ގާސިމް އިބްރާހިމް

ހޮރައިޒަން ތަމްސީލްކުރަން ކޮމިޓީއަށް ގާސިމް ވަޑައިގަތުމުން މެންބަރުން ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ހޮރައިޒަން ފިޝަރީޒްގެ މައްސަލައާއި ގުޅިގެން އެ ކުންފުނި ތަމްސީލްކުރުމަށް ކުންފުނީގެ ޗެއާމަންގެ ހައިސިއްޔަތުން މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޮމިޓީއަށް ވަޑައިގަތުމުން ބައެއް މެންބަރުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހޮރައިޒަން ފިޝަރީޒްއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ގއ. ހޯޑެއްދޫގައި މަސް ފެކްޓަރީއެއް އަޅަން 13.5 ހެކްޓަރުގެ ބިން ދޫކުރި ފަހުން 17 އަހަރު ވެގެން ދިޔައިރުވެސް ފެކްޓަރީގެ ހިދުމަތް ލިބެމުން ނުދާތީ އެ މައްސަލަ ބަލަން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައިވާ ގޮތުން ހޯޑެއްދޫގައި ވިލާ އިން އަޅަން އެއްބަސްވެފައިވަނީ 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހިމެނޭ ފެކްޓަރީ އެކެވެ. މިތަނުގައި 160 ޓަނުގެ ބްރައިން ޓޭންކެއްގެ އިތުރުން 50 ޓަނުގެ ޕްލާންޓެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

މައްސަލަ ދިރާސާކުރާ އިގްތިސާދީ ކޮމިޓީއަށް ޖަވާބުދާރީވުމަށް މިއަދު ވަނީ ހޮރައިޒަންގެ އިސްވެެރިންނާއި ޖޭޕީއަށް ނިސްބަތްވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހާޒިރުކޮށްފަ އެވެ. ކޮމިޓީގައި ހޮރައިޒަން ތަމްސީލް ކުރީ އެ ކުންފުނީގެ މައި ކުންފުނި -- ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމްއާއި މެނޭޖިން ޑިރެކްޓަރު އަދި ގާސިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމްގެ އިތުރުން ވިލާ ގުރޫޕްގެ ސެކްރެޓަރީ އިބްރާހީމް ރަޝީދާއި ވިލާގެ ޑިރެކްޓަރެކެވެ.

ހޮރައިޒަން ތަމްސީލް ކުރެއްވުމަށް ގާސިމް، އިގްތިސާދީ ކޮމިޓީއަށް ވަޑައިގެންނެވިއިރު އޭނާ އަކީ އެ ކޮމިޓީގެ މެންބަރެކެވެ. ކޮމިޓީގެ މެންބަރުންގެ ކަންބޮޑުވުމަކަށްވީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ގާސިމް ހިއްސާވާ ކުންފުނި ތަމްސީލް ކުރައްވަން ވަޑައިގަތުމަކީ މަޖިލީހުގެ ގަވައިދުގައި ބުނާ މަސްލަހަތު ފުށުއަރާ ކަަމަކަށްވާތީ އެވެ. ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ގާސިމަށް ބައިވެރިވެވަޑައިނުގެންނެވޭނެ އެވެ.

މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ކޮމިޓީ ސިއްރުކުރުމަށްފަހު މި ބައްދަލުވުމުގައި ގާސިމަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް ނިންމާފަ އެެވެ. ނަމަވެސް ހޮރައިޒަންގެ މައްސަލައިގައި ކޮމިޓީން ގޮތްތަކެއް ނިންމަން ބާއްވާ އެއްވެސް ބައްދަލުވުމަކަށް ގާސިމަށް ވަޑައިނުގެންނެވޭނެ ކަމަށްވެސް ނިންމާފައިވެ އެވެ.

"މިކަމުގައި އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެން ކޮމިޓީ ލެވަލްގައި މިހެން ވާހަކަ ދައްކައިގެން ހައްލުކުރެވޭ ވަރަށް ވުރެ، އެއްބައިވެރިޔަކީ ސަރުކާރުގެ އެންމެ ބޮޑު ބައިވެރިޔާ. ސިޔާސީ ބައިވެރިއެއް. އަދި ރާއްޖޭގެ ވިޔަފާރިތަކުގައިވެސް ބޮޑު ބައިވެރިޔެއް،" ކޮމިޓީގައި ގާސިމް އިންނެވުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ވަނީ ކޮމިޓީ ބައްދަލުވުމާއި ކޮމިޓީން މައްސަލަ ނިންމުމަށްފަހު ތައްޔާރުކުރާ ރިޕޯޓުވެސް ސިއްރުކުރަން އެދިވަޑައިގެންފަ އެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ހޮރައިޒަންގެ މަސައްކަތް ހޯޑެއްދޫގައި ކުރިއަށް ގެންދަން ދިމާވި ދަތިތައް ވަރަށް ތަފްސީލްކޮށް ހިއްސާކޮށްދެއްވާފަ އެވެ. އަދި ސަރުކާރުން ބޭނުންވާނަމަ ހޯޑެއްދޫ އިންވެސްޓްމަންޓާއި ށ. ކީކިމިނީގެ އިންވެސްޓްމަންޓް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އޮނެސްލީ އައި އޭމް ޓެލިން. މި ފައިޓްގައި އުޅޭކަށް އަޅުގަނޑުވެސް ބޭނުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.'

ގާސިމް ވަނީ ހޮރައިޒަންގެ މައްސަލަ ހުށަހެޅުއްވި މެންބަރަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.

ފިރުޝާން މީގެކުރިން ވަނީ ހޯޑެއްްދޫ އިން ވިލާއަށް ދީފައިވާ ބިމުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ތަޅުމުގައިވެސް ސުވާލުކުރައްވާފަ އެވެ.