ވާހަކަ

ލޯބިން ބުނެލަން

(5 ނޮވެމްބަރ 2020 އާ ގުޅޭ)

"އޯކޭ... އަހަރެން ޓެކްސީއެއް ނަގާފާނަން." ލައިތު މިހެން ބުނެ އެނބުރިލީ މަގުމަތިން ޓެކްސީއެއް ހޯދުމަށެވެ. ޔާދިން ހިތްހަމަނުޖެހުނެވެ. ދާންވީތަން ބުނާށޭ ޔާދިން ބުންޏެވެ. ޓެކްސީއެއް އެ މަގުން ހޯދުން ފަސޭހަނުވާނޭކަން ޚުދު ލައިތަށް އެނގެއެވެ. އޭނާ އެ ހުރީ ބޯގޮވާފައެވެ. ގޮތް ނިންމިޔަސް އެއީ ރަނގަޅުގޮތްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ލައިތަށް ޔާދިން ގޮވާލިއެވެ.

"އަހަރެން ބުނާ ހިސާބަށް ބާލުވާފަ ޔާދު ގެއަށް ދޭ." ލައިތު ބުންޏެވެ.

ލައިތު ބުނާގޮތް ހެދުމުގެ ގަސްދު ނެތަސް އޭނާއާއެކު ޔާދިން ކާރަށް އެރިއެވެ. ލައިތު ދާން ބުނީ ޔާދިންއަށް އެނގޭ ހިސާބެއްނޫނެވެ.

ޔާދިން އިނީ ދާންވީތަނުގެ އިތުރު ތަފްސީލު ލައިތު ނުދެނީސް ކާރު އިސްޓާޓު ނުކުރާށެވެ. އަތުގައި އޮތް ފޯނަށް ލައިތު ބަލަން އިންއިރު އެ މޫނުން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ހާސްކަމެއްގެ އަސަރު ހުއްޓެވެ. ކެންޒާއަށް ކަމެއްވެއްޖެކަން ޔާދިންއަށް ވެސް އެނގެއެވެ. އެކަމަކު ކެންޒާއާ ކުރިމަތިވެފައިވަނީ ކިހާވަރެއްގެ ކަމެއްކަން ޔާދިންއަށް ވެސް އަންދާޒާކުރާކަށް ނޭނގެއެވެ. ބޮޑުކަމެއްނުވާނަމަ ލައިތު ފިކުރުބޮޑުވެ، އިންތިހާއަށް ހާސްވެފައި ނީންނާނޭކަން ޔަގީނެވެ. އެތައް ސުވާލެއް ކުރަން ބޭނުންވިޔަސް ޒަމާންތަކެއް ވަންދެން ދެމެދުގައި އޮތް ނުރުހުންތެރިކަމާއި ގޮތްދޫނުކުރުން ކުއްލިއަކަށް ނެތި، ހަމްދަރުދީވަނީއޭ ލައިތަށް ހީވާކަށް ޔާދިން ބޭނުމެއްނޫނެވެ. ހިމޭންވެފައި އިނުމަށްފަހު ލައިތު ވާހަކަދައްކަން ފެށިއެވެ. ދާންވީ ކޮންހިސާބަކަށްކަން ލައިތު ކިޔައިދޭން ފެށިއެވެ. ކުރިއަށްވުރެ ތަފްސީލުކޮށެވެ.

ނުތަނަވަސްކަން އިތުރުވަމުންދިޔަ ވަރަކަށް ލައިތަށް ވައަތުފައި ތަޅުވާލަތަޅުވާލާ އިނދެވުނެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލާ ކޮންމެފަހަރަކު ތުނިކޮށް ބަހައްޓާފައި ހުންނަ ތުނބުޅީގައި އަތްހާކާލައެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރު ބަލާލައެވެ. ލައިތުގެ ކޮންމެ ހަރަކާތެއް ޔާދިންގެ ލޮލުން ކަސިޔާރުވެ ނުދެއެވެ. އޭނާގެ އެ ހާސްކަން ޔާދިންގެ ސިކުނޑި ވެސް ހާސްކުރުވަނީއެވެ. ޔާދިންގެ ފޯނު ރިންގުވި އަޑާއެކު ދެ ޒުވާނުންނަށް އެކަކުއަނެކަކަށް ބަލާލެވުނެވެ.

