ވާހަކަ

ލޯބިން ބުނެލަން

(3 ނޮވެމްބަރ 2020 އާ ގުޅޭ)

މަގުގެ އަނެއްފަރާތުގައި ހުރި އާރިކު ވެސް ދުވަމުން އައެވެ. ވެއްޓުނު ލައިތު ތެދުވަން އުޅުނު ހިނދު އޭނާގެ އަތުގައި ޔާދިން ހިފިއެވެ.

"ތަދުވިތަ؟" ޔާދިން އަހާލިއެވެ.

"ފޯނު ހިފައިގެން އެ ދިޔައީ." ތެދުވަމުން ލައިތު ބުންޏެވެ. އޭނާ ސިހިފައި ހުރިވަރު އަތުގައި ހުރި މަޑުތުރުތުރުން ޔާދިން ދެނެގަތެވެ. ނަމަވެސް އެނގޭ ކަމަކަށް ޔާދިން ނުހެދިއެވެ.

"އާ ޔޫ އޯކޭ؟." އާރިކު އަހާލިއެވެ.

"ފޯނެއް ލިބިދާނެ... ލެޓްސް ގޯ." ޔާދިން ބުނެލިއެވެ.

ޔާދިންއާއެކު ލައިތު ކާރަށް އަރަންދެން ދުވާރުމަތީ އާރިކު މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއަށް ފެނުނު މަންޒަރު އަދިވެސް ޤަބޫލުކުރަން ދަތިވެފައި ހުރިކަމުގެ އަސަރު އެ މޫނުން ފެނެއެވެ. ކާރު ދުއްވާލަމުން އާރިކަށް ޔާދިން ގޮވާލިއެވެ. ގެއަށް ނުދަނީތޯ ޔާދިން ބުނިއިރު، އޭނާ އެބުނަނީ އެތަނުގައި ނުހުރެ ދިއުމަށްކަން އާރިކަށް ވިސްނުނެވެ.

"ގެއަށް ގޮސް އެންމެން ކައިރީ ކިޔާނީއެއްނޫން." ދޮރުފަތުގެ ބިއްލޫރިގަނޑުން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ލައިތު ބުނެލިއެވެ.

"އަހަރެންނާ ބެހޭކަމެއްނޫން." ޔާދިން ބުނެލީ ފަރުވާކުޑަ ރާގެއްގައެވެ. ނަމަވެސް އެ އަސަރަކީ އޭނާގެ ހަޤީޤީ އިޙްސާސްތަކެއްނޫނެވެ. އާދަވެފައި ހުރީ ލައިތުއާ ޖަދަލުކުރުމަށެވެ. އޭނާއަށް ނަފުރަތުކުރުމަށެވެ. ފަހަރެއްގައި ވެސް ލައިތުގެ މައްޗަށް ހަމްދަރުދީވުމަކީ ޔާދިން ބޭނުންވާގޮތެއްނޫނެވެ.

ގެއަށް ވަން ގޮތަށް ޔާދިންއާއި ލައިތު ވެސް މިސްރާބު ޖެހީ އެމީހެއްގެ ކޮޓަރިއަށް ގޮސް ވަނުމަށެވެ. ނަމަވެސް ކޮޓަރިއަށް ވަން ގޮތަށް ޔާދިން ނުކުތެވެ. ދޮރުމަތީ މަޑުކޮށްލައިގެން ލައިތުގެ ކޮޓަރިއަށް ބަލަން އޭނާ ހުއްޓެވެ. ފޫހިކަމުގެ އަޑެއް ލައްވާލުމާއެކު ނިތްކުރީގައި ޔާދިންގެ ކަނާއަތްތިލަ ޖައްސާލިއެވެ. ހިތްނޭދުނަސް ޟަމީރުގެ ގޮވާލުމާ ދެކޮޅު ހެދެންނެތި ޔާދިންއަށް ފާޑަކަށް މަޖުބޫރުވެފައި ހުރިކަމުގެ އިޙްސާސް ކުރެވެއެވެ. ދެފަރާތަށް ބޯހޫރާލާފައި ފަޓުލޫނު ޖީބުގައި އޮތް ފޯނު އޭނާ ނެގިއެވެ. އަދި ބައްޕައަށް ގުޅިއެވެ.

