކޮނޑުގައި ބޯއަޅާލިއެވެ. އެހެން އިނދެ އަތަށް ތަދުވޭތޯ ލައިތުގެ ގާތުން އަހާލިއެވެ. ވަގުތުން ލައިތު ޖަވާބުދިނެވެ. އެއްވެސް ތަދެއްނުވެޔޭ ބުނެލުމާއެކު ހީނގަތެވެ. ކެންޒާގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ. އޭނާގެ ހަނދާނުން ތިލަވަމުން އައީ އެންމެ ފުރަތަމަ ލައިތުއާ ބައްދަލުވި ދުވަހެވެ. ދެމެދުގައި ގާތްކަން އުފެދުނު ގޮތެވެ. ލޯބިވެވިއްޖެކަން އެނގުނުއިރު ދެމެދުގައި އޮތް ގުޅުން ދުރުނުވެވޭހާ ގާތްވެއްޖެއެވެ.

"ލައިތު..." ކެންޒާ ގޮވާލަންވާއިރަށް ލައިތު ހޫން ލައްވާލިއެވެ.

މިފްރާހުގެ ވާހަކަ ދައްކަން ކެންޒާ ބޭނުންވިއެވެ. އެކަމަކު ދެތިން ފަހަރަށް ލައިތުގެ ނަމުން ގޮވާލެވުނުއިރު ވެސް އިތުރު ވާހަކައެއް ކެންޒާއަށް ދެއްކޭ ގޮތެއްނުވިއެވެ. ކެންޒާއަށް ނުކެރިގެންކަން އެ އުޅެނީ ލައިތު ނުދެނަހުއްޓެވެ. އެހެންވެ ކެންޒާ އޭނާގެ ނަން ކިޔާތީވެ، ސަމާސާއަކަށް ހަދައި ލައިތު ވެސް ކެންޒާގެ ނަމުން ތަކުރާރުކޮށް ގޮވާލައިފިއެވެ.

ސެހްރާނު އެނބުރި ޕެންޓްހައުސްއަށް އައިއިރު ވެސް ކެންޒާއާއި ލައިތުގެ ދެމެދުގައި އެދެވޭ ވާހަކައެއް ނުދެއްކެއެވެ. ތިންމީހުން އެއްތަންވީ ހިނދު ލައިތަށް ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ފެށިކަން ސެހްރާނަށް ބުނެވުނީ މާބޮޑު ވިސްނުމެއްނެތިއެވެ. ކެންޒާއަށް ބަލާލުމާއެކު ލައިތު ހިނިތުންވުމެއް ދެމުން ހާސްނުވުމަށް ބުންޏެވެ.

"ފޭރޭ ބައެއް އެއީ... އިޓްސް އަ ރެންޑޮމް އެޓޭކް..." ބޮޑުކަމަކަށް ނުހަދަން ލައިތު ބުންޏެވެ. ހަޤީޤަތް އެނގިހުރެ ވެސް ކެންޒާ އެއްޗެކޭ ނުބުނެ ލައިތަށް ބޯޖަހާލީ، އޭނާ ދެއްކި ވާހަކަ ޤަބޫލުކުރާ ފަދައިންނެވެ.

ކެންޒާ ފުންކޮށް ވިސްނިއެވެ. ލައިތަށް ހަޤީޤަތް ކިޔާދޭނޭ ގޮތަކާމެދުއެވެ. ލައިތުގެ ހިތަށް ތަދުނުކޮށް އެކަން ނުކުރެވޭނެކަން ވެސް އެނގެއެވެ. އޭނާ ކެންޒާއާ މެދު ކުރާ އުންމީދު ގެއްލިގެންދާނޭކަން ވެސް ކެންޒާއަށް އެނގެއެވެ. އެކަމަކު ދެން އިތުރު ގޮތެއް އޭނާއަށް ނެތެވެ. ލައިތު ދޫކޮށްލާފައި ދިއުން ކެންޒާ އަމިއްލައަށް މަރުވުމެކޭ އެއްވަރުވާނެއެވެ. ލައިތު އޭނާ ޤަބޫލުނުކޮށްފިއްޔާ އެނބުރި ގެއަށް ދާންޖެހޭނެކަމާ މެދު ވެސް ކެންޒާ ވިސްނައެވެ. އެނބުރިދާނޭ ވަޒީފާއެއް ވެސް ނޯންނާނެއެވެ. ހަމައެއާއެކު ގެއަށް ހިނގައްޖެނަމަ އޭނާގެ ބާރެއް ދެން ނުހިނގާނެއެވެ. އޭރުން އޭނާ މިފްރާހުގެ އަތްދަށުވީއެވެ. ހުރިހާ ގޮތަކުންނެވެ. އޭނާގެ މައްޗަށް އޭރުން ހިނގާނީ ހަމައެކަނި މިފްރާހުގެ ހުކުމެވެ. އެކަމުން އޭނާ ސަލާމަތްކޮށްދޭނެ މީހަކު ނުހުންނާނެއެވެ. ނުރުހުނަސް އޭނާއަށް ޖެހޭނީ ކިޔަމަންވެގެން އުޅޭށެވެ.

