މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑް އޮފީސް އިއްޔެ ހަވީރު ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރް ހުޅުވައިދެއްވަައިފި އެވެ. އާ އޮފީސް ހުންނަނީ ދަރުމަންވަންތަ ސްކޫލް ކުރި މަތީގަ އެވެ.
އިސްލާމިކް ބޭންކުގެ އާއޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައ ހާއްސަ މެހުމާނެއްގެ ގޮތުގައި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފީނޭސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވީ، ރާއްޖެއަށް ބޭންކުތަކުގެ ވާދަވެރިކަން ގެނެސްދިނީ އިސްލާމިކް ބޭންކުން ކަމަށެވެ. އަދި އިސްލާމިކް ބޭންކަކީ އެމްޑީޕީގެ ވެރިކަމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ގާއިމް ކުރެވުނު ބޭންކެއް ކަމަށެވެ.
އެ ރަސަމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެސް އެންމެ ބޮޑަށް އިސްކަންދޭ އެއް ކަމަކީ ރާއްޖޭގައި އިސްލާމީ ފައިނޭންސް ކުރި އަރުވައި މިސަރަހައްދުގައި ރާއްޖޭއަކީ އިސްލާމިކް ފައިނޭސް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ގައަމަކަށް ހެދުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިސްލާމިކް ފައިނޭސްގެ މޫނުމައްޗަކީ އިސްލާމިކް ބޭންކް ކަމަށެވެ.
"އެމްއައިބީ އިން ވަނީ ބޭންކުތަކުގެ މެދުގައި ރީޓެއިލް ވިޔަފާރިގެ ވާދަވެރިކަން އުފެއްދުމަށް މުހިންމު ދައުރެއް އަދާކޮށްފަ، އިސްލާމީ ފައިނޭސް މެދުވެރިކޮށް ވަނީ ރާއްޖެއަށް ގިނަ ޕްރަޑަކްޓްތަކެއް ނެރެފަ. މިސަރުކާރުންވެސް ގެންދަވަނީ ރާއްޖޭގައި އިސްލާމިކް ފައިނޭސް ކުރި އެރުވުމަށް މަސައްކަތް ކުރަމުން" މިނިސްޓަރު އަމީރް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭރުގެ އިންވެސްޓްމެންޓްތަކަށް އަބަދުވެސް ބަރޯސާވާއިރު، އިންވެސްޓަރުންގެ ބަރޯސާ ކުރާ ރާއްޖޭ ބޭންކަކީ އިސްލާމިކް ބޭންކް ކަމަށެވެ. އެހެން ކަމުން ސަރުކާރުން ބޭނުންވަނީ އިސްލާމިކް ބޭންކަކީ މިހާރަށް ވުރެ ވަރުގަދަ ވާން ކަމަށެވެ.
ދެހާސް އެގާރަ ވަނަ އަހަރު ގާއިމްކުރި އިސްލާމިކް ބޭންކުގައި މިހާރު 80،000 ކަސްޓަމަރުން އެބަތިބި އެވެ. އަދި ހަ އަތޮޅެއްގައި އިސްލާމިކް ބޭންކުގެ ބްރާންޗުތަށް ހުޅުވާފައިވާއިރު 200 ވުރެ ގިނަ މުވައްޒިފުން އިސްލާމިކް ބޭންކުގައި މަސައްކަތް ކުރެ އެވެ.
ބޭންކުގެ އާ އޮފިސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ގަވަރުނަރު / ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމާއި ގަވަރުނަރު އަހްމަދް ނަސީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.