ބުރާސްފަތި ދުވަހު ބާއްވަން ހަމަޖައްސާފައިވާ ގައުމީ ފުޓްބޯޅަ އިދާރާގެ އިންތިހާބު ފަސްކުރަން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އެދިވަޑައިގެންފި އެވެ.
އިތުބާރުހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި މިނިސްޓަރު ޒުހޫރު ސޮއިކުރައްވާ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސަށް ސިޓީ ފޮނުއްވީ މިއަދު އެވެ. މިނިސްޓަރު އެދިވަޑައިގެންފައިވަނީ އެފްއޭއެމުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީވެ އިންތިހާބު ފަސް ކުރުމަށެވެ.
މިކަމާބެހޭ ގޮތުން އެފްއޭއެމުން އަދި ވަކިއެއްޗެއް ނުބުނެ އެވެ. ނަމަވެސް ބުރާސްފަތި ދުވަހު އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަކަން އެއިދާރާއިން ޔަގީންކޮށްދެ އެވެ.
އަވަސް އަށް ފެނިފައިވާ މި ސިޓީގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އެންމެ ރަނގަޅު ގޮތަކީ އޭސީސީން މައްސަލަ ބަލާ ނިމެންދެން އިންތިހާބު ފަސް ކުރުން ކަމަށެވެ.
އެފްއޭއެމުގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީ އަށް ވެއްދީ އެއިދާރާގެ ކުރީގެ އެގްޒެކެޓިވް ސެކްރެޓަރީ ހުސައިން ރަޝީދެވެ. އޭނާ އޭސީސީ އަށް ފޮނުވި ސިޓީގައިވަނީ އެފްއޭއެމަށް ސަރުކާރާއި ބައިނަލް އަގްވާމީ ޖަމާއަތްތަކުން ދެމުން އަންނަ ފައިސާ އެފްއޭއެމުގެ ވެރިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ކުލަބުތަކަށް ރިޝަވަތު ދެމުންދާ ކަމަށެވެ. އަދި މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ.
އެފްއޭއެމް އިންތިހާބަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓަކީ ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި އޭއެފްސީ އެކްސްކޯގެ ވެސް މެމްބަރު މުހައްމަދު ޝަވީދެވެ. މިހެންވެ އިންތިހާބުގައި އޮންނާނީ އޭނާ އާއި އޭނާގެ ޓީމަށް ފެންނަ ނުފެންނަ ވޯޓު ނެގުމެވެ.