* * * * *

އަސަދު ފިކުރުތައް އެއްފަރާތްކޮށް ކައިރީގަ ހުރި ސޯފާގައި އިން ސުޖާއުއަށް ބަލާލިއެވެ. އޭނާއަކީ ފުލުހެކެވެ. އެތަނުގެ އިސް މަޤާމެއް އަދާކުރާ ވެރިއެކެވެ.

"އަޅުގަނޑު ހިތަށް އަރަނީ، މީގެ ދިހައަހަރު ކުރިންވީ ކަންތަކާ މިކަމާ ގުޅުމެއްވެދާނެބާއޭ... އެކަމަކު އެއްވެސް އެއްޗެއް އަތުލާފައެއްނުވޭ، ލައިތުގެ އަތުކުރީ އޮތް ގަޑިއަކީ އަގުބޮޑު ގަޑިއެއް، އޭނާގެ ވޮލެޓު އަތުލާކަށް ނޫޅޭ، ރުފިޔާދޭކަށް ނުބުނޭ... އަހަރެމެން އަތުގައި ރުފިޔާ ހުންނާނޭކަން އެނގި އެކުއްޖާ ރަހީނުކުރާކަށް ވެސް މަސައްކަތެއްނުކުރޭ، ކާރަށް ވެފައި އޮތްވަރު ސުޖާ ދުށީމެންނު." މާޒީ ހަނދާންކުރަމުން އަސަދު ވާހަކަދެއްކިއެވެ.

"އަޅުގަނޑުމެން އެރޭ އެހިސާބުން ލިބެން ހުރި ފުޓޭޖްތައް ހޯދަމުން މިދަނީ، އަސަދު ކަންބޮޑުނުވޭ... ކިހިނެއްވެގެން ދިން ހަމަލާއެއްކަން ބުނަން އަވަސް، މިކަން ބަލާނަން، އިރާދަކުރެއްވިއްޔާ އެމީހުން ހޯދާނަން." ސުޖާއު ބުންޏެވެ. ނަމަވެސް އަސަދަށް ޤަބޫލުކުރަން ދަތިވިއެވެ. މީގެ ދިހަ އަހަރު ކުރީން ހިނގި ހާދިސާގައި އެކަން ކުރި ބަޔަކު ހޯދިފައި ނެތްއިރު މިފަހަރު އެބަޔަކު ހޯދިދާނޭ ހެއްޔެވެ. އެހެންވިޔަސް އޭނާ ސަމާލުވާނެއެވެ. ދަރިފުޅުގެ ފުރާނަ ގެއްލުނަކަށް އޭނާ ނުދޭނެއެވެ.

ސުޖާއު ދިއުމުން އަސަދުގެ ގާތުގައި ސަރަފީނާ އައިސް އިށީނެވެ. ފިރިމީހާގެ ހާސްކަން ދެނަހުރިކަމުގެ ހަރަކާތެއްގެ ގޮތުން އަސަދުގެ ފައިގަ ސަރަފީނާ ފިރުމާލިއެވެ. ހުރިހާ ކުދީންގެ ތެރެއިން ލައިތު ޚާއްޞަވަނީ ކީއްވެކަން ސަރަފީނާއަށް އެނގެއެވެ. ޚުދު އޭނާ ވެސް ލައިތަށް ދެރައެއް ލިބޭން ނޭދެއެވެ. ޢާއިލާގެ އެންމެން ވެސް މިވަގުތު ތިބީ ކަންބޮޑުވެފައެވެ. ޖިނާނު ގާތު ގިނައިރު ބޭރުގައި ނޫޅޭން އަސަދު އޮތީ އަންގާފައެވެ. ހުރިހާ ކުދީންގެ ތެރެއިން އެންމެ ގިނައިން ބޭރުގައި ވަގުތު ހޭދަކުރާ ކުއްޖަކީ ޖީނާނަށްވީމައެވެ. އޮފީހަށް ނުކުންނަން ލައިތު ގަސްދުކުރުމުން، އޭނާއަށް އޮތީ ދެ ގޮތެކެވެ. ޔާދިންއާ ދެމީހުން އެކުގައި އޮފީހަށް އައިސް ގޮސް ހެދުމެވެ. ނޫނީ ދުވަސްކޮޅަކަށް ލައިތު ގޭގައި މަޑުކުރުމެވެ. ގޭގައި ހުންނަންވެއްޖެނަމަ ލައިތު ބޯގަވާފާނޭ ހީވަނީއެވެ. އަނެއްކޮޅުން ކައިވެންޏަށްވާއިރަށް އޮފީހުގައި ނިންމަން ހުރި މަސައްކަތްތައް ވެސް ގިނައެވެ. އެކަންކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން ލައިތު ބޭނުމެވެ. ކައިވެންޏަށްފަހު ކެންޒާއާއެކު ދިގު ޗުއްޓީއެއް ހޭދަކުރަން ލައިތު ބޭނުމެވެ.

