އެމްއެމްއޭ

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި

ޓޫރިޒަމް ދާއިރާގައި ހިންގާ ވިޔަފާރިތައް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ)ގައި ރަޖިސްޓްރީކުރުމަށް ހުޅުވާލައިިފި އެވެ.

އެމްއެމްއޭގައި ވިޔަފާރިތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލީ ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ އާ ގަވާއިދު މި މަހުގެ އެއްވަނަ ދުވަހު ގެޒެޓުކޮށް، އެއަށް އަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

އެމްއެމްއޭ އިން ގެޒެޓްކޮށްފައިވާ ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އަލުން މީރާގައި ރަޖިސްޓަރީވުމަށްފަހު އެމްއެމްއޭގައި ރަޖިސްޓްރީވާން 30 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

މީރާގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީވާން ޖެހެނީ ރިޕޯޓިން ރިކުއާމަންޓެއްގެ ގޮތުގައި އެ އޮތޯރިޓީން ހަދާފައިވާ އެމްއެމްއޭ އެފެކްސް ޕޯޓަލް ރަޖިސްޓްރޭޝަން ފޯމު މެދުވެރިކޮށެވެ.

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ އެމްއެމްއޭ އަށް ހުށަހެޅުމަށާއި ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ މަހަށްފަހު 87 ދުވަސް ކުރިން ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަން ޖެހެ އެވެ. އަދި އެގޮތަށް އަމަލުކުރުމަށްފަހު އެކަން އެމްއެމްއޭއަށް އަންގަންވެސް ޖެހެ އެވެ.

އެމްއެމްއޭއިން އާންމުކުރި ގަވާއިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އޭ ކެޓަރަގަރީގެ ވިޔަފާރިތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އަދި ބީ ކެޓަގަރީގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއަކަށް 28 ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީ ކޮންމެ މަހެއްގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަކުން ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ އެވެ.