"ޑޭޑް..." ޖިންސުގެ އަރިމަތީ ޖީބުން ފޯނު ނަގައި ބަލާލުމާއެކު ޔާދިން ބުންޏެވެ.

"އެންމެން ކާން އެރީ ކަންނޭނގެ." ސުފުރާ ދޮށުން ދެ ދަރީން އަސަދަށް ނުފެނިގެންކަން އެނގުޅީ ލައިތު ލަފާކުރިއެވެ.

ޔާދިން ފޯނުކޯލު ނަގައި ވާހަކަދެއްކިއެވެ. ލައިތު އިނީ ޔާދިންއާއެކުކަން ވެސް އޭނާ ބުނެލިއެވެ. ބައްޕަ ދައްކާ ވާހަކައެއް ލައިތަށް އަޑެއް ނީވެއެވެ. އެހެންނަމަވެސް ޔާދިން ދޭ ޖަވާބުން އެ ދައްކަނީ ކޮންވާހަކައެއްކަން ލައިތު ލަފާކުރިއެވެ. ފިހާރަކަށް ގޮސްފައި ގެއަށް ދާނަންކަމުގައި ޔާދިން ބުނިއިރު އޭނާގެ ނަޒަރު ހުރީ ލައިތާ އަމާޒުވެފައެވެ. ޔާދިން ހެދީ ދޮގަށްވިޔަސް ލައިތު ބޯޖަހާލީ އޭނާއަށް ޝުކުރުވެރިވާ ފަދައިންނެވެ.

* * * * *

ކާރުގެ ކުރީ ސީޓުގައި މިފްރާހުއާ ޖެހިގެން ކެންޒާ އިނެވެ. އެ ދެ ލޮލުން ރޮއިފަ ހުރިކަން ފާޅުވެއެވެ. ފަހަތު ސީޓުގައި އާޤިބު އިނެވެ. މިފްރާހަށްވުރެ ބޮޑަށް ކެންޒާ އިނީ އާޤިބުދެކެ ބިރުންނެވެ. ކެންޒާއަށް އާޤިބު ސިފަވަނީ ވެސް ރަޙުމެއްނެތް ނުލަފާ މީހެއްގެ ގޮތުގައެވެ. ކޮންމެކަމެއް ކުރަން ވިޔަސް އޭނާ ޖެހިލުމެއްނުވާނޭ ކެންޒާއަށް ހީވެއެވެ. އެކަމަކު އާޤިބު އޭނާއާ އެއްފަހަރު ވެސް ކުރިމައްޗެއް ނުލައެވެ.

"ލައިތު..." ހިތާހިތުން ކެންޒާއަށް ކިޔާލެވުނެވެ.