ހެދުން ބަދަލުކުރުމެއްނެތި އެނދުގެ އެއްފަރާތުގައި އިށީނދެލައިގެން ލައިތު އިނީ ވިސްނާށެވެ. ބައެއްގެ އަމާޒުފަތްގަނޑަށް އޭނާ ވެއްޖެކަން ޔަގީންވެފައެވެ. އޭނާގެ ކިބައިގެން ބޭނުންވަނީ ކޮންކަމެއްކަން ނޭނގުނަސް ސަމާލުވާންވެއްޖެކަން ލައިތުގެ ހުރިހާ ޚިއްސެއްހެން ގޮވަމުންދިޔައެވެ. ކާރުގައި އިންދާ ބަޔަކު އައިސް އަރައިގަތުމުން އޭނާއަށް ލިބުނު ސިހުން އަދިވެސް ފިލައިގެން ނުދެއެވެ. އަނެއްކާ މިއަދު ވެސް ކުރިމަތިވީ ކަންތަކުން އިތުރު ސިހުމެއް އޭނާގެ ނަފްސަށްވަނީ ލިބިފައެވެ. ވިސްނިވަރަކަށް ލައިތުގެ ސިކުނޑިއަށް ލިބޭ ބުރަކަން އިތުރުވަމުން އައެވެ. ހާސްވެގެން ދެއަތުން މޫނުގައި ލައިތު ފިރުމާލުމާއެކު ކޮޅަށް ތެދުވިއެވެ. މޭގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ ފުންނޭވާއެއް ދޫކޮށްލީ އަވަސްވެފައިވި ހިތް ހަމައަކަށް އެޅޭތޯއެވެ. ބައްޕަ އެދުނު ފަދައިން އޭނާ ދުވަސްކޮޅަކަށް ގޭގައި މަޑުކުރުމުގެ ޚިޔާލާމެދު ލައިތަށް ވިސްނާލެވުނެވެ. ދެން ވިސްނާލެވުނީ ކައިވެންޏާމެދުއެވެ. އެއްމަހަކީ ގިނަ ދުވަހެއްނޫނެވެ. އޭނާ ކުރަން ބޭނުންވާ ކަންކަން ވަރަށް ގިނައެވެ. ކެންޒާގެ ކޮންމެ ހުވަފެނެއްގައި ކުލަޖައްސައިދީ، ހަޤީޤަތަކަށް ހަދަން ލައިތު ގަސްދުކޮށްފައި ވެއެވެ. މިހާރު އުޅޭހާ ބުރަކޮށް ކައިވެންޏަށްފަހު އުޅޭން ލައިތު ބޭނުމެއްނޫނެވެ. ހުރިހާ އުންމީދެއް ގުޅިފައިވަނީ ކެންޒާއާއެވެ. އެހެންވެ އޭނާގެ މަޤާމު ޔާދިންއަށް ދިނުމާމެދު ވެސް ލައިތަށް ވިސްނުނެވެ. އެ މަޤާމަކީ އެއްވެސް އިރަކު ލައިތު ހޯދަން ބޭނުންވެގެން ލިބުނު މަޤާމެއްނޫނެވެ.

ކޮޓަރިތެރޭ ހުރި "ވޯކިން ވޯޑްރޮބް"ގެ ތެރޭ ހުރެ އޮފީސް ހެދުން ގަޔާ ވަކިކޮށްލައި ފާޚާނާއަށް ލައިތު ވަނެވެ. އޭނާ ފެންވަރާލައިގެން ނުކުތެވެ. ހާސްކަމާއި ފިކުރުތަކާ ދުރުވެލަން ވަގުތުކޮޅަކަށް ނިދާލަން ލައިތު ބޭނުންވިއެވެ. ފަސޭހައިން ނުނިދޭނެކަން އެނގޭތީ އެނދު އަރިމަތީ ހުރި ކުޑަމޭޒުގެ ވަތްގަނޑު އޭނާ ނެގީ ބޭސްދަޅެކެވެ. އެ ބޭސް ނުކާން ލައިތު ނިންމީ އޭގެ ބޭނުން އޭނާއަށް ކެނޑުނީމައެވެ. ފަރުވާއެއްކަމުގައިވީ ކެންޒާއެވެ. ނަމަވެސް މިހާރު އަލުން އެ ބޭހުގެ އެހީގައި އޭނާ ހަމަޖެހުން ހޯދަން ބޭނުންވެއްޖެއެވެ. ފެންޖަގުން ތަށްޓަށް ފެންފޮދެއް އަޅައި، ބޭސް ދަޅުން އަތަށް ވައްޓާލި ބޭސްގުޅަ ލައިތު ކާލައިފިއެވެ. ފެންފޮދު ބޯލައި ތަށީގައި މަތިޖެހުމަށްފަހު އެނދުގައި އޮށޯވެލީ ދެން ޔަގީނުން ވެސް ނުދޭނެކަން އެނގޭތީއެވެ.

* * * * *

އިރުއޮއްސި އަނދިރިވާން ފެށުމުން ބޮކިތައް ދިއްލަން ކެންޒާ އުޅުނެވެ. އެކަން ކޮށްފައި އޭނާ އައިސް ސޯފާގައި އިށީނީ ލައިތު ގުޅާ ވެސް ނުލާތީ އެ ޚިޔާލުގައި ހުރެއެވެ. އަދިވެސް ނިދާފައި އޮތިއްޔޭ ކެންޒާ ހީކުރީ، ހޭލާ ހުރިނަމަ އޭނާއަށް ލައިތު ގުޅާނޭކަން ޔަގީންވާތީއެވެ. އެކަނިއެކަނިމާ އެކަނި އެ ބޮޑުތަކުގައި ހުންނަންވީމަ ކެންޒާ ފޫހިވާން ފަށައިފިއެވެ. އަލުން އެނބުރި މަސައްކަތަށް ނުކުންނަން ކެންޒާ ހިތަށް އެރިއެވެ. އެކަމަކު ކަސްތޫރީ ރުހޭކަމަކަށް އެކަން ނުވެއެވެ. ލައިތުއާ ކައިވެނިކޮށް އެގޭ ކުއްޖަކަށް ވާން ކެންޒާ އުޅޭއިރު، އެގޭގައި މަސައްކަތްކުރާ ޚާދިމުންގެ ތެރޭގައި ކެންޒާ އުޅޭން ކަސްތޫރީ ނޭދެނީއެވެ.

