ހަބަރު

ތައުލީމުގެ ބިލު ތަސްދީގު ކުރައްވައިފި

Nov 10, 2020
1

ތައުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ އޮކްޓޫބަރު 26، 2020 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގާނުނެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދަކީ އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ މުދައްރިސުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުމެވެ. އަދި އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ އަދި އިސްލާމީ ޝަރީއަތާއި އަގީދާއާ ފުށުނާރާނެހެން އިންސާނީ ހައްގުތަކަށް އިހްތިރާމު ކުރުމަށާއި އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ އެ ކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ތައުލީމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުގެ ފަހުން އެންމެ އަވަހަށް ފެށޭ ދިރާސީ އަހަރު އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މިހާރު އަމަލު ކުރަމުންދާ ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު އުވިގެންދާނެ އެވެ.