ހަބަރު

ކަންކަން ހާސިލް ވިޔަސް ގޮންޖެހުން އެބަަ ހުރި: ޖެންޑާ

ޖެންޑާގެ ދާއިރާއިން ރާއްޖެ އަަށް ގިނަަ ކަންކަަން ހާސިލްކޮށްފަައި ވީނަމަވެސް ރޭވިފައިވާ ކަންކަން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ޖެންޑާ މިނިސްޓަރު ބުނެފި އެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު މުރާޖައާ ކުރާ ބައްދަލުވުން (ޔުނިވާސަލް ޕީރިއަޑިކް ރިވިއު) ގައި ދެއްކެވި ވާހަކަފުޅުގައި ޖެންޑާ މިނިސްޓަރު އާއިޝާ މުހައްމަދު ދީދީ ވިދާޅުވީ، ކުޑަކުދިންނާއި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމާޔަތްކޮށް ބާރުވެރި ކުރުވުމަށް ރާއްޖެ އިން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެ ދާއިރާ އިން ހޯދާފައިވާ ކުރިއެރުންތަކާ މެދު ފަހުރުވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެ އިން ކާމިޔާބުތައް ހޯދާފައިިވާ ކަމަށް ބުނެ ޖެންޑާ އާ ގުޅުންހުރި ދާއިރާތަކުން އެކި މައްސަލަތަކުގެ ތަފްސީލު ދެއްވާފައި ވެ އެވެ.

އެގޮތުން، މި ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގައި ވާ ގޮތަށް، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހާސިލު ކުރެވޭނެ ޕްލޭންތަކެއް އެކުލަވަލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން، ހުރިހާ ދާއިރާ ތަކެއް ގައިވެސް އަންހެނުންގެ ލީޑަޝިޕް އަދި ހިތްވަރު ފެނިގެންދާ ކަމަށާއި 2016 ވަނަ އަހަރު ތަންފީޒު ކުރަންފެށި ޖެންޑާ އީކުއާލިޓީ ގާނޫނުގައި މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި އަޅަންޖެހޭ ގިނަގުނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ކަމާއި، ޖެންޑާ އީކުއާލިޓީ ޕޮލިސީ އަކީ ރާއްޖޭގެ އަންހެނުންގެ ހާލަތު ރަނގަޅުކޮށް މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

އަދި، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރު ކުރަން ސަރުކާރުން މަސައްކަތް ކުރި ކަންވެސް ވަނީ ވިދާޅުވެފަަ އެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ޢައްޔަން ކުރުން ވެގެން ދިޔައީ މިންތީގެ ފަރަގު ކުޑަ ކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަން ފާހަގަ ކުރަން" މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށްވެސް ކަންކަން ކުރެވިއްޖެ ކަމަށް ފާހަގަ ކުރި އެވެ. އެގޮތުން، ވިހެއުމާއި ގުޅިގެން ލިބޭ 6 މަސް ދުވަހުގެ ޗުއްޓީއާއި މަސައްކަތް ކުރާ އަންހެނުން ނަށް ހާއްސަ ޑޭ ކެއަރ ސެންޓަރު ތައް މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ.

އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރާ މަަސައްކަތްތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ދޭން ވެސް މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖެ އިން އަންނަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އުމުރުން ދުވަސްމީ މީހުން ބަލަހައްޓާ މަރުކަޒުތަކާއި ގެވެށި އަނިޔާގެ ޝިކާރަ އަށް ވާ މީހުންނަށް އަމާން ހިޔާތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވީ، ސަރުކާރުގެ ސިޔާތުތަކުން ދާއިރާއަށް ދިމާވެފަައިވާ ވަސީލަތްތަކުގެ ދަތިތަކާއި، މުވައްޒަފުންގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަން ކަށަވަރުވާ ކަމަށެވެ. އަދި ދާއިރާގައި އެއްކުރެވޭ ތަފާތު މައުލޫމާތުތައް ޑިޖިޓަލައިޒް ކުރެވުމުން ކާމިޔާބު ކަމާއެކު މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.