ވިލާ ކޮލެޖް

ވިލާގެ ދަރިވަރުންނަށް ތަޖުރިބާ ދޭން އެއްބަސްވުމަކަށް

ވިލާ ކޮލެޖާއި ރާއްޖޭގައި ހިންގާ ކައުންސިލިން އިންސްޓިޓިއުޝަންތަކާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެމް.އޯ.ޔޫ އަކީ ވިލާ ކޮލެޖުގައި ކިޔަވަމުންދާ ބެޗެލާ އޮފް ސައިކޮލޮޖީ ދަރިވަރުންގެ އަމަލީ ތަޖުރިބާގެ ބައި ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

ތަމްރީނުތައް ދިނުމަށް ޖެންޑާ މިނިސްޓްރީ އާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އާއި އިންސްޓިޓިއުޓް ފޯ ކައުންސިލިން އެންޑް ސައިކޯތެރަޕީ ޕްރައިވެޓް ލިމިޓެޑް (އައި.ސީ.ޕީ) އަދި މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސަރވިސަސް، ޓްރެއިނިންގ އެންޑް ރިސަރޗް (މިޕްސްޓަ)ގެ އިތުރުން، ސައިމާ ކެއާ އިން ވަނީ އެއްބަސްވެފަ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ލެކްޗަރާ، އަދި ޕްރޮގްރާމް ކޯޑިނޭޓަރު، ޑރ. ޢައިޝަތު ނަޝީދާ ވިދާޅުވީ، މި މަސައްކަތަށްފަހު ކޯހުގައި އުނގެނިފައިވާ ފިލާވަޅުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން އެހީވެދޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި މި ދާއިރާއިން ފުރިހަމަ އަށް ތަމްރީނު ލިބިފައި ހުރި ދަސްވެނިންގެ ބޭނުން މިއަދު ވަަރަށް ބޮޑެވެ. އަދި، ކޯހުގެ ބައިވެރިންނަށް އަމަލީ މައިދާނުގައި ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެކަމަށްވެސް ބުންޏެވެ.

ވިލާ އިން ބުނި ގޮތުގައި، ފީލްޑަށް ނިކުމެ ތަޖުރިބާ ކުރާނެ އެންމެ ފުރަތަމަ ބެޗަކީ އަންނަ އަހަރުގެ ކޯހުގައި ބައިވެރިވާ ދަރިވަރުންނެވެ.