ކެންޒާ ޕެންޓްހައުސް އިން ނުކުތީ ލައިތުގެ ސަލާމަތަށެވެ. ނަމަވެސް އެއީ އޭނާއަށް ހެދުނު ގޯހެކެވެ. ފިކުރުބޮޑުވެފައިވަނިކޮށް ޖަޒުބާތުގައި ޖެހި ވިސްނުމެއްނެތި އެޅުނު ފިޔަވަޅެކެވެ. އިނދަޖެހިފައި އިން ލައިތުގެ ފޮޓޯ ކެންޒާއަށް ލިބުނު ހިނދު އޭނާގެ ހަމަވިސްނުން ގެއްލުނީއެވެ. އެއްވެސް ރޭވުންތެރިކަމަކާނުލައި ބައްޕަގެ ގެއަށް އޭނާއަށް އާދެވުނީ ދުވަމުން ކަހަލަ ގޮތަކަށެވެ. ނަމަވެސް ގޭގެ ދޮރޯށި ފެނުމުގެ ކުރިން ލޮލަށް ފެނުނީ އޭނާ ނަގައިގަނެގެން އެރުވި ވޭން އެވެ. މޭގަނޑުފިނިވެ، އަތްފައި ގަނޑުވީ ސުކުންތެއްގެ ތެރޭއެވެ. ފަހަތަށް ދުއްވައިގަންނާނޭ ފުރުޞަތެއް ނުލިބި، އޭނާގެ ދެ ފަރާތުން މުލައްދަނޑީގައި ދެ ފިރިހެނުން ހިފާލުމުން ގަތް ބިރާއެކު ގަދަ ދައްކާކަށް ވެސް ނުކެރުނެވެ. އެމީހުން އޭނާ ގޮވައިގެން އައިސް މަޑުކުރީ ހަދަމުން އަންނަ އިމާރާތެއްގެ އެންމެ ތިރީގައި ހުސްކޮށް އޮތް ބައިގައެވެ. ސަތަރިގަނޑަކުން ނިވާކޮށްފައި ހުރި އެއްޗެހިތަކަކަކާއި އިމާރާތްކުރުމުގައި ބޭނުންކުރާ ދަގަޑު ހޮޅިތަކެއް އެއްފަރާތު ފާރުކައިރީގައި ހުއްޓެވެ. ވޭނުން ބޭލި ގޮތަށް އެމީހުން ކެންޒާ ގެނެސް އެރުވީ އެތަނުގައި މަޑުކޮށްގެން އޮތް ކާރުގެ ކުރިއަށެވެ. ކާރުދުއްވަން އިނީ މިފްރާހުކަން ކެންޒާއަށް ފެނުނީ ދެނެވެ. މިފްރާހު ހިނިތުންވެލި ހިނދު އެ މޫނުގައި ކެންޒާ ޖެހިއެވެ. ދެވަނަ ފަހަރަށް ޖަހާފައި ތިންވަނަ ފަހަރަށް ޖަހަންވީއިރަށް މީހަކު އޭނާގެ އަތުގައި ހިފީ ނުހަނު ބާރަށެވެ. ކާރުގެ ފަހަތު ސީޓުގައި މީހަކު އިންކަން ވެސް ކެންޒާއަށް އެނގުނީ ދެނެވެ. އާޤިބު ފެނުމުން ކެންޒާގެ ރުޅިވެރި މޫނު ބަދަލުވީ ވަގުތުންނެވެ. އާޤިބަށް މިފްރާހު ގޮވާލައި ބަލާލި ގޮތުން އޭނާ ކެންޒާގެ އަތުން ދޫކޮށްލިއެވެ. މިފްރާހުގެ މޫނުގައި ކެންޒާ ޖެހި ހިސާބު ހުރީ ރަތްވެފައެވެ. ކެންޒާއަށް ބަލާލަމުން މިފްރާހު ވާހަކަދެއްކީ ދެނެވެ. ހިނދުކޮޅަކަށް ފެނުނު ހިނިތުންވުން މިފްރާހުގެ މޫނުން ގެއްލި، ފެންނަން ހުރީ ހަރުކަށިކަމެވެ.

