ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓޫރިޒަމް ހަރަކާތް މަދުވެ މީރާގެ އާމްދަނީ ދަށްވެއްޖެ

ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތ މަދުވެ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެއްޖެ އެވެ.

މީރާ އިން އާންމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު މީރާއަށް 390.57 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. އެކަމަކު މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 57.9 ޕަސެންޓް ދަށް އަދަދެކެވެ.

މީރާއިން ބުނީ އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުން ކަމަށްވެސް މީރާއިން ވަނީ ބުނެފަ އެވެ.

ތަފާސް ހިސާބަށް ބަލާއިރު ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފަ އެވެ. މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 63.3 ޕަސެންޓް ނުވަތަ 247.42 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 13.4 ޕަސެންޓު ނުވަތަ 52.39 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ، ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 42.56 މިލިއަން ރުފިޔާ ހިމެނެ އެވެ. މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 4.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.