މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

ލާދީނީ ރިޕޯޓް ނެރުނުއިރު އެމްޑީއެންގެ ރައީސަކީ ޝަމީމް

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓް ނެރުނުއިރު އެ ޖަމިއްްޔާގެ ރައީސަކީ މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކަމަށް އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލާގައި އެ ޖަމިއްޔާ ވަނީ އުވާލާފައެވެ. ނަަަމަވެސް އެ ޖަމިއްޔާގެ އިސް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީއެންގެ ރައީސްކަން ކުރި ނޫޝީން ވަހީދާއި މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނިވަޑައިގަންނަވައެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ނެރުނުއިރު އެ ޖަމިއްޔާގެ ރައީސަކީ ނޫޝީން ނޫން ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ. އަދި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ބުނެ ދިނުމަށް އެމްޑީއެންގެ ފައުންޑަރުން އަރިހު އެދިފައިވެއެވެ. ނޫޝިންއާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރާނަމަ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ނޫޝިންގެ މަންމަ ކުރި ޓްވީޓަށް ޖަވާބު ދެމުން ފިލައިގެން ބޭރުގައި އުޅެމުންދާ ޝަހިންދާ އިސްމާއީލް ވިދާޅުވީ އެމްޑީއެންއިން ނެރުނީ އެންމެ ރިޕޯޓެއް ނޫން ކަމަށެވެ. އެ ޖަމިއްޔާ ހަރަކާތްތެރިވާތާ 15 އަހަރުވެފައިވާ ކަމަށާ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް"ގެ ނަމުގައި ރިޕޯޓް ނެރުނުއިރު ރައީސް ކަމުގައި ހުރީ ނޫޝީން ނޫން ކަމަށެވެ ނޫޝީން އެ މަގާމަށް އިންތިހާބުވީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީހަކު ވަނީ އެ ރިޕޯޓް ނެރުނުއިރު އެމްޑީއެންގެ ރައީސަކަށް ހުރީ މިހާރުގެ ޕީޖީ ހުސައިން ޝަމީމްތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ޝަހިންދާ ވަނީ އެ ދުވަސްވަރު އެމްޑީއެންގެ ރައީސަކީ ޝަމީމް ކަމަށް ވިދާޅުވެފައެވެ. -ޝަމީމަކީ ޝަހިންދާގެ ކުރީގެ ފިރިކަލުންނެވެ.-

މިކަމާއި ގުޅިގެން ޝަމީމް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލާގައި ދިވެހި ރައްޔިތުން ރުޅިވެރިކަމާއެކު ތެދުވެ މުޅި ރާއްޖޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަން ފެށުމުން އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ. އަދި އެ ޖަމިއްޔާ އުވާލި ނަމަވެސް ބަޔާންތައް ނެރެ ޖަމިއްޔާގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

އެ މައްސަލައިގެ ތަހުގީގަށް ޝަހިންދާ ފުލުހަށް ހާޒިރުކުރެވިފައި ނުވިނަމަަވެސް ދާދި ފަހުން މަޖިލީހުގައި އޮތް ފޯރަމަކުންވެސް ޝަހިންދާއަށް ވަނީ ފުރުސަތު ދީފައެވެ. މިއީ ރޭވިގެން ހިންގާފައިވާ ކަމެކެވެ.