ލާދީނީ ރިޕޯޓެއް ނެރެގެން އުވާލި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ޗެއާޕާސަންއެއްގެ ގޮތުގައި މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ދެ ފަހަރެއްގެ މަތިން ފަސް އަަހަރު ހޭދަ ކުރެއްވި ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓް ނެރުނުއިރު އެ ޖަމިއްްޔާގެ ރައީސަކީ މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކަމަށް އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަދައްކަވަމުން ޕީޖީ ވިދާޅުވީ އެމްޑީއެންގެ ރައީސެއްގެ ގޮތައި ހުންނެވި ކަމަށެވެ. ނަމަވެސް އެއީ ވަރަށް މަދު ދުވަސްކޮޅަކު ކަމަށް ވިދާޅުވިއެވެ. އެމްޑީއެންގެ އިތުރުން އެހެން ވަރަށް ގިނަ ޖަމިއްޔާތަކުގައިވެސް އެކި މަގާމުތައް ފުރުއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް 2014 އިން ފެށިގެން އެއްވެސް ޖަމިއްޔާއެއްގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ.
"އެމްޑީއެންއެއްގެ ރައީސެއްގެ ގޮތުން، ޗެއާޕާސަން އެއްގެ ގޮތުން އަޅުގަނޑު ހުރިން. އަޅުގަނޑު އެމްޑީއެން އާ އެއްކޮށް މަސައްކަތް ކުރާތާ އެކި ތަފާތު ގޮތްގޮތުން، އެމްޑީއެން އެކަންޏެއް ނޫން ވަރަށް ބައިވަރު ޖަމާއަތްތަކާއެކު އަޅުގަނޑު މަސައްކަތް ކުރަން. ބައިވަރު ޖަމިއްޔާތަކުގެ މަގާމުތައްވެސް ފުރާފައި ހުންނާނެ. އެހެން ނަމަވެސް އެމްޑީއެންގެ ރައީސެއްގެ ގޮތުގައި މަދު ދުވަސްކޮޅަކު ހުރި ހަނދާނެއްވޭ. ދެން އޭގެ ތަފްސީލްތަކެއް އަޅުގަނޑަކަށް ނޭންގޭ. ހަނދާނެއް ނުހުރޭ، މި ދެންނެވިހެން ވަރަށް ބައިވަރު ޖަމާއަތްތަކުގައި މަސައްކަތް ކުރެވިފައި ހުރީމަ. އެހެން ނަމަވެސް 2014 އިން ފެށިގެން އަޅުގަނޑު ހަނދާންވާ ގޮތުން އަމަލީ ގޮތުން އެއްވެސް ޖަމިއްޔާއެއްގައި އެ ގޮތަށް މަސައްކަތްކޮށްފައެއް ނޯންނާނެ،"
އެކަމާއި ގުޅޭގޮތުން އަވަސްއިން ލިޔެފައިވާ ހަބަރަކާއެކު އެމްޑީއެންއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރުގެ ޕީޖީ ހުސައިން ޝަމީމް ދެ ފަހަރެއްގެ މަތިން އެ ޖަމިއްޔާގެ ޗެއާޕާޝަންކަން ކުރެއްވި ކަމަށެވެ. އެއީ 2007 ކުން 2009 އަށް އަދި 2013 އިން 2016 އަށެވެ. އެ ކަމަށް ޝުކުރު އަދާކޮށް އެ ޖަމިއްޔާއިން ބުނީ އެކަން އާންމުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.
"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެމްޑީއެންއިން ރިޕޯޓް ނެރުނީ 2016 ގައެވެ. އަދި ފަހުން އެ ރިޕޯޓަށް ވަނީ ބަދަލު ގެނެސް އައުކޮށްފައެވެ.
ޝަމީމް ވިދާޅުވީ ލާދީނީ ރިޕޯޓް ނެރުނީ އޭނާ އެ ޖަމާއަތުގެ ރައީސެއްގެ ގޮތުގައި ހުއްޓާ ނޫން ކަމަށާ އެ ހަނދާން ނެތް ކަމަށެވެ. އަދި ރިޕޯޓް ނެރުނުއިރު ރާއްޖޭގައި ނުހުންނަވާނެ ކަމަަށް ވިދާޅުވިއެވެ. ޝަމީމަކީ ދީނީ އިލްމުވެސް އުނގެނިވަޑައިގެން ހުންނެވި އިލްމުވެރިއެކެވެ.
"ހަނދާނެއް ނެތް އެކަހަލަ [ލާދީނީ] ރިޕޯޓެއް ނެރުނު ކަމެއް. އަދި ނެރުނަސްވެސް އެ ރިޕޯޓް ނެރުނު ދުވަސްވަރު ހުރީކީއެއް މާލޭގައެއްވެސް ނޫން. އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި، ތަންކޮޅެއް ދިގު މުއްދަތަކަށް ހުރީ. އެހެންވީމަ އަޅުގަނޑު ހިތުން އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިފައެއް ނޯންނާނެ. އެ ރިޕޯޓް ޕަބްލިޝްކުރުމުގައި އޭގަ ހުރި އެއްޗެއް ކިޔާ އެ ރިޕޯޓް ޕަބްލިޝް ކުރުމުގައި، އެެހެން ނޫނަސް އެމްޑީއެން ބޯޑަކީ އެކަހަލަ މަސައްކަތެއް ކުރާ ތަނެއްވެސް ނޫން،"
ޝަމީމް ވިދާޅުވީ އެމްޑީއެންއިން ރިޕޯޓްތަކެއް ތައްޔާރުކުރާ ކަމުގެ މައުލޫމާތު ކުރިން ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ރިޕޯޓެއް ތައްޔާރު ކުރުމުގައި މަސައްކަތް ކުރައްވާފައިނުވާނެ ކަމަަށެވެ. އަދި ވިދާޅުވީ ޖަމިއްޔާތަކަށް އޭނާގެ އެހީތެރިކަން ދިނީ ފަންނީ ގޮތުން ކަމަށެވެ. އެއީ ހިލޭ ސާބަހަށް ކޮށްދެއްވި ކަންކަން ކަމަށާ މީގެ ބާރަ އަހަރު ކުރިން ފެށިގެން ޖަމިއްޔާތަކަށް އެހީތެރިވެވަޑައިގެންފައިވާނެ ކަމަށެވެ. އަދި ޖަމިއްޔާއެއްގެ މަގާމެއްގައި ހުންނެވި ނަމަވެސް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑަައިނުގަންނަވާ ކަމަަށް ވިދާޅުވިއެވެ.