އަލީ އާޒިމް

ފިޗް ރޭޓްކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން: އާޒިމް

ފިޗް އިން ރޭޓް ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން ކަަމަށް ވިދާޅުވެ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް އެ ޕާޓީގެ ޕީޖީ މެންބަރު އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ރައްދު ދެއްވައިފި އެވެ.

ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ފިޗުގެ ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ވަނީ ބަދަލުކޮށްފައެވެ. ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ބުރާސްފަތި ދުވަހު ނެރުނު ރާއްޖޭގެ ރޭޓިންގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ދަށްކުރި މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ މަތިތަކުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ކޮވިޑް-19 ގެ ސަބަބުން މިހާލަތުގައި ރާއްޖޭގެ ދަރަނި މަތިވަމުން ދިއުން ހިމެނެ އެވެ.

"ސީސީސީ" ރޭޓިން ދެނީ އާއްމު ގޮތެއްގައި ދެނީ ދަރަނި މަތިވަމުން ދާތީ އެވެ.

ރާއްޖޭގެ ރޭޓިންއަށް ބަދަލު ގެނެސް ފިޗުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަކީ މަޖިލީހުން ފާސްކުރި ރިޕޯޓުގެ ނަތީޖާ ކަމަށެވެ.

"އެ ދުވަހުވެސް ތަކުރާރުކޮށް އަޅުގަނޑު ދެންނެވިން، ހެޔޮ ނުވާނެއޭ ތިޔަ ގަރާރު ތި ގޮތަށް ފާސްކުރަން،" މަޖިލީހުގެ ރިޕޯޓާ ދެކޮޅަށް އެކި ފަހަރު މަތިން ކަންބޮޑުވުންފާޅު ކުރައްވާފައިވާ ޝަރީފް އިތުރަށް ވިދާޅުވި އެވެ.

ޝަރީފް އެ އިޝާރާތް ކުރައްވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައިވާއިރު، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރަން ސަރުކާރަށް ހުށަހަޅާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓަށެވެ.

ޝަރީފްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ އާޒިމް ވިދާޅުވީ ފިޗް އިން ރޭޓް ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަަކަށް ނޫން ކަމަށެވެ. އެ ކަމަކީ އެ ގައުމެއްގެ ހިސާބު ބެލުމަށްފަހު ކުރާ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.