ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިސާއާ ބެހޭ ގޮތުން ޔޫތު މިނިސްޓްރީން މިއަދު ނޫސްބަޔާން ނެރުނީ އެފްއޭއެމް ބަދުނާމުވާގޮތަށް ކަމަށް ބުނެ އެފްއޭއެމުން ވެސް ނޫސް ބަޔާނެއް ނެރެފި އެވެ.
މިނިސްޓްރީން މިއަދު މެންދުރު ނެރުނު ނޫސް ބަޔާނަށް ރައްދުދެމުން ގައުމީ ފުޓްބޯޅަ އިދާރާއިން މިއަދު ހަވީރު ނެރުނު ބަޔާނުގައިވަނީ މިނިސްޓްރީގެ ބަޔާނަކީ ފުޓްބޯޅައިގެ ހަރަކާތްތަކުގައި މިނިސްޓްރީގެ އޮތް ހިއްސާ އާއި ޕްރޮފެޝަނަލިޒަމާ ހިލާފަށް ނެރެފައިވާ ބަޔާނެއް ކަމަށެވެ. އަދި އެފްއޭއެމަކީ ސަރުކާރާއި މިނިސްޓްރީ އަށް އަބަދުވެސް އެއްބާރުލުންދޭ ތަނެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ނޫހެއްގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން މި އެސޯސިއޭޝަން ބަދުނާމުވާގޮތަށްއެފަދަ ނޫސްބަޔާނެއް ނެރުމަކީ މި އެސޯސިއޭޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
އިތުރަށް ބަޔާނުގައިވަނީ ވަނީ އެފްއޭއެމުން އަބަދުވެސް ކަންކަން ކުރަނީ މިނިސްޓްރީއާ މަޝްވަރާކޮށްގެން ކަމަށާއި ޕްރެޒިޑެންޓްސް ކަޕަކީ ސަރުކާރާއި މިނިސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ނިމިފައިވާ މުބާރާތެއް ކަމަށެވެ.
އެފްއޭއެމާއި މިނިސްޓްރީން ނޫސްބަޔާން މެދުވެރިކޮށް މިއަދު ކޯޅެމުންދަނީ ގަލޮޅު ދަނޑުގެ ވިނަގަނޑު އެފްއޭއެމުން ބުނި މުއްދަތަށް މިނިސްޓްރީ އަށް ނިންމާނުލެވި ޓާފް ދަނޑުގައި އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ މެޗުތައް ކުޅެން ޖެހުމުން "މިނިސްޓްރީން އެފްއޭއެމަށް ޖެއްސުންކުރީތަ؟" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނަނީ އެލިޔުމުގައި އޮތީ ޕްރެޒިޑެންޓްސް ކަޕަށް ކުލަބުތަކަށް ދިން ފައިސާ އަކީ އެފްއޭއެމުން ދިން ފައިސާ ކަމަށް ދޭހަވާގޮތަށް ކަމަށެވެ. ނަމަވެސް އެފްއޭއެމާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެފްއޭއެމުން އެދުނު އަދަދު ކަމަށްވާ 2.7 މިލިއަން ރުފިޔާ މިނިސްޓްރީން ދީފައިވާ ކަމަށެވެ. މިހެންވެ މީޑިޔާތަކުން ލިޔާއިރު ޒިންމާދާރުކަމާއިއެކު ތެދު މައުލޫމާތު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށް ދިނުމަށް މިނިސްޓްރީން އިލްތިމާސް ކުރާ ކަމަށެވެ.