އެއްތަނެއްގައި ނީނދެވިގެން ކެންޒާ ތެދުވެގެން އުޅުނެވެ. ދެކޮޅުން ނުކުމެވެން ހުރި ބެލްކަންޏަށް ނުކުމެލާފައި ވެސް ގިނައިރަކު މަޑެއްނުކުރެއެވެ. އަލުން ވަދެ ސޯފާގައި ނޫނީ ކާމޭޒު ދޮށުގައި އިށީނދެލައެވެ. ނޫނީ ގޭތެރޭ ދެކޮޅަށް ހިނގާލާނެއެވެ. ފޯނަށް އިރުއިރުކޮޅަކުން ބަލާލައެވެ. ލައިތުގެ ކޮޓަރި ކުރިމަތީ ކެންޒާ މަޑުކޮށްލިއެވެ. އެ ކޮޓަރިއަށް އެއްފަހަރު ވެސް ކެންޒާ ވަދެފައެއް ނުވެއެވެ. ލައިތު ވެސް އެ ކޮޓަރިއަށް ކެންޒާ ވައްދަން މަސައްކަތް ކޮށްފައެއް ވެސް ނުވެއެވެ. އެ ކޮޓަރިއާ މެދު ކެންޒާ ޝައުގުވެރިވި މީ ފުރަތަމަ ފަހަރެއްނޫނެވެ. ގެއިން ބައްދަލުވާއިރު ލައިތުގެ ކޮޓަރިއަށް ކެންޒާ ގެންދިޔައެވެ. އެކަމަކު ޕެންޓްހައުސްގައި ހުންނަ ލައިތުގެ ކޮޓަރިއަކީ ކެންޒާއަށް ބީރައްޓެހިތަނެކެވެ. ވަނުމުގެ ހުއްދަނެތް ފަދައެވެ. ނުނިދިގެން އުޅޭ ރެއަކު ވެސް ލައިތު ޚިޔާރުކޮށްފައިވަނީ ކެންޒާ ނިދާކޮޓަރިއެވެ. އެއްފަހަރު ވެސް ކެންޒާ ގާތު ލައިތުގެ ކޮޓަރިއަށް އައުމަށް ދަޢުވަތު ދީފައެއްނުވެއެވެ.

އިރުކޮޅަކު ހުރެފައި ތަޅުގައި ކެންޒާ ހިފާލިއެވެ. ތަޅުލާފައި ހުރުމުން އިތުރު ހައިރާންކަމެއް ކެންޒާއަށް ލިބުނެވެ. އެކޮޓަރިއަށް ކެންޒާއަށް ނުވަދެވޭންވީ ސަބަބެއް ކެންޒާއަކަށް ނުވިސްނެއެވެ. ލައިތު ކަމެއް ސިއްރުކޮށްފާނޭބާއޭ ކެންޒާގެ ހިތަށް އެރިއެވެ. ކުއްލިއަކަށް ހިރާގެ ޚިޔާލުތައް ކެންޒާއަށް އުނދަގޫކުރިއެވެ. އޭނާއަށްވުރެ ކުރީން އެ އެޕާޓްމެންޓުގައި ހިރާއާއެކު ލައިތު ވަނީ ވަގުތު ހޭދަކޮށްފައިކަން ކެންޒާ ހަނދާންވާން ފެށިއެވެ. ދެފަރާތަށް ބޯހޫރާލުމާއެކު ކެންޒާ އަވަސްފިޔަވަޅުގައި އެހިސާބުން ދުރަށް ހިނގައިގަތެވެ. ލައިތު ލަސްވެއްޖެކަން ވިސްނި ފޯނަށް ގުޅަން ފެށިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ.

"ކީއްކުރަން އެއްމަސްވަންދެން މަޑުކުރަންވީ؟ ކޮންކަމަކަށް ލައިތު އެ މަޑުކުރަނީ؟... މިހާރު މިވަގުތު މެރީ ކުރިޔަސް އަހަރެންނަށް އޯކޭ، ދެން ލައިތު ކީއްވެ އެހެން އެ ނިންމީ، ކުޑައިރުގެ ހުވަފެންތައް ބޮޑުވީމަ ބަދަލުވޭ... ކިހާމާނައެއްނެތް ކަންތައްތައްކަން އެއީ މިހާރު ވިސްނޭ... ނޮޓް އެވްރިތިންގް އިޒް ޕޮސިބަލް، އަވަހަށް މެރީކުރުން މާ މުހިންމު." ބެލްކަނީގެ ރެއިލިންގައި ހިފަހައްޓާލައިގެން ހުރެ ކެންޒާ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.