* * * * *

ކާރުތެރެއަށް ވެރިވެފައި އޮތީ އުނދަގޫވާފަދަ ހިމޭންކަމެކެވެ. ކަންފަތަށް އެއާޕޮޑް ލައިތު ޖަހާލީ ކޮންމެހެން އެއްޗެއް އަޑުއަހާތީއެއްނޫނެވެ. އެހެންނަމަވެސް ޔާދިންއާއެކު އެއްކާރުގެ ތެރޭ އިންނަންވުމުންނެވެ. ބޯއަރިކޮށްލައިގެން ދޮރުފަތުގެ ބިއްލޫރި ގަނޑުން ބޭރަށް ލައިތު ނަޒަރު ހުއްޓާލީ ޔާދިންއާ ނަޒަރު ސީދާކޮށްލަން ޖެހިދާނެތީއެވެ. ދެމީހުން އެގޮތުގައި އޮފީހަށް އައިސް ގޮސް ހަދާތާ ހަފްތާއެއްވީއިރު ވެސް ދެމީހުން ހީވަނީ ގުޅުމެއްނެތް، ދެ ބީރައްޓެހިން ހެންނެވެ. އެއީ ދެބެންނޭ އެކަކު ވެސް ނުބުނާނެއެވެ. ދޭތެރެއަކުން ނަޒަރު ސީދާ ވެލިޔަސް ދުރަށް އެނބުރިލަން ދެ މީހުން ވެސް އަވަސްވެއެވެ.

މިއަދުވެސް ހެނދުނު އޮފީހަށް އައީ ދެ ޒުވާނުން އެކީގައެވެ. ގެއަށްދާން ލައިތު ނުނިކުމެގެން އޭނާގެ ކެބިން ކައިރިއަށް ޔާދިން އައެވެ. މަސައްކަތަށް ގެއްލިފައި ލައިތު އިނުމަކީ ޔާދިންއަށް ވެސް އާކަމެއްނޫނެވެ. ކެބިންގެ ބޭރުގައި އާރިކު އިނީ ލައިތު ދާށޭ ބުނަންދެނެވެ. ޔާދިން ނިތްއެލުމުން ލައިތަށް ގޮވާލަންވީތޯ އާރިކު އެއްސެވެ.

"ބޮޑުކަމެއްގަތަ އިނީ..." އަތުކުރީ ގަޑިއަށް ބަލާލާފައި ޔާދިން އަހާލިއެވެ.

"ޔޫ ކާފަ ވަރުވާއަށް ނަގާފައި އޮތް ދެރަށުގެ ކޮންމެވެސް މައްސަލައެއް ދިމާވެގެން އެކަމުގައި މިއަދު އެއްކޮށް އެ އުޅެނީ." އާރިކު ބުނެލިއެވެ. ޔާދިން އައިސް އާރިކުގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. އޮފީހުން އެމީހުން ނޫނީ ހުރިހާ މުވައްޒަފުން ގެއަށް ހިނގައްޖެއެވެ.

"ކާކުބާއޭ ހިތަށް އަރާ ލައިތަށް އެވަރުކޮށްލީ، އެބައެއްގެ ބޭނުމަކީ ކޮބާކަމެއް ވެސް އެނގެނީއެއްނޫން." ޔާދިން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އާރިކު ވާހަކަދެއްކިއެވެ.

"މީ ވޯނިންގެއް ކަންނާނގެ..." ފިކުރުތަކަށް ގެއްލި އިނދެ ޔާދިންއަށް ވެސް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އާރިކު ވަރަށް ހައިރާންވިއެވެ. ޔާދިންގެ އަޑުން އޭނާ ވެސް ހިސާބަކަށް ލައިތުއާމެދު ކަންބޮޑުވާކަން ފާޅުވެއެވެ.

