ރާއްޖެ ކުޅިވަރު

މިނިސްޓަރު ވިދާޅުވިޔަސް އިންތިހާބު ފަހެއް ނުކުރާނެ: އެފްއޭއެމް

ބުރާސްފަތި ދުވަހު ބާއްވަން ހަމަޖައްސާފައިވާ ގައުމީ ފުޓްބޯޅަ އިދާރާގެ އިންތިހާބު ފަސްކުރަން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އެދިވަޑައިގެންނެވި ނަމަވެސް އިންތިހާބު ފަސް ނުކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެ އިދާރާއިން ދެންމެ މީޑިޔާތަކަށް ފޮނުވި އެސްއެމްއެސްގައި ބުނެފައިވަނީ އިންތިހާބު ލަސްކުރުމަށް އެދި މިނިސްޓަރުގެ ސިޓީ އެއް ލިބިފައިވާ ކަމަށާއި ނަމަވެސް އިންތިހާބު ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށެވެ.

"އަހަރުމެންނަށް ވަނީ މިނިސްޓްރީގެ ސިޓީއެއް ލިބިފައި އިންތިހާބު ލަސްކުރުމަށް. އެކަމަކު ޝެޑިއުލާ އެއްގޮތަށް އިންތިހާބު ކުރިއަށްދާނެ. އިންތިހާބު އޮންނާނެ ތާރީހަކީ 22 އޮކްޓޫބަރު 2015،" އެފްއޭއެމުގެ މީޑިޔާ އޮފިޝަލް ޝިމާޒް އަލީ ފޮނުއްވި މެސެޖްގައިވެ އެވެ.

މިނިސްޓަރު ޒުހޫރު ސޮއިކޮށް އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސަށް ސިޓީ ފޮނުއްވީ މިއަދު އެވެ. އެ ސިޓީގައި މިނިސްޓަރު އެދިވަޑައިގެންފައިވަނީ އެފްއޭއެމުގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީވެ އިންތިހާބު ފަސްކުރުމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އޭސީސީން މައްސަލަ ބަލާ ނިމެންދެން އިންތިހާބު ފަސް ކުރުން ކަމަށެވެ.

އެފްއޭއެމުގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީ އަށް ވެއްދީ އެއިދާރާގެ ކުރީގެ އެގްޒެކެޓިވް ސެކްރެޓަރީ ހުސައިން ރަޝީދެވެ. އޭނާ އޭސީސީ އަށް ފޮނުވި ސިޓީގައިވަނީ އެފްއޭއެމަށް ސަރުކާރާއި ބައިނަލް އަގްވާމީ ޖަމާއަތްތަކުން ދެމުން އަންނަ ފައިސާ އެފްއޭއެމުގެ ވެރިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ކުލަބުތަކަށް ރިޝަވަރުދެމުންދާ ކަމަށެވެ. އަދި މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ.

އެފްއޭއެމް އިންތިހާބަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓަކީ ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި އޭއެފްސީ އެކްސްކޯގެ ވެސް މެމްބަރު މުހައްމަދު ޝަވީދެވެ. މިހެންވެ އިންތިހާބުގައި އޮންނާނީ އޭނާ އާއި އޭނާގެ ޓީމަށް ފެންނަ ނުފެންނަ ވޯޓު ނެގުމެވެ.