ފޯނަށް މެސެޖެއް އައިކަމުގެ އަޑު އިވުމުން ކެންޒާ އަވަހަށް ބަލާލިއެވެ. ފޯނަށް އައީ މެސެޖެއްނޫނެވެ. ފޮޓޯއެކެވެ. ހައިރާންކަމާ އެއްވަރަށް ކަންބޮޑުވުމުން ކެންޒާގެ ދެ ލޮލުން ފާޅުވިއެވެ. އަވަސްއަވަހަށް ލައިތަށް ގުޅިއެވެ. ނަމަވެސް ކެންޒާ ހަރުދަނޑިވީ ކަންފަތުގައި ޖެހުނު އަޑުންނެވެ.

* * * * * *

ގެއިން ނުކުންނަން އެކަކު ޤަބޫލުނުވިޔަސް ލައިތު ދެކޮޅު ހެދިއެވެ. ކާރަށް އެރުމާއެކު ސެހްރާނުގެ އަތުން ލައިތު ފޯނު އަތުލިއެވެ. ކާރު ދުއްވާލުމަށް ސެހްރާނު ގާތު ބުނަމުން ލައިތު ފާހަގަކުރީ އޭނާގެ ޚަބަރެއްނުވެގެން ކެންޒާ އިންނާނޭކަމެވެ. ފޯނު އަތުގައި ނެތްކަމެއް ކެންޒާއަށް ނޭނގޭނެކަމާއި ޔާދިންގެ ފޯނުން އޭރު ގުޅަން ބޭނުންނުވީކަމެވެ.

"މަންމަ ކައިރީ އަހަރެން ބުނަންތަ؟ ލައިތުގެ ކަމެއްގައި މަންމަ ސުވާލެއްނުކުރާނެ... ޕެންޓްހައުސްގައި ބެހެއްޓުމަށްވުރެ ކެން މިކޮޅަށް ގެންނަން އަހަރެންނަށް ފެންނަނީ، ކެންގެ ބެކްގްރައުންޑް ނޭނގިއެއްނޫން މަންމަމެން އޯކޭވީ، ކެންއަށް ވެސް އެނގެންވާނެ ބަޔަކު ލައިތާ ދިމާކުރާކަން، ގެއިން ބޭރުގައި އުޅުން ލައިތަށް ސޭފެއްނޫން، ހާޓްއެޓޭކަކީ މިފެމެލީގަ ކިހާ ޢާއްމުކަމެއްކަން އެނގޭނެ، އަންކަލްއަށް ހާޓްއެޓޭކެއް ޖެހެންތަ ލައިތު ބޭނުމީ، އެކަކަށްވުރެ ވެސް ބޮޑަށް ލައިތާމެދު އަންކަލް ކަންބޮޑުވާނޭކަން އެނގެއެއްނު، ބްރޯ، ސީރިއަސްކޮށް..."

"ފައިން... ކެންއާ އަހަރެން ވާހަކަދައްކާނަން، އަހަރެން ބުނެފިއްޔާ އެއްބަސްވާނޭކަން އެނގޭ، އެކަމަކު އެންމެންގެ ތެރޭ އުޅޭން އޭނާއަށް ފަސޭހަކަމަކަށްނުވާނެ." ލައިތު ބުންޏެވެ.

"އެކަމަކު މިހާރު ވެސް ކެން އަހަރެމެންގެ ތެރެއަށް ހޭނެން މަސައްކަތްކުރަންޖެހޭނެ، ކެންއާމެދު އެންމެން ވެސް ދެކެނީ ނުހަނު ގާތްކޮށް، އަހަރެމެންގެ ތެރޭ އުޅެން ކެން ލަދުގަންނާކަށް ނުޖެހޭނެ، ހަމަމިރޭ މަންމައާ ވާހަކަދައްކާނަން، މަންމަ އަންކަލްއާއި މާމަ އެއްބަސްކުރުވާނެކަން ޔަގީން، އަދި އެއްކަންތައް... މީ ހަމަ އަހަރެންގެ ޚިޔާލެއް އިނގޭ... ލައިތު ނުބުންޏަސް އެނގޭ ވަރަށް ފުރިހަމަ ޙަފުލާއެއް ބާއްވަންކަން ގަސްދުކޮށްގެން ތިއުޅެނީ، އެހެންވިޔަސް އަހަރެންނަށް ފެންނަނީ މިހާރު އިންނަން، އިނދެގެން ތިއްބަސް، ފަހުން ހަމަޖެހިގެން ޕާޓީއެއް ބޭއްވޭނެއެއްނު." ސެހްރާނުގެ ހިތުގައިވާ ހުރިހާކަމެއް ހާމަކޮށްލިއެވެ.

"ދެން އަހަރެން ކެންއަށް ގުޅިޔަސް އޯކޭތަ؟" ފޯނު އަތަށް ލައިގެން އިނދެ ލައިތު ބުނެލިއެވެ. ލައިތުގެ މޫނަށް ހަދާލި ގޮތުން ސެހްރާނު ހީނގަންނަމުން ބޯޖަހާލިއެވެ.

