ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަމްސީލު ކުރައްވަނީ މުޅި ރާއްޖެ ކަމަށާއި، ވަކި ދާއިރާއަކަށް ހާއްސަކޮށްގެން ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީގައި މަނާކަމެއްކަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެންބަރުންނަށް ހަނދާކޮށް ދެއްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދިވެހި ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައި ދެއްވައިފަ އެވެ.
ބަޖެޓު ހުށަހެޅުމާއެކު ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ބަޖެޓުގައި ހުރި ކަންކަން ވަރަށް ރަނގަޅަށް ބެއްލެވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައި އެވެ.
ނަމަވެސް، ބަޖެޓާ ގުޅޭގޮތުން ތަޅުމުގައި ވާހަކަ ދައްކަވާއިރު، ވަކި ވަކި މެންބަރުން ތަމްސީލު ކުރާ ދާއިރާތަކަށް ހާއްސަކޮށްގެން ވާހަކަ ނުދެއްކުމަށް ނަޝީދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"ހަނދާނުގައި ބެހެއްޓުމުން މުހިއްމު. ގާނޫނު އަސާސީގައި މަނާކަމެއް އެއީ ވަކި ދާއިރާގެ ވާހަކައެއް، ވަކި ދާއިރާއަކަށް ހާއްސަކޮށްގެން މެންބަރުން ދެއްކެވުން. މެންބަރުންނަކީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން،" މަޖިލީހުގެ މެންބަރުން އިންތިހާބުވަނީ ވަކި ވަކި ދާއިރާތަކުން ނަމަވެސް، މެންބަރުން ވަކާލާތުކުރަންޖެހެނީ މުޅި ރާއްޖެއަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާ ކުރަންޖެހިފައިވާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއެކު ވަކި ވަކި ރަށްރަށުގައި މަޝްރޫއުތައް ހިންގަން ބާރު ނޭޅުމަށް މެންބަރުންގެ ކިބައިން ނަޝީދު ވަނީ މީގެ ކުރިން ވެސް އެދިވަޑައިގެންފައި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް މިއަދު އަމީރު ހުށަހެއްޅުވިއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ބަޖެޓް ހުށަޅުއްވަމުން އަމީރު ވިދާޅުވީ މި ބަޖެޓު މި ހުށަހަޅަނީ ކޮވިޑް-19 އާއެކު ދުނިޔެ އާއި ރާއްޖޭގެ އިގްތިސޯދަށް ތަދު މަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ކަމަށާއި، މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިގްތިސޯދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ދުނިޔެއާއެކީގައި ރާއްޖެއަށް ވެސް ދިމާވެފައިވާ އިގުތިސޯދީ ދަތިކަމުގެ ތެރެއިން، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ބަޖެޓުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމާއި ތަސައްވަރު ސާފުކޮށް ދެވިފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ހިތުގައި ސަރުކާރު އެކަން ކުރާނެކަމާ މެދު ޝައްކެއްް ނޫފެދޭ،" ނަޝީދު ވިދާޅުވި އެވެ.
ރޭގަނޑާއެކީ މަސައްކަތްކޮށްގެން، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު މިމަހުގެ 26 ވަނަ ދުވަހު ފާސްކުރަން މަޖިލީހުން ވަނީ އަމާޒުހިފާފައި އެވެ.