ލައިތުގެ ފޯނު ދައްކާލުމާއެކު އޭގައި ހުރި ކެންޒާގެ ފޮޓޯތަކުގެ ވާހަކަ މިފްރާހު ދެއްކިއެވެ. ކެންޒާއަށް ނުވެސް އެނގި ލައިތު ނަގާފައި ހުރި ފޮޓޯ އެ ފޯނުގައި ހުއްޓެވެ. ކެންޒާއަށް ދައްކަމުން އެއިން ކޮންމެ ފޮޓޯއެއް މިފްރާހު ޑިލީޓްކުރިއެވެ. އޭނާ އެ ފޮޓޯތައް އަމިއްލަ ފޯނަށް ފޮނުވާފައިވާކަން ކެންޒާ ނުދެނަހުއްޓެވެ. ދަތްކުނޑިވިކާލި ނަމަވެސް ކެންޒާގެ ނަޒަރު ދަތުރުކޮށްލީ ދެއަތްއުރާލައިގެން ފަހަތުގައި އިން އާޤިބަށެވެ. ކެންޒާއަށް ދިން ފުރުޞަތު އަތުލަން މިފްރާހު ގަސްދުކުރިކަން ހާމަކުރިއެވެ. ލޯބިވެރިޔާގެ ފުރާނަ އޮތީ ކެންޒާގެ އަތްމަތީގަކަން މިފްރާހު ބުނެލިއެވެ. އެހިނދު ކެންޒާއަށް ބަލާލެވުނީ ކުރިމަތީގައި ކަހަލަ ގޮތަކަށް އޮތް ވޭން އަށެވެ. އޭގެ ތެރޭ ފަނަވަރަކަށް މީހުން ތިބިކަން ކެންޒާ ލަފާކުރިއެވެ. މިފްރާހުގެ ގާތު ކެންޒާއަށް އާދޭސްކޮށްލެވުނެވެ. މިހުރިހާކަމަކުން މިފްރާހަށް ވާނޭ ފައިދާއެއް އަދި ލިބޭނޭ ހިތްހަމަޖެހުމެއް ނޯންނާނޭކަން ވިސްނައިދޭން ކެންޒާ މަސައްކަތްކުރިއެވެ. ނަމަވެސް މިފްރާހުގެ މަޤްޞަދު ހާސިލުވަންދެން އޭނާ ގަސްދުކުރީ ކެންޒާއަށް ބީރުކަންފަތެއް ދޭށެވެ. ކެންޒާގެ އާދޭހަކުން އޭނާއަށް ކެންޒާ މިލްކެއް ނުކުރެވޭނެއެވެ. އެހެންވެއެވެ. ލައިތަކީ ފަސޭހައިން ކެންޒާ ދޫކޮށްލާނޭ ފަދަ ޒުވާނެއްނޫންކަން ކެންޒާގެ ވާހަކަތަކުން މިފްރާހަށް ވިސްނެއެވެ. ކުޑަވެސް ދުލެއް ދޭން އޭނާ ބޭނުންނުވަނީ އެހެންވެއެވެ. ފޯނުކޯލެއް އައުމާއެކު މިފްރާހު ބަލާލީ ފަހަތުގައި އިން އާޤިބަށެވެ. ދެން އޭނާ ކާރުން ފޭބީއެވެ. އާޤިބު ކުރިއަށް ޖެހިލި ގޮތުން ދޮރުފަތުގައި ހިފާލަން އުޅެފައި ވެސް ކެންޒާ އަތްތިރިކޮށްލިއެވެ. މިފްރާހު ފޯނުކޯލު ނިންމާލުމާއެކު ވޭންއާ ދިމާއަށް ދިޔަތަން ކެންޒާ ދުށްޓެވެ. ވޭންގައި ތިބި މީހުންނާ އޭނާ ދެއްކީ ކޮންވާހަކައެއްކަމެއް އެނގޭނެ އެއްވެސް ގޮތެއް ކެންޒާއަށް ނެތެވެ. ވޭންއިން ފޭބި މީހުން އެއަށް އަރައި ވޭން ފަހަތަށް ޖަހާލައި އެތަނުން ދިޔައީއެވެ. ފޯނަށް ބަލާލައި މިފްރާހު އެނބުރި ކާރާ ދިމާއަށް އަންނަން ފެށިއެވެ.

އާޤިބުގެ ގާތުގައި ކެންޒާ އާދޭސްކޮށްލިއެވެ. އޭނާ ސަލާމަތްކޮށްދޭން ބުނެލިއެވެ. އާޤިބުއެކޭ އަސަރަކާއި ހަރަކާތެއް ނެތިފައި އިން ބުދެކޭ ތަފާތެއްނެތެވެ. އާދޭސްކުރުން ހުއްޓާލާފައި ކެންޒާ ސުވާލުކުރިއެވެ. ލައިތު އަންނާނޭ މިފްރާހު ބުނީ ކީއްވެތޯ ކެންޒާ ސުވާލުކުރިއެވެ. ލައިތު އަތުވެއްޖެނަމަ މިފްރާހު ގަސްދުކުރަނީ ކީއްކުރަންތޯ ވެސް ކެންޒާ އެއްސެވެ.

"ސަލާމަތްވާން ބޭނުންނަމަ މިފޫ އެދޭގޮތަށް ކަންތައްކުރޭ، އޭނާއާއި ކަލޭއަށް ވެސް ރައްކާތެރި ގޮތަކީ އެއީ." ކެންޒާއަށް ޖަވާބެއް ނުލިބޭނެކަން އެނގި ހިމޭންވި ހިނދު އާޤިބު ބުނެލިއެވެ. އެ ނޫން އެއްވެސް ވާހަކައެއް އޭނާ ނުދެއްކިއެވެ. ހިތާހިތުން ލައިތުއަށް ކެންޒާއާ ހަމައަށް ނާދެވޭނެ ގޮތެއްވުމަށް ކެންޒާއަށް އެދެވުނެވެ.