"ފޯނެއް ނުނަގާ... ސެހެރްގެ ނަންބަރު ނޭނގޭތީކަމަށް ވެދާނެ." ދެފަހަރު ގުޅާފައި ލައިތު ބުނެލިއެވެ. ދެން އޭނާ ސެހްރާނުގެ ފޯނުން ކެންޒާއަށް މެސެޖެއް ލިޔެ ފޮނުވާލިއެވެ. އެމީހުން އަންނަނީކަމުގައި ބުނެއެވެ.

ޕެންޓްހައުސްއަށް އެރިއިރު އެތަން އޮތީ ފަޅަށެވެ. ސޯފާއާ ދިމާއަށް ސެހްރާނު އައެވެ. ލައިތު ހިނގައިގަތީ ކެންޒާގެ ކޮޓަރިއަށެވެ. ދޮރުހުޅުވާލުމުން ބައްދަލުކުރީ އަނދިރިކަމެވެ. ބޮކިނިވާލައިގެން ކެންޒާ ނޫޅޭނެކަން އެނގިހުރެ ވެސް ލައިތު ކޮޓަރިއަށް ވަދެ ބޮކި ދިއްލިއެވެ. ފާޚާނާގެ ބޮކި ވެސް ނިވާލާފައި ހުރިކަން ސުވިޗުން ލައިތު ދެނެގަތެވެ.

"ކޮންތާކަށް އެދިޔައީ..." ލައިތަށް ބުނެވުނެވެ.

ކޮޓަރިން ނުކުމެގެން އައިސް ސެހްރާނުގެ އަތުން އަނެއްކާ ވެސް ލައިތު ފޯނު އަތުލިއެވެ. ކެންޒާއަށް ގުޅަން ފެށިއެވެ. ފޯނު ނިއްވާލުމަކީ ކެންޒާ ކުރާނޭކަމެއްނޫންކަން ލައިތަށް އެނގެއެވެ. ލައިތަށް ބަލަން އިން ސެހްރާނު ސޯފާއިން ތެދުވިއެވެ. ކެންޒާ ކޮބާތޯ ސެހްރާނު އަހާލިއެވެ. ފޯނު އަނބުރާ ސެހްރާނަށް ދިއްކޮށްލަމުން ގެއަށް ދާންވީ ކަމުގައި ލައިތު ބުނެލިއެވެ. އެހިނދު އަނެއްކާ ވެސް ކެންޒާ ކޮބާތޯ ސެހްރާނު އެއްސެވެ.

"ގެއަށް ދިޔައީ ކަންނާނގެ." ލައިތު ބުނެލިއެވެ. ނަމަވެސް އޭނާއަށް ޤަބޫލެއްނުކުރެވެއެވެ.

"ދޮންއަށް ގުޅަންތަ؟ ކެން ގެއަށް ދިޔައީވިއްޔާ ދޮން ކައިރީ އިންނާނީ." ސެހްރާނު ބުނެލިއެވެ.

"ނޫން، އަހަރެމެން ވެސް ގެއަކަށްނު ދާނީ." ލައިތު ބުންޏެވެ.

އިމާރާތުން ފައިބައިގެން އައިސް ދެ ޒުވާނުން ކާރަށް އެރީ އެނބުރި ގެއަށް ދާށެވެ. ކެންޒާ ގެއަށް ދިޔައީއޭ ލައިތު ބުންޏަސް އޭނާ މާނަކުރީ އެމީހުންގެ ގެއަށް ކެންޒާ ދިޔައީއެއްނޫނެވެ. ކެންޒާގެ އަމިއްލަ ގެއަށް ހިނގައްޖެއޭ ބުނުމުގެ ގޮތުންނެވެ. ލައިތު ކައިރީ ނުބުނެ ކެންޒާ އެއްވެސް ތަނަކަށް ނުދާނޭކަން ޚުދު އޭނާއަށް އެނގެއެވެ. ޚިޔާލުތަކަށް ގެއްލިފައި އިނދެފައި ސެހްރާނަށް ލައިތު ގޮވާލިއެވެ. ފޯނެއް ހޯދަންވެއްޖެކަމުގައި އޭނާ ބުނެލިއެވެ.

"ގަނެގެން ގެއަށްދާންވީނު..." ސެހްރާނު މިހެން ބުނުމުން ލައިތު ބޯޖަހާލީއެވެ.

ދެ ޒުވާނުންނަށް ގެއަށް އާދެވުމާއެކު ފުރަތަމަ ވެސް އައީ ލައިރާ އުޅޭ ބަޔަށެވެ. އިލިޔާނާ ނިންދަވަން ލައިރާ އުޅެއެވެ. ކެންޒާ ނެތްކަން އެނގުމުން ލައިތަށް ސެހްރާނު ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ކެންޒާގެ އަމިއްލަ ގެއަށް ދިޔައީއޭ ލައިތު ބުނެލީ ދެނެވެ. ކެންޒާ ގުޅާނޭ ބުނެ ލައިތު ހިނގައިގަތީ އެ އެޕާޓްމެންޓުން ނުކުންނާށެވެ.

