ގްރީން ޓެކްސް ބޮޑުކުރަން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގަނީ ތިން ޑޮލަރެވެ.
ގާނޫނަށް ހުށަހެޅި އިސްލާހުގައި އެ އަދަދު ހަ ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ.
ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގަނީ ހަ ޑޮލަރެވެ.
އެ އަދަދު 12 ޑޮލަރަށް ބޮޑުކުރަން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
އިސްލާހުގައިވާ ގޮތުން ގްރީން ޓެކްސްގެ އާ ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.