މިފްރާހަށް ކާރު ފެނުމާއެކު ސުވާލު އުފެދުނެވެ. އެ ކާރަކީ މިފްރާހަށް ކެންޒާގެ ލޯބިވެރިޔަކީ ކޮބާކަން ޔަގީންކުރަން ނޭނގުނު ސަބަބެވެ. ކާރުން ފައިބާނީ ޔާދިންކަމެއް ލައިތުކަމެއް ނޭނގިފައި ހުއްޓައި ދޮރުފަތް ހުޅާލައި ނުކުތްތަން ފެނުނީ ލައިތެވެ. ކާރު ދުއްވަން މީހަކުއިންކަން މިފްރާހަށް ވިސްނުނެވެ.

"އަހަރެން ނުބުނަންތަ އެކަނި އަންނާށޭ؟" މިފްރާހު ބުންޏެވެ. ކާރު ކައިރީ ލައިތު މަޑުކޮށްލައިގެން ހުރީ މިފްރާހަށް ނަޒަރު ހުއްޓާލައިގެންނެވެ. ފުރަތަމަ ފަހަރަށް ލައިތަށް މިފްރާހު ފެނިފައިވަނީ ކެންޒާ ގެއިން ނުކުތްދުވަހު އެކަންޏެވެ. އޭނާއަކީ ކާކުތޯ އެހުމުން ކެންޒާ ކިޔާ ވެސް ދިނެވެ. ވީއިރު މިފްރާހުގެ މަޤްޞަދަކީ ކޮބާކަން ދެނެގަންނަން ލައިތަށް އުނދަގޫވިއެވެ.

"ކެންޒާ ކޮބާ؟" ލައިތު ސުވާލުކުރިއެވެ.

"އެއީ އަހަރެންގެ ލޯބިވެރިޔާ." މިފްރާހު ބުނެލިއެވެ. ލައިތު ހައިރާންވިކަން އެ މޫނުން ފާޅުވެލިއެވެ.

"ހަމައިގަތަ ތިހުރީ؟ އޭނާގެ ބައްޕައަކީ ހަމައިގަ ހުންނަ މީހެއްނޫން، އެމީހާއާއެކު އުޅޭނީ ވެސް އޭނާކަހަލަ މީހުންކަން އެނގޭ... އަހަރެންގެ އަންހެނުން ކޮބާ؟" ލައިތު ކުރިއަށް ފިޔަވަޅު އަޅާލިއެވެ.

"އަންހެނުންނޭ!..." މިފްރާހު މިހެންބުނެ ހީނގަތެވެ. އެވަގުތު ކާރުގެ ތެރޭގައި ލައިތުގެ ނަމުން ކެންޒާ ހަޅޭލަވައިގަތް އަޑު ގުގުމާލި ނަމަވެސް ބޭރަށް އިވުނީ މަޑުންނެވެ. ހުސިޔާރުވެ ހުރި ލައިތުގެ ކަންފަތް ކެންޒާގެ އަޑު ކިތަންމެ މަޑުން އިވުނަސް ވަގުތުން ނަގައިގެންފިޔައެވެ. އޭނާ ކުރިއަށް އަޅާލި ފިޔަވަޅާއެކު މިފްރާހު ޖީބުން ނެގި ފޯނާއެކު ލައިތާ ދިމާއަށް ދިއްކޮށްލިއެވެ. ކުރިއަށް އަންނަން ލައިތަށް ހުރަސް އެޅީއެވެ. އެހިނދު ލައިތު އައި ކާރުގެ ދޮރުފަތް ހުޅުވާލައި ޔާދިން ފޭބިއެވެ.

"އައި ނޯ ޔޫ..." ޔާދިން ބުނެލިއެވެ. ސުވާލުން ފުރިގެންވީ ބެލުމަކާއެކު ލައިތު ފަސްއެނބުރި ޔާދިންއަށް ބަލާލިއެވެ. މިފްރާހު ޖަހާލީ ހިނިގަނޑެކެވެ.