ކޮޓަރިއަށް ވަންނަން އުޅެފައި ލައިތު ހުއްޓުނެވެ. ކެންޒާ ގެއަށް ދިޔައީކަން ޔަގީންނުވާއިރު، އެގޮތަށް ނިންމައިގެން ހުންނާކަށް ލައިތަށް ޤަބޫލެއްނުވެވުނެވެ. އަލުން ގޮސް ސެހްރާނު ގާތު ކެންޒާ ގެއަށް ދިޔަތޯ ބަލަން އެގޭ ދޮށަށްދާން އެދެފިނަމަ، ޢާއިލާގެ އެންމެން ސަމާލުކަމަށް ގެނުވާނޭކަން ގައިމެވެ. އަނެއްކޮޅުން ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހެނީއެވެ. އޭނާ ނެތިއްޖެނަމަ އެއީ ވެސް އެންމެން ކަންބޮޑުވާނޭކަމެކެވެ. ޚާއްޞަކޮށް އެކަނި އެއްވެސް ތަނަކަށް ނުދާން ބުނެފައި އޮއްވައެވެ. ކަނާއަތުން ކަނދުރާގައި ފިރުމާލުމާއެކު ލައިތު ބަލާލީ ޔާދިންގެ ކޮޓަރިއަށެވެ. އޭނާ އައިސް ޓަކި ޖަހާލުމާއެކު ގިނައިރުތަކެއްނުވެ ޔާދިން ދޮރުހުޅުވާލިއެވެ.

"ކާރުގެ ތަޅުދަނޑި ލިބިދާނެތަ؟" ލައިތު އަހާލިއެވެ.

"ސެހެރްކޮބާ؟" ޔާދިންގެ ނަޒަރު ހުރީ ލައިތާ އަމާޒުވެފައެވެ. ލައިތު އެކަނި ގެއިން ނުނިކުންނަން ބުނެފައި އޮތްކަން ޔާދިންއަށް ވެސް އެނގެއެވެ.

"އޭނަ ބިޒީ... ތަޅުދަނޑި ލިބިދާނެތަ؟" ލައިތު ދެވަނަ ފަހަރަށް އެއްސެވެ. އޭނާ ނަޒަރު ވަކިކޮށްލި ގޮތުން ޔާދިން ސުވާލު އުފެދުނެވެ. ލައިތަށް ކަމެއްވެފައި ހުރިހެން އޭނާއަށް ހީވީއެވެ.

"އަހަރެން ބޭރަށްދާން ޖެހޭ." ވަގުތުކޮޅަކަށް ހިމޭންވެފައި ހުރުމަށްފަހު ޔާދިން ބުނެލިއެވެ. ކާރުގެ ތަޅުދަނޑި ލައިތަށް ދިނުން ރަނގަޅު ކަމަކަށް ނުވެދާނޭ ޔާދިންގެ ޟަމީރު ބުނާތީއެވެ.

"ކައިގެންނު ދާނީ... އެހާއިރަށް ގެނެސްދޭނަން." ލައިތު ނިކަން އަވަހަށް ބުންޏެވެ. އެތެރެއަށް ޔާދިން ވަދެފައި ނުކުމެ ކާރުގެ ތަޅުދަނޑި ލައިތަށް ދިއްކޮށްލިއެވެ.

ހަލުވިކޮށް ލައިތު ހިނގައިގަތީ އެލެވޭޓާއަށް އެރުމަށެވެ. ޔާދިން ހައިރާންވިއެވެ. އޭނާ ކޮޓަރިއަށް ވަދެ އެނދުމަތީން ފޯނު ނެގިއެވެ. ސެހްރާނަށް ގުޅިއެވެ. އަޖައިބުވީ އޭނާ ލައިރާގެ ގާތުގައި އިންކަން އެނގުނީމައެވެ. ލައިތު ދިޔަތަނެއް އެނގެން ޔާދިން ބޭނުންވިއެވެ. އެލެވޭޓާއަށް އެރުމުގެ ބަދަލުގައި ޔާދިން ދުއްވައިގަތީ ސިޑިއާ ދިމާއަށެވެ. ގޭގައި ސިޑި ހުއްޓެއްކަމކު އެ ސިޑި ބޭނުންކުރި ހަނދާނެއް ޔާދިންނެތެވެ. ބޮޑުކޮޓަރީގައި ފަރުޒީނާއެކު އަސަދު އިނީ މުހިންމު ވާހަކައެއްގައިކަން އެނގުނީ އެމީހުން ޔާދިން ފެނުމުން ވަގުތުން ވާހަކަ ހުއްޓާލި ގޮތުންނެވެ. އެމީހުންގެ ކުރިމަތި ލައިތު ނުދާނޭކަން ޔާދިންއަށް ޔަގީންވެ އޭނާ އަވަސްވީ ބިއްދޮށް ފަރާތުން ނުކުންނާށެވެ. ދުވަމުން މަގުމައްޗަށް ނުކުވުނުއިރު ލައިތު ކާރު ދުއްވާލަނީއެވެ. ވަގުތުން ކާރުގެ ކުރިމައްޗަށް ޔާދިން އެރުމާއެކު ލައިތު ބުރެކި ޖައްސާލިއެވެ. ޔާދިން އައިސް ލައިތު އިން ފަރާތު ދޮރުފަތުގައި ހިފާލިއެވެ.