"މީހަކަށް ޝައްކުވޭތަ؟" އާރިކު އަހާލިއެވެ. ޔާދިންގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތައް އޭނާ ހާމައެއް ނުކުރިއެވެ. އެހެންވިޔަސް އޭނާއަށް ޝައްކުވަނީއެވެ.

ލައިތު ކެބިންއިން ނުކުންއިރު ޔާދިން ފެނުމުން އަވަސްއަވަހަށް ދާންވީ ކަމުގައި ބުންޏެވެ. ދެން އާރިކަށް ބަލާލައި އެމީހުންނާއެކު އަންނަން ބުންޏެވެ. ލައިތު ގެއަށް ދާއިރު އާރިކު ގެއަށް ލާފައި ދިއުމަކީ އޭނާ ޢާއްމުކޮށް ކުރާ ކަމެކެވެ. ނަމަވެސް ޔާދިންއެކު ލައިތު އައިސް ގޮސް ހަދާކަން އެނގިފައި އޮތުމުން އާރިކު އެމީހުންނަށް މަޑުނުކޮށް ދާން ހިނގައިގަނެވެ.

އިމާރާތުން ނުކުމެ ލައިތު މަޑުކޮށްލީ ޔާދިން ކާރު ހިފައިގެން އެހިސާބަށް އަންނަނީ ކަމުގައި ބުނީމައެވެ. އެވަގުތުކޮޅުގައި ލައިތު ގުޅީ ކެންޒާއަށެވެ. ގެއަށް ދަނީ ކަމުގައި ބުނާށެވެ. ސެހްރާނާއެކު މިރޭ ވެސް އޭނާ ކެންޒާއާ ބައްދަލުކުރަން އަންނާނަމޭ ބުންޏެވެ. އެކަމަކު ގެއަށް ގޮސް އިހަށް ނިދާލާނީކަން ލައިތު ބުންޏެވެ. ފޯނުކޯލު ނިންމާލި ވަގުތު އާރިކު ދަނީކަން އަތުގެ އިޝާރާތުން ލައިތަށް އަންގާލުމާއެކު ހިނގައިގަތެވެ. އޭނާ މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސަކަލުގެ އަޑު މާދުރުން އިވުނެވެ. ދުވެލާފައި އަވަހަށް މަގުގެ އަނެއްފަރާތަށް އޭނާ އެރީ އެ ސައިކަލު ދުއްވަން އިނީ ހަމަހޭގައި ހުރި މީހެއްނޫނޭ ހީވެގެންނެވެ. އެބާރު މިނުގައި ސައިކަލު އައީ ލައިތާ ދިމާއަށެވެ. އޭގައި ތިބި ދެ މީހުން ލައިތަށް ކަމެއް ކުރިތަން އާރިކު ދުށްޓެވެ. ވީގޮތެއް ނޭނގުނަސް ލައިތު ފަހަތަށް ވެއްޓުނުތަން ފެނުނެވެ. ހީވީ އެބަޔަކު އޭނާ ކޮށްޕާލީ ހެނެވެ. އެދިމާއަށް ކާރުގައި އައި ޔާދިންއަށް ދެ ލޯ ބޮޑުކޮށްލެވުނީ ބުރެކި ޖައްސާލަމުންނެވެ. އޭނާ އަވަހަށް އައިސް ދުވާރުކައިރިއަށް މަޑުކޮށްލުމާއެކު ކާރުން ފޭބިއެވެ. ދުރުދުރުގައި ފައި އަޅާލުމާއެކު ހަލުވިކޮށް ލައިތުގެ ގާތަށް ލެފިލިއެވެ. މަގުގެ އަނެއްފަރާތުގައި ހުރި އާރިކު ވެސް ދުވަމުން އައެވެ. ވެއްޓުނު ލައިތު ތެދުވަން އުޅުނު ހިނދު އޭނާގެ އަތުގައި ޔާދިން ހިފިއެވެ.

"ތަދުވިތަ؟" ޔާދިން އަހާލިއެވެ.

"ފޯނު ހިފައިގެން އެ ދިޔައީ." ތެދުވަމުން ލައިތު ބުންޏެވެ. އޭނާ ސިހިފައި ހުރިވަރު އަތުގައި ހުރި މަޑުތުރުތުރުން ޔާދިން ދެނެގަތެވެ. ނަމަވެސް އެނގޭ ކަމަކަށް ޔާދިން ނުހެދިއެވެ.

"އާ ޔޫ އޯކޭ؟." އާރިކު އަހާލިއެވެ.

"ފޯނެއް ލިބިދާނެ... ލެޓްސް ގޯ." ޔާދިން ބުނެލިއެވެ.

(ނުނިމޭ)