"ކެންއާ ހެދި އެހެންވީ... އޭނާ ފުރަތަމަ މަށަށް އޮޅުވާލީ..." ޔާދިންއަށް ބަލަން ހުރެ މިފްރާހު ބުނެލިއެވެ.

"އޭނާ އެނގޭތަ؟ ކިހިނެއް؟" ޔާދިންއާ ވަގުތުން ލައިތު ސުވާލުކުރިއެވެ.

"އަހަރެންނަށްވުރެ ބޮޑަށް ލައިތަކަންނު އެނގޭނީ." ޔާދިން ބުނެލިއެވެ.

"ނޫން! ނޭނގޭ ކާކުކަމެއް... ކެންގެ ބައްޕަގެ ރައްޓެއްސަން އެކަނި އެނގެނީ، ޔާދުއަށް އެނގެނީ ކިހިނެއް؟"

"އޭނާއާ ކެންޒާއާ ގުޅުމެއް އޮތްހެން ހީނުވޭތަ؟" ޔާދިން ބުނެލިއެވެ. އެވާހަކައާ ލައިތު ގަޔާނުވިއެވެ.

"އަހަރެން ޤަބޫލެއްނުކުރާނަން، ޔާދު ކީއްކުރަން ކާރުން ތިފޭބީ... އަހަރެންނަށް އޭނާއާ ކުރިމަތިލެވޭނެ، ޔާދު ދޭ ގެއަށް." ލައިތު ބުނެލިއެވެ.

"ކެންޒާ ހަޤީޤަތް ނުކިޔާދޭ ދޯ." މިފްރާހު ބުންޏެވެ. ދަތްކުނޑިވިކާލުމާއެކު ލައިތު ދެބުމަގޮށްޖަހާލިއެވެ.

"އެ ކާރުގަކަން ކެން އިނީ އެނގޭ." ލައިތު މިހެންބުނެ ކާރާ ދިމާއަށް އައެވެ. ދިޔަނުދޭންވެގެން މިފްރާހު ދެއަތުން އަޅައި ލައިތު ފަހަތަށް ކޮށްޕާލިއެވެ. ނުހުރުމާއެކު ދިން އިންޒާރެއް ފަދައިން ކުރިއަށް ނާންނަން މިފްރާހު ބުނެލިއެވެ. މިފްރާހު ދެން ކާރާ ދިމާއަށް އަތްދިއްކޮށްލައި އިޝާރާތެއް ކޮށްލިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ލައިތާއި ޔާދިންއަށް ހުއްޓިފައި ވިއެވެ.

ދުރުގައި ހުންނަން ލައިތު ގަސްދެއް ނުކުރިއެވެ. އޭނާއާއި މިފްރާހު ހިފައިގަތްތަނާ އެތަނަށް ވަނީ ވޭނެކެވެ. ވޭން މަޑުނުކުރެވެނީސް އޭގެ ތެރެއިން މީހުންގަނޑު ނުކުމެއްޖެއެވެ. އަތަށް ހެޔޮވަރު ކޮށްލި ލަޓިބުރިއަކުން ލައިތުގެ ބުރަކަށީގައި ޖަހަން އުޅުނުތަން ފެނި ޔާދިން ހަޅޭލަވައިގަތެވެ. މިފްރާހު އައިސް ކާރުން ކެންޒާ ބޭލުވިއެވެ.

ޔާދިންއަށް ލައިތާ ދިމާއަށް ދުއްވައިގަނެވުނީއެވެ. ނަމަވެސް ލައިތުގެ ބުރަކަށް އެރި ހަމަލާ ދިފާއެއް ނުކުރެވުނެވެ. ނަގައިގަތް ދިލަ ވޭނުން ލައިތަށް ތެޅިގަނެވުނެވެ. ވައަތްފަރާތުން ލައިތާ ދިމާކުރަން އައީ މޮހޮރު ޖަހާފައި ހުރިއިރު މޮހޮރުތައް ބޭރަށް ދިއްވައިހުރި ހުރި ލަޓިގަނޑެއް ހިފައިގެން އައި މީހެކެވެ. ކެންޒާއަށް ހަޅޭލަވައިގަނެވުނުއިރު ބާރަށް ރޮވިއްޖެއެވެ. ލައިތުގެ ޖަހާލާއިރު އެއިން ކޮންމެ ފަހަރަކު ކެންޒާ ހަޅޭލަވަމުން ތެޅިގަނެވެ. އެހެންނުހަދާށޭ ގޮވައެވެ. އޭނާގެ ގައިގާ މީހުން ތަޅާފަދައެވެ. ދެއަތް ފުރަގަހަށް ގެންގޮސް ކެންޒާގެ ދެއަތް އައްސާލުމާއެކު އޭނާގެ އަނގަޔަށް ކޮށްޕާލީ މިފްރާހުގެ ޖީބުން ނެގި ސްކާފެކެވެ. އެހެންވިޔަސް ކެންޒާގެ އަޑު ކަނޑައިގެން ނުދިޔައެވެ. އޭނާ ލައިތުއާއި ޔާދިންގެ ގާތަށް ދާން ތެޅިފޮޅެނީއެވެ.