"ކިހިނެއްވީ؟" ލައިތު ދޮރުފަތް ހުޅުވަމުން އެއްސެވެ.

"ފައިބާ؟" ޔާދިން ބުންޏެވެ.

"ކީއްވެ؟" ލައިތަށް ޔާދިން ބޭނުންވާގޮތެއް ނޭނގެއެވެ.

"މީ އަހަރެން ދުއްވާ ކާރު، ތިދާން ބޭނުންވާތަނަކަށް ދެވިދާނެ... އެކަމަކު އަހަރެންގެ ކާރު ދުއްވާނީ އަހަރެން، އެހެންވީމަ ފައިބާ." ޔާދިން ބުނެލީ ހަރުކަށިކަމާއެކުއެވެ. ލައިތު ނުފައިބަން އިންހެން ހީވުމުން އަސަދާއި ގޭގެ އެހެން މެންބަރުންނަށް ގޮވަންވީތޯ ޔާދިން ބުނެލިއެވެ. އެގޮތް ލައިތު ބޭނުމެއްނޫނެވެ. އޭނާ ކާރުން ފޭބުމުން ޔާދިން އިޝާރާތްކުރީ އަނެއްފަރާތުން ކާރަށް އެރުމަށެވެ. އޭރުން ދާންވާ ތަނަކަށް އޭނާ ހިނގައިދާނެކަމެކެވެ. ކާރަށް ގެއްލުމެއް ލިބޭކަށް ޔާދިން އެއްގޮތަކަށް ވެސް އެއްބަހެއްނުވޭވޭނޭ ތަކުރާރުކޮށް އިއްވާލިއެވެ. ޔާދިންގެ ނިޔަތަކީ އެއީއެއްނޫނެވެ. ކާރަށް ކޮންމެފަދަ ބޮޑު ގެއްލުމެއް ލިބުނަސް އޭނާއަށް ފަރުވާލެއްނެތެވެ. އެކަމަކު ހަޤީޤީ ކަންބޮޑުވުން އޭނާއަށް ފާޅެއްނުކުރެވުނެވެ. ހަމައެއާއެކު ލައިތު ކަމެއް ސިއްރުކުރަނީއޭ ހީވެފައި އޮތުމުން، އެކަމެއް އެނގެން ޔާދިން ނުހަނު ބޭނުމެވެ.

ލައިތު ކާރަށް އެރީ ދެ ޚިޔާލުގައި ހުރެއެވެ. އަމިއްލަ ކަމެއްގައި ޔާދިން ބައިވެރިކުރުމުގެ ވިސްނުމެއް އޭނާ ދުވަހަކުވެސް ނުގެންގުޅެއެވެ. ހިތުގައި ޔާދިންއާމެދު ދެކޮޅުވެރިކަމެއް ވެސް އޭނާގެ ނެތެވެ. އެހެންވިޔަސް ބައެއް މީހުންނާ ގާތްކަން އުފެއްދުމަށްވުރެ ދެމެދުގައި ދުރުމިން ބަހައްޓަން ޖެހޭ މީހުންނެވެ.

ކެންޒާ އުޅޭ ގެއަށް ވަންނަން ލައިތު ދޮރޯށީގައި ހިފާލިއެވެ. ޔާދިން އިނީ ކާރުގައެވެ. ދޮރޯށި ހުޅުވާލައި އެތެރެއަށް ލައިތު ވަންއިރު ސިޓިންރޫމުގައި ހުންނަ ސޯފާގައި ކެންޒާގެ ބައްޕަ އިނެވެ. އޭނާގެ އެއްއަތަށް ފޯނެއް ލައިގެން އަނެއްއަތުން ސިނގިރޭޓެއް ބޮއެ ހުލިކުރަމުން ދިޔައެވެ. ލައިތު ސަލާމް ގޮވާލުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ.

"ތިއައީ ދޯ... ލައިތުތަ ތީ؟" ހަމީމު ވާހަކަދެއްކި ގޮތުން ހީވީ އޭނާ އެ އިނީ ލައިތުގެ އިންތިޒާރުގައި ހެންނެވެ.

"ކެންޒާ ކޮބާ؟" ދެބުމަ ކައިރިކޮށްލެވުމާއެކު ލައިތަށް އަހާލެވުނީ ބާރަށެވެ. ހަމީމު ބުނާ އެއްޗަކަށް މަޑުކުރުމެއްނެތި ލައިތު ގޭތެރެއަށް ވަނެވެ. ކެންޒާގެ ކޮޓަރި އެނގޭތީވެ އޭނާ ދޮރު ހުޅުވާލަން ތަޅުގައި ހިފާލިއެވެ. ދޮރުހުރީ ތަޅުލާފައެވެ.

"އޭނައެއްނެތް... އަން... މީ ކަލެއަށްވީ..." ސޯފާއިން ތެދުވިގޮތަށް ހަމީމު ދިއްކޮށްލީ އޭނާ ހިފައިގެން ހުރި ފޯނެވެ.

