ބުރާސްފަތި ދުވަހު ބާއްވާ އެފްއޭއެމް އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓް މުހައްމަދު ޝަވީދުގެ ނައިބުންނަކީ ކުރީގެ ގައުމީ ފޯވަޑް އަލީ އުމަރާއި މެނޭޖަރު މުހައްމަދު ހާނިމްކަން އެފްއޭއެމުން އިއުލާނުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ އިދާރާގެ އާ އަސާސީ ގަވާއިދުގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލައްވަން ޖެހޭނީ ޓީމެއްގެ ގޮތުގަ އެވެ.
ވެލެންސިއާ އާއި ނިއު އަދި ވީބީގެ ކުރީގެ ފޯވަޑް އަލީ އުމަރަކީ ފީފާއިން އައްޔަންކޮށްފައިވާ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެކެވެ. ސާފް ޗެމްޕިއަންޝިޕް 2008ގައި ކާމިޔާބުކުރި ގައުމީ ޓީމުގެ މެނޭޖަރުކަން ކުރި ހާނިމް އަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބެވެ. އޭނާ ވަނީ ކުރިން އެފްއޭއެމުގައި ދެ ފަހަރެއްގެ މަތީން މަސައްކަތް ކުރައްވައިފަ އެވެ.
އެކްސްކޯ މެމްބަރުގެ ގޮތުގައި ޝަވީދުގެ ޓީމުގައި ހިމަނާފައިވާ އެއް ބޭފުޅަކީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަދި ގައުމީ ފުޓްބޯޅަ ޓީމާއި ބާސްކެޓް ޓީމަށް ވެސް ކުރިން ކުޅުނު ކުރީގެ ބައިބަލާ ރަސްގެފާނު މުހައްމަދު ޝިނާން (ނާނި) އެވެ.
ދެން ތިއްބެވީ ޔޫތު މިނިސްޓްރީގެ ވަޒީފާގައި އެފްއޭއެމުގައި މަސައްކަތް ކުރައްވާ ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރު އަދި އެފްއޭއެމުގެ މެޑިކަލް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޝަކީބާއި ބޭންކް އޮފް މޯލްޑިވްސް މާކެޓިން ޑިރެކްޓަރު އައިޝަތު ޒަމްރާ ޒާހިރާއި ހަސަން ހަމީދާއި ހަސަން މުހައްމަދު (އޭއެޗް ހަސަން) އާއި އެފްއޭއެމްގެ ވިމެންސް ކޮމިޓީގެ މެމްބަރު އަދި ގައުމީ އަންހެން ޓީމުގެ އެސިސްޓެންޓް ކޯޗު މަރިޔަމް މުހައްމަދު (މާޔަން) އެވެ.
އެފްއޭއެމް އިންތިހާބުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.