ޔާދިންގެ ނިތްކުރިމަތިން ފަޅައިގެން ދިޔައިރު، އެކަކުއަނެކަކު ސަލާމަތްކުރެވޭތޯ ދެ ޒުވާނުން ވެސް މަސައްކަތްކުރަމުންދިޔައެވެ. ލައިތުގެ ލޮލަށް ޔާދިންއާ އަމާޒުވެފައި ހުރި ކަތިވަޅި ފެނުނެވެ. ދެކަކޫ މައްޗަށް ވެއްޓުމުން ވެސް އޭނާ ތެދުވި ގޮތަށް ގައިގާ ހުރި ބާރެއްލައި ޔާދިން ކޮށްޕާލިއެވެ. ކާރަށް އާރާށޭ ލައިތު ގޮވަމުން ދިޔައިރު އެ ހަށިގަނޑުން ބޮކިޖަހައި ލޭ ނުކުންނަނީއެވެ. މިފްރާހު ކުއްލިއަކަށް ހަޅޭލަވައިގަތީ އެވަގުތެވެ. ނަމަވެސް އެތަނުގައި އޭނާގެ އަޑު އިވޭ މީހަކުނެތް ކަހަލައެވެ. މިފްރާހުގެ މޫނުން ކަންބޮޑުވުން ފާޅުވިއެވެ. ލައިތަށް އަނިޔާކުރެވޭ ވަރަކަށް އެމީހުންގެ ފޯރި ގަދަވާކަހަލައެވެ. ހުތުރު ބަހުން ނޫނީ އެ މީހުންގެ ދޫތައް ހަރަކާތެއްނުކުރެއެވެ. އަމިއްލަ ފުރާނަ ސަލާމަތްކޮށްގެން ނޫނީ ލައިތު ސަލާމަތެއްނުވާނޭކަން އެނގި ހިތާއި ނަފްސާ ދެކޮޅަށް ޔާދިން ކާރަށް އެރިއެވެ. ދޮރުފަތް ނުލެއްޕެނީ އޭނާގެ ފަޔަށް މީހަކު ހަމަލާދިނެވެ. އަނެއްފައި ކުރުކޮށް އެމީހާގެ މޫނުގައި ޖެހުމާއެކު ދޮރުފަތް ލައްޕާލިއެވެ. ފޯނުނަގައި ފުލުހުންނަށް އޭނާ ގުޅިއެވެ.

އާޤިބު އައިނައި ގޮތެއް ނޭނގި ލައިތުގެ ވައިނޮޅިއާ އަމާޒުވެފައި ހުރި ޑައިވިންގް ވަޅި އެ ޒުވާނާގެ އަތުން ނައްޓުވާލިއެވެ. އެންމެންނަށް އޭނާ ފެނި މައިތިރިވީ ނުހަނު އަވަހަށެވެ. ނިމިއްޖެކަމާއި ދާންވީކަމުގައި އާޤިބު އަމުރުކުރިއެވެ. މިފްރާހަށް ލިބިފައި ހުރި ސިހުމުގައި އޭނާގެ އަތުން ކެންޒާ ދޫވިއެވެ. ލައިތުގެ ގާތަށް ކެންޒާ ވެއްޓިގަތެވެ. ލައިތު މަރާލާނީއޭ ބުންޏަސް އޭނާގެ ފުރާނަ ދުއްވާލުމުގެ ގަސްދެއް ހަޤީޤަތުގައި މިފްރާހުގެ ނެތެވެ. އޭނާ ބޭނުންވީ ލައިތަށް ބިރުދައްކާށެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ. ފަހުނޭވާ ދޫކޮށްލަން ތައްޔާރުވެފައި ލައިތު އޮތް ކަހަލައެވެ. ކެންޒާ ރޯއަޑު ފުރިފައިވި އަނގައިގެ ތެރެއިން އިވިއިވި ހުއްޓެވެ.