"އޭނަ ގުޅާނެ މިފޯނަށް." ފޯނުގައި ލައިތު ހިފުމުން ހަމީމު ބުންޏެވެ. އަނގަވާކޮށްގެން ހަމީމު ވާހަކަދައްކާއިރު އޭނާ ހުރީ ހަމަހޭގައި ނޫންކަން ލައިތަށް އެނގުނެވެ.

"ކެންޒާ ކޮބާ؟" ލައިތު ދެވަނަފަހަރަށް ކުރިއަށްވުރެ ވެސް ހަރުކަށް އެއްސެވެ.

"އެއީ މާބެކޮއްކަން... ކަލޭ... ނޭނގޭ... ޕާޓު ބުނަން، ކަލޭ ކޮށާލަފާނެ." ހަމީމު ކުރިއަށް ޖެހިލައި އުޅުނީ އޭނާއަށްވުރެ އިސްކޮޅުން ދިގު ލައިތުގެ ކޮނޑުގައި އަތް ޖައްސާލާށެވެ. ނަމަވެސް ހުސިޔާރުވެ ހުރި ލައިތު ޖެހިލީ ދުރަށެވެ. ހަމީމު ހީނގަތެވެ. ދޮރުބުޑުގައި އޭނާ އިށީނެވެ. ލައިތު ސުވާލުކުރުމުން ވެސް ހަމީމު ވާހަކަދެއްކުމުގެ ބަދަލުގައި ހެނީއެވެ.

"ސިމްޕަތީ ބްރޯ..." ހެމުންހެމުން ހަމީމު ބުންޏެވެ.

ލައިތު ނުކުމެ ދޮރޯށި ޖެހިގޮތް ކާރުގައި އިން ޔާދިންއަށް ފެނުނެވެ. ކަމެއް ގޯސްވެއްޖެހެން ޔާދިންއަށް ހީވިއެވެ. އަތުގައި އޮތް ފޯނަށް ލައިތު ބަލާލިއެވެ. އިސްކްރީނު ދިއްލުމުން އިނގިލި ހަކާލި ހިނދު ފޯނު ހުޅުވިއްޖެއެވެ. ފޯނުގައި އިނީ އެންމެ ނަންބަރެކެވެ. އޭނާ އެ ނަންބަރަށް ގުޅިއެވެ. ފޯނެއް ދިނުމާއި، ފޯނުގައި އެންމެ ނަންބަރެއް އިނުމަކީ އިއްތިފާގެއްނޫންކަން ލައިތަށް އެނގުނެވެ.

"ހެލޯ، ކެންޒާ ކޮބާ؟" ފޯނުކޯލު ނެގުމާއެކު ލައިތު ސުވާލުކުރިއެވެ. ކާރުގައި ނީނދެވިގެން ޔާދިން ފޭބިއެވެ. އޭނާއަށް ލައިތު ކުރި ސުވާލު އަޑުއިވުނެވެ. ފަރުވާތެރިކަމާއެކު ލައިތަށް ބަލަން ޔާދިން ހުރީއެވެ. އޭނާ ފޯނުން މީހަކާ ޒުވާބުކުރާ ފަދައިން ވާހަކަދެއްކުމަށްފަހު ފޯނު ކަނޑާލީ އެބަދަމޭ ބުނެފައެވެ. ޔާދިންގެ ދެބުމަކައިރިވެލާ ނިތަށް ރޫގިނަވިއެވެ.

"ކެންޒާއަށް ކިހިނެއްވީ؟" ނާހަން ހުރެފައި ވެސް ޔާދިން ސުވާލުކުރިއެވެ. ލައިތު އަނގައި ނުބުނެ އައިސް ކާރުގެ ޑްރައިވަރު ސީޓަށް އަރަން އުޅުމުން ޔާދިން ހުރަސްއެޅިއެވެ.

"ކާރެއްނުލިބޭނޭ އަހަރެން ބުނީމެންނު." ޔާދިން ބުނެލިއެވެ.

"އޯކޭ... އަހަރެން ޓެކްސީއެއް ނަގާފާނަން." ލައިތު މިހެން ބުނެ އެނބުރިލީ މަގުމަތިން ޓެކްސީއެއް ހޯދުމަށެވެ. ޔާދިން ހިތްހަމަނުޖެހުނެވެ. ދާންވީތަން ބުނާށޭ ޔާދިން ބުންޏެވެ. ޓެކްސީއެއް އެ މަގުން ހޯދުން ފަސޭހަނުވާނޭކަން ޚުދު ލައިތަށް އެނގެއެވެ. އޭނާ އެ ހުރީ ބޯގޮވާފައެވެ. ގޮތް ނިންމިޔަސް އެއީ ރަނގަޅުގޮތްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ލައިތަށް ޔާދިން ގޮވާލިއެވެ.

"އަހަރެން ބުނާ ހިސާބަށް ބާލުވާފަ ޔާދު ގެއަށް ދޭ." ލައިތު ބުންޏެވެ.

ލައިތު ބުނާގޮތް ހެދުމުގެ ގަސްދު ނެތަސް އޭނާއާއެކު ޔާދިން ކާރަށް އެރިއެވެ. ލައިތު ދާން ބުނީ ޔާދިންއަށް އެނގޭ ހިސާބެއްނޫނެވެ.

(ނުނިމޭ)