ވިލާ ކޮލެޖް

ވިލާ އިން ކޮމާޝަލް ލޯ ކިޔަވައިދޭން ފަށަނީ

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ އެލް.އެލް.އެމް (ކޮމަރޝަލް ލޯ) ޕްރޮގްރާމް ވިލާ ކޮލެޖުން ލޯންޗުކޮށްފި އެވެ.

މި ޕްރޮގްރާމް ލޯންޗުކުރީ އިއްޔެ ވިލާ ކޮލެޖުގައި ބޭއްވި ހަފްލާ އެއްގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާނެވެ. މުއުތަސިމް ދެއްކެވި ވާހަކަފުޅުގައި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި ރާއްޖޭގައި ތިބެގެން ކޮމަރޝަލް ލޯ އިން މާސްޓަސް އެއް ހެދުމުގެ ފުރުސަތު ލިބުމަކީ އެ ދާއިރާއިން ގާބިލް ދިވެހި ދަރިންނެއް އުފެއްދުމަށް ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މި ހަފްލާގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަޙްމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވީ ގާނޫނީ ދާއިރާއަށް ގާބިލް ދަރިވަރުންތަކެއް ނެރެދިނުމަކީ ކޮލެޖުގެ މައިގަނޑު އެއް އަމާޒުކަމަށެވެ.

ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި 102 ޕްރޮގްރާމަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ކޯސްތަކަށް އެޕްލައި ކުރުމުގެ އެންމެ ފަހު ތާރީހަކީ 19 ޑިސެމްބަރު އެވެ. ކޯސްތަކުގެ ކިޔެވުން، ޖެނުއަރީ މަހުގެ 3 ވަނަ ހަފްތާ ތެރޭގައި ފަށާނެ އެވެ.