ޔާދިންގެ ދެއަތް ލެއިން ތެމި ކާރުގެ ސީޓުގައި ވެސް ލޭ އުނގުޅިއްޖެއެވެ. އޭނާގެ ދެއަތާއި މުޅި މީހާގެ ގައިގަ މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. ފުލުހުންނަށް ގުޅާފައި ދެން ގުޅީ ބައްޕައަށެވެ. ޔާދިންއަށް ވާހަކަދައްކަން ފަސޭހައެއްނުވިއެވެ. ކާރުގެ ކުރިމަތީ ބިއްލޫރިގަނޑު އޮތީ ތަޅައިގެން ގޮސްގެން ވެއްޓިފައެވެ. އެންމެ ހިނދުކޮޅަކަށް ވެސް ޔާދިންގެ ނަޒަރު ލައިތާ ވަކިނުވެއެވެ. ކެންޒާއާއި ލައިތު ގެނެސް ކާރަށް އަރުވަން އޭނާ އޭރު ވެސް އިނީ ބޭނުންވެފައެވެ.

މިފްރާހުގެ ކޮނޑުގައި ހިފާލުމާއެކު އާޤިބު ގޮވާލީ ނުހަނު ބާރަށެވެ. އޭރު އެތަނުން ވޭން ނައްޓާލައިފިއެވެ. ކެންޒާގެ އަތުގައި ހިފައި ކޮޅަށް ނެގުވީ އާޤިބެވެ. ކެންޒާ ތެޅިފޮޅިގަނެ ބޮލުންނާއި އެކޮގޮތްގޮތުން އާޤިބު ފޮޅުވާލައި މިނިވަންވާން މަސައްކަތްކުރިއެވެ. ނަމަވެސް ހިލަ ދެއަތުން ކެންޒާ ދަމާފައި ގެނެސް ކާރުގެ ފަހަތަށް އަރުވައިފިއެވެ. މިފްރާހު ކައިރީ ފަހަތަށް އަރާށޭ ބުނެ ޑްރައިވަރު ސީޓަށް އެރީ އާޤީބެވެ.

"ކެންޒާ..." ކާރުން ފޭބި ޔާދިން ބާރަށް ގޮވާލިއެވެ. އޭނާއަށް ކުރެވޭނެ ކަމެއްނެތެވެ. ކޮރުޖަހަމުން އައިސް ލައިތުގެ ގާތުގައި ޔާދިން އިށީނެވެ. އޭނާ ލައިތުގެ ހަށިގަނޑު ބަލަން ފެށިއެވެ. މޭކަށިގަނޑުގެ ތިރިން ބައެއް ބިންދައިގެން ގޮސްފައިވާކަން ޔާދިންއަށް ޔަގީންވެއެވެ. ވޭނީ އާޙުގެ ލައިތުގެ ގައިގާ ޔާދިން އަތްލާއިރަށް ގޮއްވާލައެވެ. އެ އަޑު ވެސް މަޑުވެ ކެނޑުނީއެވެ. ލައިގެން ހުރި ގަމީސް ބާލައި ލައިތުގެ އަރިކަށީގައި ޖައްސާ އޮބާލަމުން ލޭމަނާ ކުރެވޭތޯ ޔާދިން އުޅުނެވެ.

"ސްޓޭ ވިތް މީ... ޕްލީޒް... ކަމޯން ބްރޯ..." އާދޭހާއެކު ޔާދިންގެ ދުލުން ތަކުރާރުކޮށް ލައިތަށް ގޮވިއެވެ. ނަމަވެސް ދެ ލޯ މަރާލި ގޮތަށް ލައިތު ހަރަކާތެއްނުކުރިއެވެ.

(ނުނިމޭ)